ޚަބަރު

ދިރާގުގެ އަހަރީ ޢާއްމު ޖަލްސާ މިމަހުގެ 20 ވަނަ ދުވަހު ބާއްވަނީ


ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް، ދިރާގުގެ ހުސްވި އަހަރުގެ އަހަރީ ޢާއްމު ޖަލްސާ، މިމަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފިއެވެ.

ޙިއްޞާދާރުންގެ މައުލޫމާތައްޓަކައި ދިރާގުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ދިރާގުގެ 28 ވަނަ އަހަރީ ޢާއްމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 20 ވަނަ ދުވަހުގެރޭ އަށްގަޑި ތިރީހުގައި ނެޝަނަލް އާޓް ގެލަރީގައިކަމަށެވެ. 

މި ޖަލްސާގައި ހުސްވި އަހަރުގެ އަހަރީ ރިޕޯޓްތަކާއި މާލީ ހިސާބުތައް ފާސްކުރުމުގެ އިތުރުން، ދިރާގުގެ ބޯޑުން ޙިއްޞާދާރުންނަށް ބެހުމަށް ނިންމި ޙިއްޞާގެ ފައިދާގެ ޢަދަދު ފާސްކުރުންވެސް އޮންނާނެއެވެ. ދިރާގުން ވަނީ 1.1 ބިލިއަން ރުފިޔާ ޙިއްސާދާރުންނަށް ބެހުމަށް ނިންމާފައެވެ. ދިރާގުގެ ބޯޑުގެ ނިންމުމާއެކު މިފަހަރުގެ އޭޖީއެމްގައި ހިއްސާއަކަށް ސާދަ ރުފިޔާ ތިރީސް ހަތްލާރި ބަހާނެއެވެ. މިއީ މިދިޔަ އަހަރު ދިރާގުން ޙިއްސާދާރުންނަށް ޑިވިޑެންޑުގެ ގޮތުގައި ބެހި ޢަދަދަށްވުރެ ފަންސާސް އެކެއް އިންސައްތަ އިތުރު ޢަދަދެކެވެ.  

ދިރާގަށް މިދިޔަ އަހަރު ސާފުފައިދާގެ ގޮތުގައި 840 މިލިއަން ރުފިޔާ ލިބިފައިވެއެވެ.