ކުޅިވަރު

ބާސާ ބަލިކުރެވުމަކީ ކެރިއަރުގެ އެންމެ އުފާވި ދުވަސް - އެލްގްރީ


ބާސެލޯނާ ބަލިކުރެވުމަކީ އޭނާގެ ކޯޗިންގ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ނަތީޖާކަމަށް ޔުވެންޓަސްގެ ކޯޗް މަސިމިލިއާނޯ އެލެގްރީ ބުނެފިއެވެ. 

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި ބާސެލޯނާ 3-0 ބަލިކުރި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން އެލެގްރީ ބުނީ ކެރިއަރުގައި މިހާ އުފާވި ދުވަހެއް ނެތްކަމަށެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ޓީމްތަކުގެ ތެރޭގައި ހިމެނޭ ބާސެލޯނާ ތިން ލަނޑުގެ ތަފާތުން ބަލިކޮށްލެވުމުން ލިބޭ ހިތްހަމަ ޖެހުން ވަރަށް ބޮޑުކަމަށް އެލެގްރީ ބުންޏެވެ. 

މެސީ، އިނިއެސްޓާ އަދި ސުއަރޭޒް ހުއްޓުވުމުގައި އޭނާގެ ޕްލޭނާއި އެއްގޮތަށް ޓީމުން ކުޅުނުކަމަށާއި، ހުރިހާ ގޮތަކުން ބެލިޔަސް ޔުވެންޓަސްގެ ކުޅުންތެރިން ދެއްކި ކުޅުމަށް ތައުރީފް ހައްޤުކަމަށް އޭނާ ބުންޏެވެ. 

"ޔުވެންޓަސްއާއިއެކު މިއަށްވުރެ އުފާވެރި ދުވަހެއް ނާދޭ، ބާސެލޯނާ ކަހަލަ ޓީމެއް ބަލިކޮށްގެން ލިބޭ އުފާވެރިކަން ހަމަ ތަފާތު" އެލްގެރީ ބުންޏެވެ.

ރޭގެ މެޗަށްފަހު ބާސެލޯނާގެ ކޯޗް ލުއި އެންރީކޭ ބުނީ ގަދަ ސޯޅާގައިގެ ފުރަތަމަ ލެގުގައި ޕީއެސްޖީ އަތުން ބަލިވީ މިފަދަ ގޮތަކަށްކަމަށާއި، ރޭގެ މެޗުގައި ޔުވެންޓަސް ހަމަ މޮޅީކަމަށެވެ. އެޓީމް ބަލިކުރުމަކީ އާދައިގެ މަސައްކަތެއް ނޫންކަމަށާއި، އެހެންނަމަވެސް އުއްމީދު ގެއްލުވާ ނުލާކަމަށްވެސް އެންރީކޭ ފާހަގަކުރިއެވެ. 

"މިރޭ ހަމަ ޔުވެންޓަސް މޮޅީއޭ ބުނެވޭނީ، ޕީއެސްޖި އަތުން ގަދަ ސޯޅައިގެ ފުރަތަމަ ލެގުގައިވެސް މިކަހަލަ ގޮތަކަށް ބަލިވީ" އެންރީކޭ ބުންޏެވެ.

ރޭގެ މެޗުގައި ޔުވެންޓަސްގެ ފޯވާޑް ޕައުލޯ ދިބާލާވަނީ ދެ ގޯލް ޖަހައިދީފައެވެ. އެޓީމްގެ އަނެއް ލަނޑު ޖަހައިދިނީ ޑީފެންޑަރ ޖިއޮޖިއޯ ކިއެލިނީއެވެ.