ތަޢުލީމު

ވާހަކަދެއްކުމުގެ މުބާރާތުގެ އޮޑިޝަންތައް އަތޮޅުތަކުގައި ބާއްވަނީ


ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް އިތުރަށް ފުޅާ ކުރެއްވުމުގެ ގޮތުން އަންނަ އަހަރު އަތޮޅުތަކުގައި މި މުބާރާތުގެ އޮޑިޝަންތައް ބާއްވަން ވިސްނަވަމުންދާކަމަށް ޕަބްލިކް ސަރވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.

އަލްއުސްތާޛު އިބްރާހިމް ޝިހާބުގެ ވާދައިގެ ތައްޓަށް ބޭއްވި ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަތީފު ވިދާޅުވީ، ޕަބްލިކް ސަރވިސް މިޑިއާ ކުރިއެރުވުމުގައި މޮޅު ވާހަކަދެއްކުންތެރިންނާއި، މޮޅު ލިޔުންތެރިންނަކީ ވަރަށް މުހިންމު ބައެއްކަމަށެވެ. އަދި މިމުބާރާތުން ފާހަގަކުރެވުނު އެކިއެކި ދަރިވަނުންނަށް ޕީއެސްއެމްގައި މަސައްކަތްކޮށް ތަޖުރިބާ ހޯދުމުގެ ފުރުޞަތު ލިބޭނެކަމަށް އިކްރާމް ވިދާޅުވިއެވެ. މި މުބާރާތް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މުބާރާތުގެ އޮނިގަނޑަށް ބައެއް ބަދަލުތައް ގެނައުމަށް ނިންމާފައިވާކަމަށާ، އެގޮތުން އަތޮޅުތަކުގައި އޮޑިޝަންތަކެއް ބާއްވައި، ޓީވީއަށް ފަހި ސެގްމަންޓްތައް ހިމަނައިގެން މުބާރާތް ކުރިއަށްގެންދިއުމާއި ޕީއެސްއެމުން މިމުބާރަތަށް ހުށަހަޅާ އިނާމް ބޮޑުކުރުންފަދަ ކަންކަން ރޭވިފައިހުރިކަން އިކްރާމް ފާހަގަކުރެއްވިއެވެ.

img:http://s4.psmnews.mv/images/660x400/14919725369567.jpg|ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް، ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

"މިއަހަރު އަޅުގަނޑުމެން ޕަބްލިކް ސަރވިސް މީޑިއާއިން ފައިސާގެ އިނާމްތައް ސްކޫލްތަކަށް ހުށައެޅުނީ. އަންނައަހަރު މިއަށްވުރެ ބޮޑެތި އިނާމްތަކެއް، ބޮޑެއްޗޭ ދެންނެވީމަ އަޅުގަނޑުމެން ބައެއް މުބާރާތްތަކަށް ސިއްސައިގެންދާވަރުގެ ބޮޑެތި އިނާމްތަކެއް އެބަދެން. ތިން ލައްކަ ރުފިޔާ، ދެލައްކަ ރުފިޔާގެ ބޮޑެތި އިނާމުތައް ދޭ މުބާރާތްތައް ޕީއެސްއެމުން އެބަ ހިންގާ. އަޅުގަނޑު އުންމީދު ކުރަނީ އެއަށްވުރެ ކުޑަނުވާނެ އިނާމެއް އަންނަ އަހަރު ބައެއް ވަނަތަކަށް ޕީއެސްއެމްއިން އިރާދަކުރެއްވިއްޔާ ހުށައެޅޭނެގޮތް ތަނަވަސްވެގެންދިއުން. އިރާދަކުރެއްވިއްޔާ އެމަސައްކަތް އަޅުގަނޑުމެންގެ ގަވަނިންގ ބޯޑާއި ވާހަކަދައްކައިގެން ކުރިއަށްގެންދާނަން." އިކްރާމް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ، އަދަބީ އެކިއެކި މުބާރާތްތަކުގެ ނަން ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކޮށްދެއްވާފައިވާ މުހިންމު ބޭބޭފުޅުންގެ ނަންނަމަށް ބަދަލުކުރެއްވުމަށް ދިވެހިބަހުގެ އެކަޑަމީން ނިންމަވާފައިވާކަމަށެވެ. މިގޮތުން ޅެން ހެދުމުގެ ޤައުމީ މުބާރާތުގެ ނަން، ހުތްއަލިދީދީގެ ވާދައިގެ ތައްޓަށް ބާއްވާ ދިވެހިރާއްޖޭގެ ޅެން ހެދުމުގެ ޤައުމީ މުބާރާތުގެ ނަމަށް ބަދަލުކުރުމާއި، ވާހަކަ ލިޔުމުގެ ޤައުމީ މުބާރާތުގެ ނަން އަޙުމަދު ކާމިލް ދީދީގެ ވާދައިގެ ތައްޓަށް ބާއްވަވާ ވާހަކަ ލިޔުމުގެ ޤައުމީ މުބާރާތަށް ބަދަލު ކުރުން ހިމެނޭކަން އަޝްރަފް ފާހަގަކުރެއްވިއެވެ.  

img:http://s2.psmnews.mv/images/660x400/14919725731620.jpg|ދިވެހިބަހުގެ އެކެެޑަމީގެ ރައީސް އަޝްރަފް އަލީ، ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

މިގޮތަށް ނިންމެވީ، ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން ބަހާއި އަދަބަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ އަގުވަޒަން ކުރުމުގެ ގޮތުންކަމަށް އަޝްރަފް ވިދާޅުވިއެވެ. މިއަހަރުން ފެށިގެން ކޮންމެ އަހަރަކު ޤައުމީ ސުވާލު މުބާރާތެއް ބޭއްވުމަށްވެސް ހަމަޖެހިފައިވާކަމަށް އަޝްރަފް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ މިއަހަރުން ފެށިގެން ކޮންމެ އަހަރަކު ހަސަން ތާޖުއްދީންގެ ވާދައިގެ ތައްޓަށް ބާއްވާ ކުއިޒެއްގެ ގޮތުގައި ތާރީޚީ ޤައުމީ ސުވާލު މުބާރާތެއް ބޭއްވުމަށް މިހާރު ވަނީ ރާވާފައި. އެނގިވަޑައިގަންނަވާނެ ފަދައިން ހަޞަން ތާޖުއްދީނަކީ ދިވެހިރާއްޖޭގެ ތާރިޚް އެންމެ ފުރަތަމަ ލިޔުއްވި ބޭފުޅާ. އެހެންކަމުން މިއަހަރުގެ މިމުބާރާތް ޕީއެސްއެމްއާއި ގުޅިގެން ފުޅާދާއިރާއެއްގައި ކުރިއަށްގެންދެވޭނެކަމަށް އަޅުގަނޑު ދެކެން." އަޝްރަފް ވިދާޅުވިއެވެ. 

އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ވާދައިގެތައްޓަށް ބޭއްވި ވާހަކަދެއްކުމުގެ ބައްތިރީސް ވަނަ ޤައުމީ މުބާރާތް ކުރިއަށްގެންދިޔައީ ދިވެހި ބަހުގެ އެކަޑަމީއާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެނެވެ. މިފަހަރުގެ މުބާރާތުގައި ދުއިސައްތަ ނުވަދިހަ ނުވަ ދަރިވަރުން ބައިވެރިވިއެވެ. މިއީ މި މުބާރާތުގައި އެންމެ ގިނަ ދަރިވަރުން ބައިވެރިވި ފަހަރެވެ.