ޚަބަރު

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ ބައްދަލުވުމަށް ތައްޔާރުވަނީ


މިއަހަރުގެ މެއި މަހު އިންޑޮނޭޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ 21 ވަނަ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން، ސައުތު އިންޑިއަން ފިޝަރީޒް ކޮމިޝަނުގައި ހިމެނޭ 8 ޤައުމަކުން ބައްދަލުވުމެއް ފަށައިފިއެވެ.

އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ 21 ވަނަ ބައްދަލުވުމަށް، ހުޅަނގު ދެކުނު އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ޤައުމުތަކުގެ ޚިޔާލު އެއްގޮތް ކުރުމުގެގޮތުން ބާއްވާ ބައްދަލުވުން އޮތީ ހޮޓެލް ޖެންގައެވެ. މިއީ 2 ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ ބައްދަލުވުމެކެވެ.

މި ބައްދަލުވުން ފަށްޓަވައި ދެއްވަމުން ފިޝަރީޒް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީ ވިދާޅުވީ، އިޤްތިސާދު ކުރިއެރުވުމަށް ދިވެހިރާއްޖެއިން މަސައްކަތްކުރައްވަނީ ވަރަށްބޮޑު އުންމީދެއްގައިކަމަށެވެ. އަދި މަސްވެރިކަން ޙިމާޔަތްކޮށް ކަމާގުޅުންހުރި ވަސީލަތްތައް މެނޭޖްކޮށްގެން ބެލެހެއްޓުމަކީ ޖަޒީރާ ޤައުމުތަކުން ގުޅިގެން ކުރަންޖެހޭ ކަމެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14919862341475.jpg|ޓޫނާ ކޮމިޝަންގެ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ސައުތް އިންޑިއަން ފިޝަރީޒް ކޮމިޝަނުގައި ހިމެނޭ 11 ގައުމުގެ ތެރެއިން 8 ޤައުމެއްގެ ބައިވެރިންނާ އެކު ކުރިޔަށް ގެންދާ މިބައްދަލުވުމުގައި އިންޑިއަން އޯޝަން ކޮމިޝަނަށް ހުށަހަޅަން ގަސްތުކުރާ 4 ޤަރާރަކާ ބެހޭގޮތުން ޤައުމުގެ މެދުގައި ޚިޔާލު އެއްގޮތް ކުރުމަށް މަސައްކަތް ކުރާނެއެވެ.

"މަސްވެރިކަން ވަރަށް ބޮޑަށް ގުޅިފައި މި އޮންނަނީ ޖަޒީރާ ޤައުމުތަކާ، އަޅުގަނޑުމެން އެބަޖެހޭ ވަރަށް ހަލުވި މަސައްކަތްތަކެއް ކުރަން، ރިސޯސަސް މެނޭޖްކޮށް ދެމެހެއްޓުމަށް، އޭރުން ކުރިޔަށް އޮތް ޖީލުތަކާ ހަމައަށް މި ރިސޯސަސް ފޯރުކޮށްދެވޭނީ" މިނިސްޓަރ ވިދާޅުވިއެވެ.

އިންޑިއާ ކަނޑުގައި ކުރާ ކަނޑުން މަސްބޭނުމަށް ބޭނުންކުރާ އޮޔާދާ ކޮތަރިދަލުގައި ހުންނަން ޖެހޭ މިންގަނޑުތައް ކަނޑައެޅުމުގެ ޤަރާރަކާމެދުވެސް މިބައްދަލުވުމުގައިވަނީ މަޝްވަރާކޮށްފައެވެ. އަދި ބޮޑު ދަލުގެ މަސްވެރިކަމުގައި ބޭނުންކުރާ އޮއިވާލި ކަނދުފަތި މަދުކުރުމާއި ބެހޭގޮތުން ދިވެހިރާއްޖެއިން ހުށަހަޅާ ޤަރާރަކާއި އައްސޭރިފަށުގެ ކަނޑުމަހުގެ ބާވަތްތަކާއި ގުޅޭގޮތުން ސައުތު އެފްރިކާއިން ހުށަހަޅާ ޤަރާރަޚާއި، ރީނދޫ އުރަހަ ކަނެނެލީގެ ސްޓޮކާއި ބެހޭގޮތުން ސީޝެލްސްއިން ހުށަހަޅާ ޤަރާރެއްގެ އިސްލާހުވެސް ހިމެނެއެވެ.

img:http://s4.psmnews.mv/images/660x400/14919862614800.jpg|ޓޫނާ ކޮމިޝަންގެ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

މާޗުމަހުގެ ފަހު ހަފްތާގައި މަޑަގަސްކަރައިގައި ބޭއްވި 8 ވަނަ ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަނުގެ މި އަހަރުގެ ބައްދަލުވުމުގައި، ޗެއާއަކަށް ދިވެހިރާއްޖެ ވަނީ އިންތިޚާބުކޮށްފައެވެ. މިއީ ދިވެހިރާއްޖެއިން އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ޤައުމުތައް ބާރުވެރިކުރުމަށް ކުރާ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.