ޚަބަރު

ތައިބާ ޓީވީއާއެކު ޕީއެސްއެމުން އެމްއޯޔޫއެއްގައި ސޮއިކޮށްފި


އިސްލާމް ދީނާއި، ދިރިއުޅުމުގެ މަޢުލޫމާތު އެކި ބަސްބަހުން ފަތުރާ ޓީވީ ޗެނަލްތަކެއްގެ ޚިދުމަތް ޕަބްލިކް ސަރވިސް މީޑިއާއިން ހޯދުމަށްޓަކައި ތައިބާ ޓީވީ ޗެނަލާއި ޕީ.އެސް.އެމްއާ ދެމެދު އެއްބާރުލުންދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިސްލާމް ދީނާއި ދިރިއުޅުމުގެ މަޢުލޫމާތު، އެކި ބަސްބަހުން ފަތުރާ ޓީވީ ޗެނަލްތަކެއްގެ ޚިދުމަތް ޕަބްލިކް ސަރވިސް މީޑިއާއިން ހޯދުމަށްޓަކައި ސޫދާންގެ ތައިބާ ޓީވީ ޗެނަލާއެކު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގައި ސޮއިކުރީ ޕީ.އެސް.އެމްގެ ރޭޑިއޯ ބިލްޑިންގގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ. 

މިއެއްބަސްވުމުގައި ތައިބާ ޓީވީ ޗެނަލްގެ ފަރާތުން ސޮއިކުރެއްވި އެޗެނަލް ހިންގާ ކުންފުނީގެ ބޯޑު މެންބަރ، އަދި ޗެނަލްގެ ޖެނެރަލް މެނޭޖަރ ޑރ. މާހިރު ސާލިމްއެވެ. ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލްއެވެ.

ތައިބާ ޓީވީ ޗެނަލް މެދުވެރިކޮށް އެފްރިކާ ސަރަޙައްދުގައި ވާހަކަދައްކާ އުޅޭ ތަފާތު 11 ބަހުރުވައިން އުފައްދާ ޕްރޮގްރާމްތަކާއި ކޮންޓެންޓް، މިއެއްބަސްވުމުގެ ދަށުން، ޕަބްލިކް ސަރވިސް މީޑިއާއަށް ލިބޭނެ މަގުފަހިކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. ތައިބާ ޓީވީ ޗެނަލަކީ، 150 އިސްލާމީ ޓީވީ ޗެނަލް ހިމެނޭ ވިއުގައެއްގެ މެންބަރެއްވެސްމެއެވެ.  މި އެއްބަސްވުމުގެ ދަށުން، ޕީ.އެސް.އެމްއާއި، ޠައިބާ ޓީވީ ޗެނަލް ގުޅިގެން ޕްރޮގްރާމްތަކެއް އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތަފާތު އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގަންވެސް އެއްބަސްވެވިފައިވެއެވެ. މުވައްޒަފުން ތަމްރީނުކުރުމާއި އެއް ޗެނަލްގެ މުވައްޒަފުން އަނެއް ޗެނަލްގައި މަސައްކަތްކުރުމުގެ ފުރުޞަތު ހޯދައިދިނުން ހިމެނެއެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ޠައިބާ ޓީވީ ޗެނަލްގެ ޖެނަރަލް މެނޭޖަރ ޑރ. މާހިރު ސާލިމް ވިދާޅުވީ، ޕީ.އެސް.އެމްގެ ޓީވީ އަދި ރޭޑިއޯ ޗެނަލްތަކުގެ މަސައްކަތް އޭނާ ބެއްލެވިކަމަށާއި، ކުންފުނިން ދެއްވާ ޚިދުމަތް ޒަމާނާ އެއްގޮތަށް ބަދަލުކުރަމުންދާތަން ފެންނަ ކަމަށެވެ. އެކަމުގައި ޠައިބާ ޓީވީ ޗެނަލްގެ ފަރާތުން އެކިގޮތްގޮތުން އެހީތެރި ވެދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14919240780203.jpg|ތައިބާ ޓީވީ ޗެނަލާއެކު ޕީއެސްއެމްއިން އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

"އަޅުގަނޑުމެންގެ މީޑިއާގައި އިސްލާމީ ތަޢުލީމާއި، އަދި އަޅުގަނޑުމެން ބޭނުންވާ މިކަންކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރެވޭ މަސައްކަތުގައި، އަޅުގަނޑުމެންނާއި ގުޅުންހުރި އިސްލާމީ، ޗެނަލްތަކާއި، މީޑިއާތަކާއިވެސް ޕަބްލިކް ސާވިސް މީޑިއާ ގުޅުން އުފައްދައި، އެފަރާތްތަކުގެ އުފެއްދުންތައްވެސް ޕީ.އެސް.އެމް އަށް ފޯރުކޮށްދިނުމަށްޓަކައި މަސައްކަތް ކުރާނަން" ޑރ. މާހިރު ސާލިމް ވިދާޅުވިއެވެ.

ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލު ވިދާޅުވީ، ސޫދާނުގެ ޠައިބާ ޓީވީ ޗެނަލާއެކު އެއްބަސްވުމެއްގައި ސޮއިކުރެއްވީ، ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ފަހުކަމަށާއި، ފަންނުވެރިކަމާއި ހުނަރުގެ ގޮތުންވެސް ކުރިއަރާފައިވާ ބަޔަކު މަސައްކަތްކުރާ އެ ޗެނަލަކީ، އިސްލާމީ ދުނިޔޭގެ އެހެން ޗެނަލްތަކާއެކު ޤާތުން މަސައްކަތްކުރާ ޗެނަލަކަށްވުމުން ކުރިއަށް އޮތް ތާނގައި ރާއްޖޭގައި އިސްލާމް ދީނާގުޅޭ ތަފާތު ޕްރޮގްރާމްތައް ގެނެސްދިނުމަށް ފަސޭހަވެގެންދާނެކަމަށެވެ.

"ކުރިމަގުގައި އަޅުގަނޑުމެންނަށް އިސްލާމްދީނާއި ބެހޭ ޕްރޮގްރާމްތައް އުފެއްދުމަށް  އަދި މިހާރު ދުނިޔޭގައި ތައްޔާރުކޮށްފައިވާ ސިލްސިލާ ޕްރޮގްރާމްތައް އަޅުގަނޑުމެން ގެނެސްގެން ރާއްޖޭގައި، ދިވެހި ބަހަށް ތަރުޖަމާކޮށްގެން، އަދި އެހެނިހެން ގޮތްގޮތުންވެސް އަޅުގަނޑުމެންގެ ރައްޔިތުންނާއި ހަމައަށް، ސިޓިންގ ރޫމްތަކާއި ހަމައަށް ގެނެސްދިނުމަށް ކޮށިގެންދިޔަ ވަރަށް ރަނގަޅު މަގެއް އަދި ތަނަވަސްވެގެންދިޔަ ފުރުސަތެއްމީ." ޚަލީލް ވިދާޅުވިއެވެ. 

މިރަސްމިއްޔާތުގައި ޕީ.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަތީފް ވަނީ ޠައިބާ ޓީވީޗެނަލްގެ ޖެނަރަލް މެނޭޖަރާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ވެވުނު އެއްބަސްވުމުގެ ސަބަބުން ދެފަރާތައްވެސް ލިބިގެންދާނެ ފައިދާތަތައް ބަޔާންކޮށްދެއްވާފައެވެ. އަދި މިކަމުގައި ޕީއެސްއެމްގެ ޝައުޤުވެރިކަން ޢަރަބި ބަހުން ޑރ. މާހިރު ސާލިމްއާ ޙިއްޞާކުރައްވާފައެވެ.

ރައްޔިތުންނަށް ދިނީ މައުލޫމާތު ދެއްވުމަށް މިހާރުވެސް ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން ދީނުގެ އަޑުގެ ނަމުގައި ރޭޑިއޯ ޗެނަލަކާއި، މުންނާރުގެ ނަމުގައި ޓީ.ވީ ޗެނަލެއްގެ ޚިދުމަތްދެއްވައެވެ. އަދި ޕީ.އެސް.އެމްގެ ހުރިހާ ޗެނަލްތަކުންވެސް ދީނީ މަޢުލޫމާތު ހިމެނޭ ޕްރޮގްރާމްތަކާއި، ތަފާތު ކޮންޓެންޓްތައް ގެނެސްދެމުންދެއެވެ. މީގެ އިތުރުން، ޕީ.އެސް.އެމުން ކޭބަލް ޓީވީގެ ޚިދުމަތް ދޭން ފަށާއިރު، އިސްލާމްދީނުގެ މަޢުލޫމާތާއި، ޕްރޮގްރާމްތަކަށް ޚާއްޞަ ބައިނަލްއަޤްވާމީ ޗެނަލްތަކެއްވެސް އުފެއްދުމަށްވެސް ޕީ.އެސް.އެމުން ގެންދަނީ މަސައްކަތްކުރަމުންނެވެ.