ދުނިޔެ

"އެމެރިކާއަށް ނިއުކްލިއަރ ޙަމަލާއެއް ދޭން ޖެހިދާނެ"


އެމެރިކާގެ ފަރާތުން އުތުރު ކޮރެޔާއަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ، އޭގެ ރައްދުގައި ނިއުކްލިއަރ ޙަމަލާއެއް ދޭނެކަމުގެ އިންޒާރު އުތުރު ކޮރެޔާއިން ދީފިއެވެ.

އެމެރިކާއަށް ނިއުކްލިއަރ ޙަމަލާއެއް ދޭންޖެހިދާނެކަމުގެ އިންޒާރު ކޮރެޔާއިން ދީފައި މިވަނީ، އެމެރިކާގެ ހަނގުރާމަ މަތީ މަނަވަރުތަކެއް ކޮރެޔަން ޕެނިންސިއުލާއަށް މިސްރާބު ޖަހާފައިވަނިކޮށެވެ. އެކަމާ ގުޅޭގޮތުން އުތުރުކޮރެޔާއިން ބުނީ އެމެރިކާގެ އަމަލުތައް ވަރަށް ގާތުން ބަލަމުންދާކަމަށާއި، އެމެރިކާއިން ދީފާނެ ޙަމަލާއަކަށް ކޮރެޔާ އޮތީ ފުރިހަމައަށް ތައްޔާރުވެގެންކަމަށެވެ. އަދި ގޯހެއް ހިނގައިފިނަމަ އެސަރަހައްދުގައި ހުރި އެމެރިކާގެ ބޭސްތަކުގެ އިތުރުން، އެމެރިކާއަށް ސީދާ ޙަމަލާދޭނެކަމަށް ކޮރެޔާއިން ބުނެއެވެ.

img:http://s3.psmnews.mv/images/660x400/14919231380974.jpg|އެމެރިކާގެ މަނަވަރުތަކެއް / އެމެރިކާއިން ވަނީ އަސްކަރީ މަނަވަރުތަކެއް ކޮރެޔަން ޕެނިންސިއުލަރއަށް ފޮނުވާފައި

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ކޮރެޔާގެ މައްސަލަ ހައްލުކުރުމަށް ޗައިނާއިން އިތުރަށް މަސައްކަތްކުރުމަށް ގޮވާލާފައެވެ. ނަމަވެސް ކޮރެޔާއިން އުޅެނީ މައްސަލަ ހޫނު ކުރަންކަމަށް ބުނެ، ޓްރަމްޕް ވަނީ ޗައިނާއާ ނުލާވެސް ކޮރެޔާގެ މައްސަލަ ހައްލުކުރާނެކަމަށް ވިދާޅުވެފައެވެ. އަސްކަރީ މަނަވަރުތައް ކޮރެޔާ ހިމެނޭ ސަރަޙައްދަށް ފޮނުވާފައި މިވަނީ ކޮރެޔާއާއެކު އިތުރަށް ދައްކާނެ ވާހަކައެއް ނެތްކަމަށާއި، ކޮރެޔާއާ މެދު އަސްކަރީ ފިޔަވަޅު އަޅަންޖެހިދާނެކަމުގެ އިންޒާރުވެސް އެމެރިކާއިން ވަނީ ދީފައެވެ.

މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ލަފާކުރަނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އުތުރު ކޮރެޔާއިން އަނެއްކާވެސް ނިއުކްލިއަރ ޓެސްޓެއް ކޮށްފާނެކަމަށެވެ. އެއާއެކު އެމެރިކާއިން އެކަމާމެދު އަޅާނެ ފިޔަވަޅެއް އަދި ނޭނގެއެވެ.