ޚަބަރު

ޤާސިމް އިބްރާހީމް ދޫކޮށްލުމަށް ހައިކޯޓުން އަމުރުކޮށްފި


ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދޫކޮށްލަން ހައި ކޯޓުން ދެންމެ އަމުރުކޮށްފި އެވެ. 

މިގޮތަށް އަމުރުކުރީ ޤާސިމް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި އޭނާގެ ފަރާތުން އިސްތިއުނާފު ކުރުމުން އެކަމާމެދު ގޮތެއް ނިންމުމަށް ހައިކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުންނެވެ. 

ޤާސިމް މިއަދު ދޫކޮށްލިއިރު، އޭނާގެމައްޗަށް ތިން ދައުވާއެއް ދައުލަތުންވަނީ އުފުލާފައެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރައްވާ މި ދަޢުވާތައް މިހަރުވަނީ ކުރމިނަލްކޯޓަށް ހުށައަޅުއްވާފައެވެ. ޤާސިމްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހުށައަޅަން އުޅުމުގެ ކުށުގެ ދަޢުވާއާއި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭކަމަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމުގެ ކުށުގެ ދަޢުވާއާއި، ވޯޓް ދޭންހުރި މީހަކަށް ނުވަތަ ދައުލަތުގެ މަސައްކަތެއް ކުރުމަށް ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ކުށުގެ ދައުވާއެވެ. 

ރިޝްވަތު ދޭން އުޅުމުގެ ކުށުގެ ދަޢުވާ ސާބިތުވެއްޖެނަމަ އެ ކުށަށް ދެވެނޭ އެންމެ ބޮޑު އަދަބަކީ 8 އަހަރަށް ޖަލަށްލުމެވެ. ރަސްމީ ޙައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމާއި  ވޯޓް ދޭންހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ކުށުގެ ދަޢުވާ ސާބިތުވެއްޖެނަމަ އެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ 4 އަހަރަށް ޖަލަށްލުމެވެ. 

މި ކުށްތައް ޤާސިމް އިބްރާހީމްގެ މައްޗަށް ސާބިތުވެއްޖެނަމަ އެނާ ތަމްސީލުކުރައްވާ ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ ގޮނޑި އޭނާއަށް ގެއްލުމުގެ ފުރުޞަތު އެބައޮތެވެެ. 

މިދިޔަ ބުރާސްފަތިދުވަހުގެރޭ ކޯޓް އަމުރެއްގެ ދަށުން ޤާސިމް އިބްރާހިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބޮޑު 4 ކުށެއްގެ ތުހުމަތުގައެވެ. އޭގެތެރޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ވައްޓާލަން މަސައްކަތްކުރިކަމުގެ ތުހުމަތާއި ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން މަސައްކަތްކުރިކަމުގެ ތުހުމަތު ހިމެނެއެވެ. ގާސިމްގެ ބަންދަށް ކުރިމިނަލްކޯޓުން އިތުރުކޮށްދެއްވި ހަ ދުވަސް މިއަދަށް ހަމަވާނެއެވެ. އެހެންނަމަވެސް އޭގެކުރިން ހައިކޯޓުގެ އަމުރަކާއެކު އޭނާ މިވަނީ މިނިވަންވެފައެވެ.