ކުޅިވަރު

ޒިދާންއާއި އެންޗެލޯޓީ، ބަޔާންއާއި ރިއަލްމެޑްރިޑް މިރޭ


ރެއާލް މެޑްރިޑާއި ބަޔާން މިޔުނިކް އަކީ އެންމެ ކުރިންސުރެވެސް ދުނިޔޭގެ ފުޓްބޯޅައިގެ ވަރުގަދަ ދެ ބާރުގެ ގޮތުގައި ފައިތިލަ ސާބިތުކުރަމުންދާ ދެޓީމެވެ. 

މިދެޓީމަކީވެސް އެންމެ މަތީ ފަންތީގައި މެދުކެނޑުމެއް ނެތި ވާދަކުރުމުގެ އިތުރުން އެންމެ ޝަރަފްވެރި މުބާރާތްތައް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ދެޓީމްވެސްމެއެވެ. މިރޭ ކުޅޭ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގުގައި ވާދަކުރަން ތައްޔާރުވަމުންދާއިރު ދެޓީމުގައިވެސް އެއްގޮތް ކަންތައްތަކެއް ފާހަގަކުރެވެއެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަށްވެސް ފާހަގަ ކުރެވެނީ ދެޓީމުގެ ކޯޗުންނެވެ. މިހާރު ބަޔާން މިޔުނިކްގެ ކޯޗުގެ މަގާމްގައި ހުރި ކާލޯ އެންޗެލޯޓީ އެންމެ ފަހުން ކޯޗު ކޮށްދިނީ އިދިކޮޅުން ނިކުންނަ ރެއާލް މެޑްރިޑަށެވެ. މެޑްރިޑްގައި އެންޗެލޯޓީ ހޭދަކުރި ފަހު އަހަރު އެޓީމަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިންއިރު އޭނާގެ އެސްސިޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރީ މިހާރު ރެއާލްގެ ކޯޗުގެ މަގާމްގައި ހުރީ ޒިދާންއެވެ.

އެންމެ މަތީފަންތީގެ ކޯޗިންގައި އެއްވެސް ތަޖްރިބާއެއް ނެތި އެންޗެލޯޓީގެ އެހީތެރެއެއްގެ ގޮތުން މަސައްކަތް ކުރަން ފެށި ޒިދާންވެސް ފާހަގަކުރި ގޮތުގައި އޭނާ މިހާރު ހުރި މަގާމަށް ގެނަސްދިނުމުގައި އެންޗެލޯޓީގެ ދައުރު ވަރަށް ބޮޑެވެ.

އެންޗެލޯޓީއަށްފަހު ރެއާލްއަށް ޗެމްޕިއަންސް ލީގުގެ ތަށި އެގާރަވަނަ ފަހަރަށް ހޯދައިދިނީ ޒިދާންއެވެ.

މިރޭ ބައްދަލުކުރާ މެޗަށް މިދެޓީމު ނިކުންނައިރު ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ ދެޓީމުގެވެސް މެދުތެރެ ކޮންޓްރޯލްކޮށް ބަލަހައްޓަމުންދާ ދެކުޅުންތެރިން އިކޮޅުން ކުޅެންޖެހޭ ޓީމާ އޮތް ގާތްކަމެވެ.

އެއީ ރެއާލް މެޑްރިޑްގެ ޓޮނީ ކްރޫސް އާއި ބަޔާން މިޔުނިކްގެ ޒަބީ އޮލޮންސޯއެވެ. މިދެކުޅުންތެރިން ރެއާލް އާއި ބަޔާންއަށް ބަދަލުވީ އެއްކޮށެވެ. ރެއާލްއިން ބަޔާންގެ ޓޮނޯ ކްރޫސް ގަތުމާ ގުޅިގެން ބަޔާންއިން ވަނީ ރެއާލްގެ ކްރޫސް އޮލޮންސޯ ހުސްކުރި މަގާމް އަދާކުރުމަށް ގެންގޮސްފައެވެ. މިދެ ކުޅުންތެރިންނަކީވެސް މިދެޓީމުގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރާ ދެކުޅުންތެރިންނެވެ. އަދި އެއް ކްލަބުން އަނެއް ކްލަބަށް ބަދަލުވިނަމަވެސް ދެކުޅުންތެރިންވެސް ކުރީގެ ކްލަބަށް ކުރާ އިޙްތިރާމާއި ލޯބި އެއްވެސް ވަރަކަށް ކުޑަވެގެން ގޮސްފައި ނުވާކަނަށް ވަނީ ހާމަކޮށްފައިއެވެ. ދެކުޅުންތެރިންނަށްވެސް އިދިކޮޅު ޓީމުގެ ސަޕޯޓަރުންގެ ފަރާތުންވެސް ލޯތްބާއި ހިއްވަރު ނޫންއެއްޗެއް ލިބޭނެ ކަމަށް ނުބެލެވެއެވެ. މިދެކުޅުންތެރިންގެ އިތުރުން ބަޔާންގެ މުހިއްމު މިޑްފިލްޑަރ އާރްޔަން ރޮބެން އަކީވެސް މީގެކުރިން ރެއާލްއަށް ކުޅެ މުހިއްމު ލަނޑުތަކެއް ޖަހާދީފައިވާ ކުޅުންތެރިއެކެވެ.

މީގެއިތުރުން ފާހަގަކޮށްލެވޭ އަނެއް ކަމަކީ ޔޫރަޕްގެ ކްލަބް ތަކުގެ ތެރެއިން އެއް ޤައުމަކަށް ނިސްބަތް ނުވާ ދެޓީމްގެ މެދުގައި އުފެދިފައިވާ އެންމެ ބޮޑު ވާދަވެރިކަން އުފެދިފައިވަނީ މިދެޓީމްގެ މެދުގައިކަމެވެ. މިގޮތުން މާބޮޑަށް ތާރީޙުގެ ތެރެއަށް ވަނުމުގެ ބަދަލުގައި ދެހާސް ވަނަ އަހަރުން ފެށިގެން މިހާތަނަށް ބަލާލާއިރު ޗެމްޕިއަންސް ލީގުގައި މިދެޓީމް ހަތް ފަހަރެއްގެ މަތިން ވަނީ ބައްދަލުކޮށްފައެވެ.

މީގެތެރެއިން ހަތަރު ފަހަރު ރެއާލް ކުރި ހޯދާފައިވާއިރު، އަނެއް ތިން ފަހަރު ކުރި ހޯދީ ބަޔާންއެވެ.

އެންމެ ފަހުން 2014 ވަނަ އަހަރުގެ ސެމީފައިނަލްގައި މިދެޓީމް ބައްދަލުކުރި މެޗަށް ބަލާލާއިރު އެފަހަރު ބަޔާން އަމިއްލަ ދަނޑުގައި ލަދުގަންނަވާލުމަށްފަހު ފައިނަލުން ޖާގަ ހޯދީ ރެއާލް މެޑްރިޑެވެ. ފުރަތަމަ ލެގުގެ މެޗު ރެއާލް އެކެއް ސުމަކުން ކާމިޔާބުކުރި އިރު ދެވަނަ ލެގު ގައި ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދީ ހަތަރެއް ސުމަކުންނެވެ.

އޭގެ ކުރިން 2012 ވަނަ އަހަރުގެ ސެމީފައިނަލްގައި މިދެޓީމް ބައްދަލުކުރި އިރު ފަހު ލެގް ރެއާލްގެ ދަނޑުގައި ކުޅެ ކުރި ހޯދީ ބަޔާންއިންނެވެ.

އެފަހަރު ފުރަތަމަ ލެގްގެ މެޗާއި ދެވަނަ ލެގްގެ މެޗުވެސް ނިމުނީ ދޭއް އަކަކުން ދެ ފަހަރު ދެޓީމުކޮޅަށެވެ. އެހެންކަމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ރޮނާލްޑޯ އާއި ސާޖިއޯ ރާމޯސް އަދި ކަކާ ފަދަ ކުޅުންތެރިން ޖެހި ޕެނަލްޓީ ނާކާމިޔާބުވެގެންދިޔައިރު ބަޔާންގެ ފިލިޕް ލާމް އާއި ޓޮނީ ކްރޫސް ޖެހި ޕެނަލްޓީވެސް ކާމިޔާބެއް ނުކުރެވެއެވެ.

މިފާހަގަ ކުރެވުނު ބައެއް ކަންތައްތަކަށް ބަލާއިލިނަމަވެސް ރެއާލް އާއި ބަޔާންގެ ވާދަވެރިކަން ފާހަގަވެގެންދެއެވެ. މިފަހަރު ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގު ބަޔާންގެ އެލިއަންޒް އެރީނާގައި ކުޅެވޭއިރު މިދެޓީމްވެސް މިވަނީ ވަރަށް ބޮޑަށް މެޗަށް ތައްޔާރުވެފައެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 23:45 ގައެވެ.