ކުޅިވަރު

ނިއުއާއި މާޒިޔާވެސް ބޮޑު ކުރިމަތިލުމަށް ތައްޔާރު


މިފަހަކަށް އައިސް ދިވެހި ފުޓްބޯޅައިގައި އެންމެ ވާދަވެރި އެއް މެޗަކަށް އަބަދުވެސް ވެގެންގޮސްފައިވަނީ ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ބައްދަލުކުރާ މެޗުތަކެވެ. މި ސީޒަންގައި މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ މެޗަކަށް ވެގެންދާނީ މާދަމާ މާލޭ ލީގުގައި ބައްދަލުކުރާ މެޗެވެ.

ވޭތުވެދިޔަ ހަތަރު ފަސް އަހަރެއްގެ ތެރޭގައި ދިވެހި ލީގުގައި އެންމެ ވާދަވެރިކޮށް ފެނިގެން ގޮސްފައިވާ މެޗުތަކަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗްތައް ކަމާމެދު ޝައްކެއް ނެތެވެ. މި ދެޓީމުގެ ކުރިމަތިލުން ތަފާތުވާ އެންމެ ބޮޑު އެއް ސަބަބަކީ ދެ ޓީމުގެ ސަޕޯޓަރުންގެ ވާދަވެރިކަމާ މި ވޭތުވެދިޔަ ހަތަރު ފަސް އަހަރުގެ ތެރޭގައި ހޯދާފައިވާ ގިނަ ކާމިޔާބީތައް ހޯދާފައިވަނީ މި ދެ ޓީމު ކަމަށް ވާތީއެވެ. ވޭތުވެދިޔަ އަހަރު ނިއުރޭޑިއެންޓްގެ ފަރާތުން ދަށް ނަތީޖާތަކެއް ފެނުނު ނަމަވެސް މިފަހަރުގެ ސީޒަނާ އެ ޓީމު ކުރިމަތިލާފައިވަނީ ވަރުގަދަ ސްކޮޑަކާއެކުގައެވެ. ހަމަ އެގޮތަށް މާޒިޔާއިން ވަނީ އެ ޓީމަށް ބޭރުގެ ކޯޗެއް ހަމަޖައްސާ ވަރުގަދަ ސްކޮޑެއް އެކުލަވާލާފައެވެ.

 ނިއުރޭޑިއެންޓް ލީގުގެ އެއްވަނާގައި ނުވަ ޕޮއިންޓާއެކު އޮތީ ކުޅުނު ތިން މެޗްވެސް ކާމިޔާބުކޮށްގެންނެވެ. ލީގުގައި ނިއުރޭޑިއެންޓް ކުޅުނު ފުރަތަމަ މެޗް ވިކްޓްރީ ސްޕޯޓްސް ކްލަބާ ބައްދަލުކޮށް ކާމިޔާބުކުރީ ތިން ލަނޑު އެއް ލަނޑުންނެވެ. އަދި ދެވަނަ މެޗް ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ކުޅެ ތިން ލަނޑު ސުން ލަނޑުން ކާމިޔާބުކޮށްފައިވާއިރު އެންމެ ފަހުން ވެލެންސިޔާއާ ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކުރީ އެއް ލަނޑު ސުން ލަނޑުންނެވެ. 

ލީގުގައި މާޒިޔާ ކުޅުނު ދެ މެޗްވެސް ވަނީ ކާމިޔާބުކޮށްފައެވެ. ލީގުގައި ފުރަތަމަ އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗް އެއް ލަނޑު ސުން ލަނޑުން ކާމިޔާބުކޮށް ދެވަނަ މެޗް ކްލަބް ގްރީން ސްޓްރީޓްގެ މައްޗަށް ކުރި ހޯދާފައިވަނީ ތިން ލަނޑު ސުން ލަނޑުންނެވެ. މި މެޗާ ކުރިމަތިލާއިރު ނިއުރޭޑިއެންޓްގެ ކޯޗުގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ މެޗް ކުޅޭ ގަޑިއެވެ. ޓަވަރޭޒް ބުނީ މިހާ ހޫނުގަދައިރު ހަވީރު ގަޑީގައި މެޗް ކުޅުމަކީ ފަސޭޙަކަމެއް ނޫން ކަމަށާއި، މި ދުވަސްވަރު މި ގަޑިތަކަށް ކޮންމެވެސް ކަހަލަ ބަދަލެއް ގެންނަ ޖެހޭކަމަށެވެ. މީގެ އިތުރުން ޓަވަރޭޒް ބުނީ މާޒިޔާ އަކީ އެންމެ ވަރުގަދަ ސްކޮޑަކާއެކު މިފަހަރު ލީގާ ކުރިމަތިލި ޓީމަށްވެފައި އޭއެފްސީ ކަޕްގައި ވަރުގަދަ ދެ މެޗް ކުޅެފައި އޮތުމަކީ އެ ޓީމު ބަލިކުރަން އުނދަގޫވާނެ ސަބަބެއްކަމަށެވެ.

"މިއީ ޔަގީނުންވެސް އަޅުގަނޑުމެންނަށް ކުރިމަތިވާނެ އެންމެ ވަރުގަދަ މެޗް، މި މެޗާ ކުރިމަތިލާއިރު އެންމެ ބޮޑު މައްސަލަޔަކީ މެޗް ކުޅޭ ގަޑި، ހަގީގަތުގައި މިހާ ހޫނުގައި މެޗް ކުޅެން ޖެހުމަކީ ކުޅުންތެރިންނަށް ވަރަށް އުނދަގޫ ކަމެއް، ކޮންމެވެސް އެހެން ހައްލެއް ހޯދޭތޯ އެބަ ޖެހޭ މިކަމަށް" ތަވަރޭޒް ބުންޏެވެ.

މާޒިޔާގެ ކޯޗް ސެކުލޮވްސްކީ ބުނީ މެޗް ހަވީރު ކުޅެން ޖެހުމަކީ މައްސަލައެއް ނޫންކަމަށާ ޝެޑުއަލް ހަދާފައިވާ ގޮތުން ކޮންމެ ގަޑިއެއްގައިވެސް މެޗްތައް ކުޅެން ޖެހިދާނެކަމަށެވެ. އަދި މާޒިޔާގެ ހުރިހާވެސް އަމާޒެއް މިވަގުތު ހުރީ ނިއުރޭޑިއެންޓް މެޗަށް ކަމަށް މާޒިޔާ ކޯޗް ސެކުލޮވްސްކީ ބުންޏެވެ.

 "ޝެޑިއުލް ހަދާފައި އޮތް ގޮތުން ކޮންމެ ގޮތަކަށްވެސް ކޮންމެ ގަޑިއެއްގައިވެސް މެޗް ކުޅެން ޖެހިދާނެ، އެއީ އަހަރުމެންނަށް މައްސަލައެއް ނޫން، މިހާރު އަހަރުމެންގެ ވިސްނުން މިވަގުތު ހުރީ ހަމައެކަނި ނިއުރޭޑިއެންޓް މެޗަށް "ސެކުލޮވްސްކީ ބުންޏެވެ.

ނިއުރޭޑިއެންޓަށްވުރެ އެއް މެޗް މަދުން ކުޅެފައިވާ މާޒިޔާ މާދަމާގެ މެޗް ކާމިޔާބުކޮށްފިނަމަ އެ ޓީމާ ޕޮއިންޓުގެ ގޮތުން ހަމަހަމަ ވާނެއެވެ.