ދުނިޔެ

އަބުރާބެހިގެން 3 މިލިއަން ޑޮލަރު ދައްކަން ޖެހިއްޖެ!


އިނގިރޭސިވިލާތުގެ މަޝްހޫރު ޑެއިލީ މެއިލް ނޫހުން އެމެރިކާގެ ފަސްޓްލޭޑީގެ މެލަނިއާ ޓްރަމްޕްގެ އަބުރުފުޅަށް އަރައިގަތް މައްސަލައެއްގައި، ބަދަލެއްގެ ގޮތުގައި 3 މިލިއަން ޑޮލަރު ދައްކަންޖެހިއްޖެއެވެ. 

މިމައްސަލަ ފެންމަތިވީ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، ޑެއިލީ މެއިލު ނޫހުން، މެލަނިއާ މެޑޮލް ކުރަން އުޅުނު ދުވަސްވަރު އޭނާއަކީ ހަށިވިއްކާ މީހެއްކަމަށްވާ ސިފަކޮށް ޙަބަރުތައް ފެތުރި ހިސާބުންނެވެ. މިމައްސަލައާ ގުޅިގެން މިދިޔަ ފެބްރުއަރީމަހު މެލައިނާ ވަނީ، އެޚަބަރާ ގުޅިގެން އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 150 މިލިއަން ޑޮލަރު ނަގައިދިނުމަށް އެދި ކޯޓަށް މައްސަލަ ހުށަހަޅުއްވާފައެވެ. 

img:http://s1.psmnews.mv/images/660x400/14919971393501.jpg|އެމެރިކާގެ ރައީސްގެ އަނބިކަނބަލުން މެލަނިއާ ޓްރަމްޕް / އޭނާއަކީ ކުރީގެ މަޝްހޫރު މޮޑެލްއެއް

މިމައްސަލައިގައި ދެފަރާތުން ވާހަކަދެއްކުމަށްފަހު ޑެއިލީ މެއިލުން ވަނީ މެލަނިއާއަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް އެއްބަސްވެފައެވެ. އަދި އެނޫހުން ވަނީ ރަސްމީކޮށް އެކަމަށް މަޢާފަށް އެދިފައެވެ. ޑެއިލީ މެއިލުން ބުނީ މެލަނިއާއާ ގުޅޭގޮތުން ހަޤީޤަތާއި ޚިލާފް ވާހަކަތަކެއް ފެތުރިފައިވާކަމަށެވެ. 

ޑެއިލީ މެއިލުން ބަދަލެއްގެ ގޮތުގައި ދިން އަދަދު ޔަޤީން ނުވާއިރު، ޤާނޫނީކަމަށް ދިޔަ ޙަރަދުތަކާއެކު 3 މިލިއަނެއްހާ ޑޮލަރު މެލަނިއާއަށް ދިންކަމަށް ޙަބަރުތައް ބުނެއެވެ. 

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އަނބިކަނބަލުން މެލަނިއާ ޓްރަމްޕަކީ ކުރީގެ މަޝްހޫރު މޮޑެލްއެކެވެ. ޑޮނާލްޑް ޓްރަމްޕާ އެކަމަނާ ދިމާވީ 1998 ވަނަ އަހަރު އެކަމަނާގެ އުމުރުފުޅުން 28 އަހަރުގައި، ނިއުޔޯކް ފެޝަން ވީކް ޝޯވއަކުންނެވެ.