ކުޅިވަރު

މެޗު އެއްވަރު، ދެ ކޯޗުންގެ ހިތްހަމަ ނުޖެހުން ކީޕަރާއި، ރެފްރީއަށް


އެސްޓީއޯ މާލޭ ލީގުގައި މިރޭ ޓީސީއާއި ވިކްޓްރީ ވާދަކުރި މެޗު 2-2 ން އެއްވަރުވެ، ދެ ކޯޗުންގެ ހިތްހަމަ ނުޖެހުން ކީޕަރާއި ރެފްރީއަށް އަމާޒުވެއްޖެއެވެ.

މެޗުން މޮޅުވުން ވަރަށް ބޮޑަށް މުޙިންމުވެފައި އޮތް ވިކްޓްރީގެ ކޯޗު އަލީ ސުޒޭން ހިތްހަމަ ނުޖެހުނީ އެޓީމްގެ ސީރިޔާ ކީޕަރު ޔޫސްފްއާމެދުގައެވެ. ކީޕަރު މެޗު ލަސްކުރަން މަސައްކަތްކޮށްފައިވާތީ ސުޒޭން ވަނީ އެފަދަ ކީޕަރެއް ބޭނުން ނުވާކަމަށް ބުނެ ކީޕަރުގެ އަމަލުތަކާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. ސުޒޭން ބުނީ ކުޅި ބަލާ މީހުން ދަނޑަށް އަންނަނީ މެޗު ލަސްކުރާތަން ބަލަން ނޫންކަމަށާއި، ރަނގަޅު ފުޓްބޯޅަ މެޗެއް ބަލަން ކަމަށެވެ. ދަނޑަށް މީހުން ވަނުން މަދުވެފައި އޮތް އިރު އިތުރަށް އެފަދަ ސަކަރާތް ޖަހާނަމަ މިކަން ރަނގަޅުނުވާނެކަމަށް ސުޒޭން ބުންޏެވެ. މެޗު ލަސްކުރާނަމަ އަބަދުވެސް އެޓީމަކަށްވެސް ފާޑުކިޔާ ސުޒޭން ބުނީ މެޗު ލަސްކުރަން މިރޭވެސް އޭނާގެ ޓީމްގެ ކީޕަރު ދެފަހަރަށް ވެއްޓިގަތްކަމަށެވެ. އެހެން ހަދާނަމަ ކީޕަރު ބަދަލުކުރާނެކަމަށާއި، ފަހަރުގައި އެސަކަރާތް ( މެޗު ލަސްކުރުން ) ސުޒޭނަށް ރަނގަޅު ނޫންކަން ކީޕަރަށް ނޭންގެނީކަމަށް ވެދާނެކަމަށްވެސް ކޯޗު ބުންޏެވެ.

" މިއީ ކެރިއަރުގައި އެންމެ ފުރަސްޓްރޭޓްވި މެޗު. މިމެޗާއި ގުޅޭގޮތުން ވާހަކަ ދައްކާކަށްވެސް ބޭނުމެއްނޫން. ވިކްޓްރީގެ ސަޕޯޓަރުންނާއި، ކުޅި ބަލަން ވަން މީހުންގެ ފަރާތުން މަޢާފަށްވެސް އެދެން " މެޗަށްފަހު ހިތްހަމަ ނުޖެހިފައި ހުރި ކޯޗު އަލީ ސުޒޭން ބުންޏެވެ. 

ޓީސީގެ ކޯޗު މުޙައްމަދު ނިޒާމްގެ ހިތްހަމަ ނުޖެހުން އަމާޒުވީ މެޗުގެ ރެފްރީއަށެވެ. ކުޅުންތެރިންނާއި، ޓީމްތަކުން ވަރަށްބޮޑަށް ތައްޔާރުވެގެން އަންނައިރު ރެފްރީން އެވަރަށް ތައްޔާރުނުވާކަމަށް ނިޒާމް ބުންޏެވެ. އޭނާ ބުނީ މުޅި މެޗު ދިޔައީ ގޯހުން ގޯހަށް ކަމަށެވެ.

" މެޗު ފެށުނީއްސުރެ ދިޔައީ ގޯހުން ގޯހަށް، ރަނގަޅަށް އެއްކަމެއްވެސް ނުދޭ. މެޗު ފެށުނީއްސުރެވެސް ރެފްރީއަށް މެޗު ކޮންޓްރޯލެއް ނުވޭ. މިފެންވަރުގެ މެޗަކަށް ރެފްރީ ތައްޔާރެއްނޫން. ފެށި އިރުވެސް ރެފްރީ ހުރީ ޕްރެޝަރުގައި " ޓީސީއަށް ދެ ޕެނަލްޓީ ދިން މެޗަށްފަހު ނިޒާމް ބުންޏެވެ.

މެޗާ ގުޅޭގޮތުން ނިޒާމް ބުނީ ކޮންމެ މެޗަކަށްވެސް ނިކުންނަނީ ތިން ޕޮއިންޓް ހޯދަން ކަމަށާއި، އެއް ޕޮއިންޓަކީވެސް ގޯސް ނަތީޖާއެއް ނޫންކަމަށެވެ. މިއީ ރަނގަޅު ކުރަން ލިބުނު ފުރުޞަތެއްކަމަށް ނިޒާމް ބުންޏެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ވިކްޓްރީންނެވެ. ވިކްޓްރީގެ ލަނޑު ޖަހައިދިނީ ބިދޭސީ ކުޅުންތެރިރާ ކެރިކްއެވެ. އޭގެ ކުރިން ޓީސީއަށް ލިބުނު ޕެނަލްޓީ ބިދޭސީ ޑިފެންޑަރ އީސަ ޖެހުމުން ދިޔައީ އަރިމަތިން ބޭރަށެވެ. އެއީ އަހުމަދު ނިޔާޒު އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީއެކެވެ. ފުރަތަމަ ހާފް ނިމެން މިނިޓަކަށް ވެފައިވަނިކޮށް ޓީސީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ނާއިޒު ހަސަން (ދާދު)އެވެ. އޭނާ ލަނޑު ޖެހީ ވިކްޓްރީގެ ކީޕަރު އަތުން ޖަހައި ފޮނުވާލި ބޯޅަ ގޯލް އޭރިޔާ ރޮނގުމަތީ ހުރެ ބޮލުން ފޮނުވާލައިގެންނެވެ. ދެވަނަ ހާފްގައި ވިކްޓްރީއަށް ދެވަނަ ފަހަރަށް ލީޑް ނަގައިދިނީވެސް ކެރިކްއެވެ. ކެރިކްގެ ލަނޑަށްފަހުވެސް ރަނގަޅު ބޯޅައެއް އޭނާ ފޮނުވާލިއެވެ. އެބޯޅަ ޓީސީގެ ނޭޕާލް ކީޕަރު ދިފާއުކުރިއެވެ. ޓީސީގެ ބިދޭސީ ފޯވާޑް ކޯނޭ ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގައި ޓީސީއަށް ރެފްރީ ދިން ދެވަނަ ޕެނަލްޓީންނެވެ. 

ދެވަނަ ހާފްގައި ޝަމްވީލް ޤާސިމް (ބޮންޑާ) އޭރިޔާ ބޭރުން ފޮނުވާލި ބާރު ބޯޅަ ގޯލާ އަމާޒެއް ނުވިއެވެ. ވިކްޓްރީގެ އިސްމާއީލް އީސާ ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ. މުޅި މެޗުގައިވެސް އެންމެ ހުސް ފުރުޞަތެއް ލިބުނީ މެޗުގެ އެންމެ ފަހު މިނިޓްގައި ކެރިކަށެވެ. ހަސަން އަދުހަމްވެސް ހުސްކޮށް އޮއްވާ ކެރިކް މަސައްކަތްކުރީ އަމިއްލައަށް ޖަހާށެވެ. ކީޕަރު ކައިރިން ނައްޓަން އުޅުނު ނަމަވެސް ދެފަހަރު މަތިން މަސައްކަތްކޮށްގެން ޓީސީގެ ކީޕަރު ކިރަން ވަނީ އެބޯޅަ ދިފާއުކޮށްފައެވެ.

މެޗުން ލިބުނު ޕޮއިންޓާއެކު 4 މެޗުން ވިކްޓްރީއަށް ލިބެނީ 2 ޕޮއިންޓެވެ. 3 މެޗުން ޓީސީއަށް ވަނީ 6 ޕޮއިންޓް ލިބިފައެވެ.

ލީގުގައި މާދަމާ ހަވީރު ވާދަކުރާނީ ނިއުރޭޑިއނަްޓާއި މާޒިޔާއެވެ. މާދަމާރޭ ވާދަކުރާނީ ޔުނައިޓެޑް ވިކްޓްރީއާއި ގްރީން ސްޓްރީޓެވެ.