ކުޅިވަރު

މޯހަންއާއެކު ދ.އަތޮޅުގެ ޗެންޕިއަންކަން ކުޑަހުވަދޫއަށް


މުޙައްމަދު ޝިޔާޒު (މޯހަން)ގެ އިރުޝާދުގެ ދަށުން މިނިވަން ޗެމްޕިއަންޝިޕްގެ ދ.އަތޮޅު ޗެންޕިއަންކަން ކުޑަހުވަދޫ ހޯދައިފިއެވެ.

ދެ ޓީމް ވާދަކުރި ދ.އަތޮޅުގެ ޗެންޕިއަންކަން ކުޑަހުވަދޫ ހޯދީ ދެ ލެގުގެ ނަތީޖާއިން މީދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. އިއްޔެ ހަވީރު ކުޅުނު ދެވަނަ ލެގުގެ މެޗު 1-1 ން އެއްވަރުވި ނަމަވެސް ކުޑަހުވަދޫއަށް ޗެންޕިއަންކަން ލިބުނީ ފުރަތަމަ ލެގުގެ މެޗު 2-1 ން ކާމިޔާބުކޮށްފައިވާތީއެވެ. އިއްޔެ ކުޅުނު ދެވަނަ ލެގުގެ މެޗުގައި ފުރަތަމަ ކުރި ހޯދީ މީދޫންނެވެ. ފުރަތަމަ ހާފްގައި މީދޫއަށް ކުރި ލިބުނީ ހަސަން މިރުސާލް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. ދެވަނަ ހާފްގައި ކުޑަހުވަދޫ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ އިބްރާހީމް ރަޝާދުއެވެ. 

ކުރިން ޤައުމީ ޓީމްގެ އެސިސްޓެންޓް ކޯޗުކަމާއި، ނިއުރޭޑިއަންޓާއި، ވެލެންސިޔާ އަދި މަހުބަދޫއަށް އިރުޝާދުދީފައިވާ މޯހަންއާއެކު ކުޑަހުވަދޫން ވަނީ ދުރާލާ ޕްރެކްޓިސްވެސް ފަށާފައެވެ.

މިނިވަން ޗެންޕިއަންޝިޕްގައި އިއްޔެ ކ.އަތޮޅުގައި ކުޅެން އޮތް މެޗަށް ދިއްފުށި ޓީމް ހާޟިރު ނުވުމުން އެމެޗުން ގުޅި މޮޅޫވީކަމަށް ވަނީ ނިންމާފައެވެ. ކ.އަތޮޅުގެ ފައިނަލްގައި މާދަމާ ވާދަކުރާނީ ގުރއިދޫއާއި މާފުށްޓެވެ.