ކުޅިވަރު

ޓީމު އަންނަނީ ރަނގަޅުވަމުން، ބޭނުންވަނީ ތިން ޕޮއިންޓް - ސުޒޭން


ލީގުގެ ފުރަތަމަ ބުރުގައި ވިކްޓްރީއަށް ދިހަ ޕޮއިންޓް ނުހޯދިއްޖެނަމަ ޓީމް ވަރަށް އުނދަގޫ ހާލަތަކަށް ދާނެކަމަށް ވިކްޓްރީގެ ކޯޗް އަލީ ސުޒޭން ބުނެފިއެވެ.

މާލޭ ލީގުގައި މާދަމާރޭ ޓީސީ ސްޕޯޓްސްއާ ދެކޮޅަށް ނިކުތުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސުޒޭން ބުނީ ޓީސީ ސްޕޯޓްސްއަކީ މިވަގުތު އެންމެ ފޯމުގައި އޮތް އެއް ޓީމު ކަމަށާއި، އެ ޓީމުގެ މައްޗަށް ކުރި ހޯދުމަކީ ވަރަށް އުނދަގޫ އެހެންނަމަވެސް މަސައްކަތް ކޮށްފިނަމަ ވާނެކަމެއް ކަމަށެވެ. އަދި ޓީމުގެ ކުޅުން މިހާރު ރަނގަޅުވަމުން އަންނަކަމަށާއި، ވިކްޓްރީއަށް މިހާރު މަދުވަނީ އެންމެ މެޗެއް ކާމިޔާބުކުރުން ކަމަށް ސުޒޭން ބުންޏެވެ. ސުޒޭން ބުނީ ވިކްޓްރީގެ ހާލަތު މިހާރު ވަރަށް ބޮޑު ބަދަލުވެއްޖެ ކަމަށާއި، މިއީ ވަރަށް އުއްމީދީ މެޗެއް ކަމަށެވެ.

"މިހާރު ޓީމުގެ ހާލަތު ވަރަށް ރަނގަޅު، ޓީމަށް މިވަގުތު ބޭނުންވަނީ ތިން ޕޮއިންޓް" ސުޒޭން ބުންޏެވެ. 

ޓީސީ ސްޕޯޓްސްގެ ކޯޗް މުހައްމަދު ނިޒާމް ބުނީ ޓީސީ މިހާރު ހިފަހައްޓާފައިވާ ސްޕީޑްގައި ކުރިއަށް ގެންގޮސްފިނަމަ ރަނގަޅު ހިސާބަކަށް ގެންދެވޭނެކަމަށާއި، ޓީމުގެ ކުޅުމާމެދު ވަރަށް ހިތްހަމަ ޖެހޭކަމަށެވެ. ނިޒާމް ބުނީ ވިކްޓްރީން އަންނަނީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން ކަމަށާއި، އެ ޓީމުގެ މައްޗަށް ކުރި ހޯދޭނީ ވަރަށް ވިސްނުންތެރި ކަމާއެކު ކުޅެގެން ކަމަށެވެ.

 "ވިކްޓްރީގެ ކުޅުން މިހާރު ވަރަށް ރަނގަޅުކޮށްފި. އެކަން ޓީމުގެ މެޗްތަކުން އެބަ ފެނޭ، މިއީ އުނދަގޫ މެޗަކަށް ވާނެ" ނިޒާމް ބުންޏެވެ.

ޓީސީއާއި ވިކްޓްރީ ވާދަކުރާ މެޗު ފަށާނީ މާދަމާރޭ ނުވައެއް ޖަހާއިރުއެވެ. މިމެޗު ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ. އަދި މެޗު ހިނގަމުންދާގޮތް ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވާނެއެވެ.