ކުޅިވަރު

ޑޯޓްމުންޑް ސަޕޯޓަރުން، ކުޅިވަރުގެ ރީތި ނަމޫނާއެއް


ފުޓްބޯޅައަކީ ދުނިޔޭގެ ކޮންމެ ދިމާލަކަށް ބެލިނަމަވެސް ގިނަބައެއް އެއްބައިވަންތަ ކުރުވާ އެއްތަނަކަށް، އެއް ކްލަބަކަށް ސަޕޯޓުރުކުމަށްޓަކައި އެތަށް ބަޔަކު އެއްވާ ކުޅިވަރެކެވެ.

ގިނަ މީހުން އެއް އަޒުމެއްގައި އަމިއްލަ ކްލަބަށް ނުވަތަ ޤައުމީ ޓީމަށް ސަޕޯޓުކުރުމަށްޓަކައި ބޮޑެތި ކަނޑުތަކާއި ޤައުމުތައް ހުރަސްކޮށް ޓީމަށް ހިއްވަރު ދިނުމަށް އަތުން ބޮޑު ޙަރަދުތަކެއް ކޮށްފައި ދަނީ މިކުޅިވަރަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުންނެވެ. ފުޓްބޯޅައަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ އަދި އެންމެ ގިނަ ބަޔަކު އެކުޅިވަރެއް ކުޅޭ ކުޅިވަރުވެސް މެއެވެ.

މިގޮތަށް ދެޓީމަކަށް ސަޕޯޓުކުރާ ގިނަ ބައެއް ދަނޑުތެރޭގެ އެކްލަބަށް ސަޕޯޓުކުރަމުންދާއިރު ބައެއް ފަހަރު ހަމަނެޖުހުމާއި ތަޅާފޮޅުންވެސް ފުޓްބޯޅަ ސަޕޯޓަރުންގެ ތެރޭގައި ދަނީ ފެންނަމުންނެވެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ގިނައިން ފެންނަމުންދަނީ ފުޓްބޯޅައިގެ ސަބަބުން މީހުން އެއްތަން ކުރުވާ އާރަށްޓެހިންނާއި ރަހުމަތްތެރިން މިކަމުގެ ތެރެއިން އުފެދިގެންދާ މަންޒަރެވެ.

މިފަދަ އެންމެ ރީތި މިސާލެއް ފެނިގެންދިޔައީ ޖަރުމަންގެ ޑޯޓްމަންޑް ސަޕޯޓަރުންގެ ފަރާތުންނެވެ.

ޑޯޓްމަންޑް ޗެމްޕިއަންސް ލީގުގައި މިދިޔަ އަންގާރަ ދުވަހު ކުޅުމަށް ހަމެޖިފައިވާ މެޗް ޖެހިގެން އައި ދުވަށް ލަސް ކުރެވިގެންދިޔައީ ފުޓްބޯޅައިގެ ތެރެއިން މިފަހަކަށް އައިސް ފެނިގެންދިޔަ އެންމެ ހިތާމަވެރި އެއް ހާދިސާއާ ގުޅިގެންނެވެ. އެއީ ޑޯޓްމަންޑް ޓީމު ދަތުރުކުރަމުންދިޔަ ބަސް ކައިރިން ތިން ބޮމެއް ގޮވާ ޓީމުގެ ކުޅުންތެރިއަކަށް އަނިޔާވުމާ ގުޅިގެންނެވެ.

މިއީ ގަސްތުގައި ބަޔަކު ދިން ހަމަލާއެއް ކަމުގައި ޖަރުމަން ފުލުހުން މިހާރު ވަނީ ބުނެފައެވެ. މިޙާދިސާ އާއި ގުޅިގެން އެރޭ ކުޅުމަށް ހަމަޖެހިފައި އޮތް މެޗު ބުދަދުވަހުގެ ރެއަށް ލަސްކުރެވުނުވެ. އަދި މިއާއެކު ޑޯޓްމަންޑާއި އިދިކޮޅުން ކުޅުމަށް ހަމަޖެހިފައިވާ މޮނާކޯ ޓީމަށް ސަޕޯޓުރުކުރުމަށްޓަކައި މޮނާކޯއިން ޖަރުމަންވިލާތުގެ ޑޯޓްމަންޑަށް ދަތުރު ހަދައިގެން ދިޔަ ސަޕޯޓަރުންނަށް ޖެހުނީ އިތުރު ރެއެއް ޖަރުމަންގައި މަޑުކުރާށެވެ. އާއްމު ގޮތެއްގައި ޔޫރަޕްގެ ސަޕޯޓަރުން މެޗުތަކަށް ދަތުރުކުރާނީ މެޗު ނިމުމާއެކު އަނބުރާ ރަށަށް ދާގޮތަށް ތައްޔާރުވެގެންނެވެ.

އެހެންނަމަވެސް ޑޯޓްމަންޑްގައި އަންގާރަދުވަހު ހިނގާދިޔަ ޙާދިސާއާއެކު މެޗު ލަސްކުރެވުމުން މޮނާކޯ ސަޕޯޓަރުންނަށް ޖެހުނީ އިތުރު ދުވަހެއް ޖަރުމަންގައި މަޑުކުރަންށެވެ. މިއާއެކު ދެން ފެނިގެންދިޔައީ ފުޓްބޯޅައިގެ ސަބަބުން މީހުން އެއްބައިކުރުވާ އިންސާނިއްޔަތުގެ ރީތި އަޙުލާގު ފުޓްބޯޅަ އާއިލާ އާއިވެސް ގުޅިފައިވާ މިންވަރެވެ. ޑޯޓްމަންޑް ސަޕޯޓަރުންވަނީ މޮނާކޯ ސަޕޯޓަރުން އެރޭ ޖަރުމަންގައި މަޑުކުރަން ޖެހުމުން ނިދާނެ ތަނާއި މެހެމާންދާރީ އަދާކޮށްދީފައިއެވެ.

img:http://s2.psmnews.mv/images/660x400/14920685731009.jpg|ޑޯޓްމުންޑާ މޮނާކޯ ސަޕޯޓަރުން އެކުގައި

މިގޮތުން ޑޯޓްމަންޑްގެ އޮފިޝަލް ޓްވިޓަރ އެކައުންޓުން ވަނީ އަވޭ ސަޕޯޓަރުންނަށް މަޑުކޮށްލަން ބޭނުންވާ ތަނެއް ހޯދައިދިނުމަށްޓަކައި ޙާއްސަ ހޭޝްޓެގެއް ތައްޔާރުކޮށް ޓްވިޓަރގެ ޒަރިއްޔާއިން އެއް ކްލަބްގެ ސަޕޯޓަރުން އަނެއް ކްލަބްގެ ސަޕޯޓަރުންނަށް މެހެމާންދާރީ އަދާކޮށް ނިދާ ކައިބޮއެ ހެދޭނެ އިންތިޒާމް ހަމަޖައްސައިދީފައިއެވެ. މިއީ ފުޓްބޯޅައިގެ ތެރެއިން އަޅުގަނޑުމެންނަށް ފެނިގެންދިޔަ ލާމަސީލު ނަމޫނާއެކެވެ. ހަމަނުޖެހުމާއި ބިރުވެރިކަމުގެ ތެރެއިން އިންސާނިއްޔަތުކަމާއި ރީތި އަޙުލާގު އަދި މެހެމާންދާރީގެ ރީތި ނަމޫނާއެއް ޑޯޓްމަންޑް ސަޕޯޓަރުން މުޅި ދުނިޔެއަށް މިވަނީ ދައްކުވައި ދީފައެވެ.

އެއްރޭ ދެކްލަބްގެ ސަޕޯޓަރުން އެކުގައި ހޭދަކުރުމަށްފަހު ޖެހިގެން އައިރޭ މެޗުގައި ދެޓީމުގެ ސަޕޯޓަރުންވެސް ވަނީ ފުޓްބޯޅައިގެ ޖޯށާ ފޯރީގައި ކްލަބަށް ސަޕޯޓުކޮށްފައެވެ.

ބުދަދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގެ ކުރާޓަރ ފައިނަލްގެ ފުރަތަމަ ލެގްގައި ޑޯޓްމަންޑާއި މޮނާކޯ ބައްދަލުކުރި މިމެޗު ނިމުނީ ތިނެއް ދޭކުން މޮނާކޯ ކުރި ހޯދައިގެންނެވެ.

އެހެންނަމަވެސް މިމެޗާއެކު ޑޯޓްމަންޑްގެ ސަޕޯޓަރުން ދައްކުވައިދިން ރީތި ނަމޫނާ އާއެކު އެކްލަބްގެ ނަންވެސް މިވަނީ އަޅުގަނޑުމެންގެ ހިއްތަކުން ޚާއްސަ މަޤާމެއް ހޯދާފައެވެ.