ޚަބަރު

ހަރުކަށި ފިކުރުތައް ފެތުރޭ ދިމާތައް ދެނަގަނެވިއްޖެ


ދިވެހިރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފެތުރެމުންދާ ރަށްރަށާއި، މުޖުތަމަޢުތައް ދެނެގަނެވި، އެފަދަ ފިކުރުތަކަށް ވާގިވެރިވާ ވަކިވަކި ފަރުދުންވެސް ދެނެގަނެވިފައިވާކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ވެބްސައިޓާއި، ހޮޓްލައިން އިފްތިތާޙްކޮށްދެއްވުމަށް ކޯސްޓްގާޑް ބިލްޑިންގައި ބޭއްވެވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވަނީ، އެ ސެންޓަރުން އިސްނަންގަވައިގެން ސަރުކާރުގެ ކަމާބެހޭ އެހެން އިދާރާތަކާ ގުޅިވަޑައިގެން 20 ޖުލައި 2016 ން 15 މާޗް 2017 އަށް ކުރެއްވި ބޭސްލައިން ސްޓަޑީޒުން ފާހަގަކުރެއްވުނު މުހިއްމު ކަންކަން މީޑިއާއާ ޙިއްޞާކުރައްވާފައެވެ. މި ބޭސްލައިން ސްޓަޑީޒަކީ ދިވެހިރާއްޖޭގައި ފެތުރެމުންދާ ހައްދުފަހަނަ އަޅެމުގެ ފިކުރުތަކަކީ ކޮބައިކަމާއި، އެފަދަ ފިކުރުތައް ފެތުރުމަށް ބޭނުންކުރާ ވަޞީލަތްތަކާއި އުކުޅުތައް ދެނެގަތުމައްޓަކައި ކުރެއްވި ސްޓަޑީއެކެވެ. މިހާތަނަށް ރާއްޖެއިން 49 މީހުން ބޭރުގެ ހަނގުރާމަތަކުގައި ބައިވެރިވެފައިވާކަން، ނޭޝަނަލް ކައުނޓަރ ޓެރަރިޒަމް ސެންޓަރުން ކުރެއްވި ބޭސްލައިން ސްޓަޑީޒްގެ އަލީގައި މިއަދު ވަނީ ހާމަކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފް ޢުމަރު ވިދާޅުވީ، މިއަދު ދިވެހި މުޖުތަމަޢުގެ ތެރޭގައި ފިކުރީ އޮއިވަރުތަކެއް ފެތުރެމުންދާކަން ޤަބޫލުކުރަންޖެހޭކަމަށާއި، ސިޔާސީ، އަދި އެހެނިހެން އިޖްތިމާޢީ ފިކުރުތަކާއި، ލާދީނީ ފިކުރު ފަދަ ކޮންމެ ކަމަކާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ރައީސް ޔާމީންގެ ސަރުކާރުން ތައްޔާރަށް އޮތްކަމަށް ޑިފެންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ހައްދުފަހަނަ އަޅައިދިއުމާއި، ޓެރަރިޒަމްގެ ފިކުރިތަކާ އެއްގޮތަށް ހިންގާ ޢަމަލުތަކާއި، އެކަމަށް މަގުފަހިވާ ކަންކަމާއި އެފިކުރުތައް ފެތުރެމުންދާ ތަންތަން، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ކުރެއްވި ބޭސްލައިން ސްޓަޑީގެ އަލީގައި، ދެނެގަނެވިފައިވާކަމަށް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި މަދު ބަޔަކު މިފަދަ ޢަމަލުތައް ހިންގުމުގެ ސަބަބުން ހިތާމަވެރި، އަދި ކަންބޮޑުވާންޖެހޭ ބައެއްކަން ކަންތައްތައް ހިނގާފައި އެބަހުރިކަން ވަނީ ފާހަގަކުރައްވާފައެވެ.

img:http://s4.psmnews.mv/images/660x400/14919878397834.jpg|ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ވެބްސައިޓާއި ހޮޓްލައިން އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނަރަލް ބްރިގޭޑިއަރ ޖެނަރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، ދިވެހި މުޖުތަމަޢާ ބީރައްޓެހި ކަންތައްތަކެއް ރާއްޖޭގައި ހިންގަމުންދާކަމަށާއި، ކައުންޓަރ ޓެރަރިޒަމް ސެންޓަރަށް ދެނެގަނެވިފައިވާ ކަންކަމާ ގުޅިގެން އެފަދަ ކަންކަން ކުރިއަށްދާ މުޖުތަމަޢުތައް ރައްކާތެރިކޮށްދިނުމުގެ ގޮތުން ގުޅުން ހުރި އިދާރާތަކާ ގުޅިވަޑައިގެން މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ. 

ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، ރާއްޖެއިން ހަނގުރާމަތަކަށްދާ މީހުން ހުއްޓުވުމަށް ބޭރުގެ ބައެއް ޤައުމުތަކާއެކު އެއްބަސްވުންތަކެއްވެވި ކުރެވޭ މަސައްކަތްތަކުގައި އެޤައުމުތަކުގެ އެހީގައި ރާއްޖެއިން ދާ މީހުން އަނބުރައި ގެނެވިފައިވެސް އެބަހުރިކަމަށެވެ.

ހައްދުފަހަނައަޅައިދިއުމަށް ބާރުލިބޭ ކަންކަން ރާއްޖޭގައި ބޮޑަށް ކުރަނީ ސޯޝަލް މީޑިއާ މެދުވެރިކޮށްކަމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ފާހަގަކުރައްވައެވެ. ހައްދުފަހަނައަޅައި ދިއުމާއި، ޓެރަރިޒަމްގެ ކުށްތައްކުރާ ޖަމާޢަތެއް ރާއްޖޭގައި ނެތްނަމަވެސް އެފަދަ ފިކުރުތައް ހުންނަ މީހުންތިބޭކަމަށާއި، އެއީ މާބޮޑު އިންސައްތައެއް ނޫންކަމަށް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ވަނީ ވިދާޅުވެފައެވެ.

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ މަސައްކަތްތަށް ހަރުދަނާކުރައްވައި ކުރިއެރުއްވުމުގެ ގޮތުން އެސެންޓަރުގެ ވެބްސައިޓާއި ހޮޓްލައިން އިފްތިތާޙްކޮށްދެއްވީ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރުއެވެ. ޓެރަރިޒަމަށް މަގުފަހިވާ ނުވަތަ ހައްދުފަހަނައަޅައި ދިއުންފަދަކަމެއް މީހެއްގެ ފަރާތުން ފާހަގަކުރެވޭނަމަ އެކަމެއް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ހޮޓްލައިން ނަންބަރ 1615 އާ ގުޅައި ޙިއްޞާކުރުމަށް އެސެންޓަރުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އެގޮތަށް މަޢުލޫމާތުދޭ މީހުން ބޭނުންނަމަ އެމީހެއްގެ މަޢުލޫމާތު ސިއްރުކުރެވޭނެ ކަމަށާއި، އޭގެ އެވެސް ނުރައްކަލެއް އާއްމު މީހަކަށް ފޯރުވިޔަނުދެއްވާނެކަމުގެ ޔަޤީންކަން ޓެރަރިޒަމް ސެންޓަރުން ވަނީ ދެއްވާފައެވެ.