ކުޅިވަރު

ސެންޓޭ އިތުރު 3 އަހަރު ނިއުގައި މަޑުކުރަން ނިންމައިފި


މިދިޔަ އަހަރުގެ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ ފާސިރު (ސެންޓޭ) އިތުރު ތިން އަހަރު އެކްލަބްގައި މަޑުކުރަން ނިންމާ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. 

މިދިޔަ އަހަރު ރަންބޫޓްވެސް ހޯދި ސެންޓޭގެ އާއެއްބަސްވުމުގެ ދަށުން 2020 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް ނިއުރޭޑިއަންޓްގައި މަޑުކުރާނެއެވެ. ސޮއިކުރުމަށްފަހު ސެންޓޭއާ ހަވާލުކުރި ޖަރޒީގައިވެސް ޖަހާފައިވަނީ 2020 އެވެ. ސެންޓޭއަކީ މިސީޒަންގައި އެންމެ ބޮޑު އަގުގައި ކްލަބް ބަދަލުކުރި އެއް ކުޅުންތެރިޔާވެސް މެއެވެ. ނިއުއާއެކު އޮތް އެއްބަސްވުން އާކުރުމަށްފަހު ސެންޓޭ ބުނީ ކްލަބްގައި މަޑުކުރީ ކްލަބްގެ ހުރިހާކަމެއްވެސް ރަނގަޅުވުމުންކަމަށެވެ.

" ހުރިހާކަމެއްވެސް ވަރަށް ރަނގަޅު. އެއްވެސް ކުޅުންތެރިއަކު ތަފާތެއް ނުކުރޭ. ޗެއަރމަން ވަރަށް ރަނގަޅު. ބަރާބަރަށް ބައްދަލުކޮށް، ޕްރެކްޓިސްތަކަށް އާދޭ. ކޮންމެ މެޗެއްގެ ކުރިން ބައްދަލުކުރޭ " އެއްބަސްވުން އާކުރި ސަބަބުތަކާ ގުޅޭގޮތުން ސެންޓޭ ބުންޏެވެ.

މޮޅޫ ކުޅުންތެރިޔާގެ މަޤާމާއި، ރަން ބޫޓް ސެންޓޭ ހޯދީ މިދިޔަ އަހަރު ޓީސީގައެވެ. ނަމަވެސް އޭގެކުރިން އޭނާ ކުޅުނީވެސް ނިއުރޭޑިއަންޓަށެވެ. އޯލްޔޫތް ލިންކޭޖުން ކެރިއަރު ފެށި ސެންޓޭއަކީ މިއަހަރުގެ ސީޒަންގެ މެދުތެރެއިން އެއްބަސްވުން އާކުރިކަން އިއުލާންކުރި ފުރަތަމަ ކުޅުންތެރިޔާއެވެ. މައުލޫމާތުލިބިފައިވާ ގޮތުގައި ނިއުއިން އަންނަނީ ސީޒަން ތެރޭގައި ކްލަބްގެ ކުޅުންތެރިންގެ އެއްބަސްވުންތައް އާކުރުމަށް ވާހަކަ ދައްކަމުންނެވެ.

ސެންޓޭ އެއްބަސްވުން އާކުރިއިރު ނިއުއަށް ކުރިއަށް އޮތީ މުޙިންމު މެޗެކެވެ. އެއީ އެންމެ ވާދަވެރި މާޒިޔާއާއި މިސީޒަންގައި ވާދަކުރާ ފުރަތަމަ މެޗެވެ. ނިއުއާއި މާޒިޔާ ވާދަކުރާނީ މާދަމާ ހަވީރެވެ.