ޚަބަރު

އެލްޖީއޭގެ ބޯޑަށް ބަދަލު ގެނައުމާގުޅޭ އިސްލާހް ބަލައިގެންފި


ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ބޯޑު 5 މެމްބަރުންނަށް މަދުކޮށް، ކައުންސިލަރުން ނުހިމަނައި ބޯޑު އެކުލަވާލުމަށް ލާމަރުކަޒީ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށައެޅި އިސްލާހު މަޖިލީހުންބަލައިގެންފިއެވެ. މި އިސްލާހު ބަލައިގަނެ، ދިރާސާ ކުރުމަށް މިހާރު ވަނީ ޤައުމީ ސަލާމަތާބެހޭ ކޮމެޓީއަށް ފޮނުވާފައެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ބޯޑުގައި މިހާރު ތިއްބަވާ ނުވަ މެމްބަރުންނަކީ، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ވަޒީރަކާއި، މާލޭ ސިޓީ ކައުންސިލުން ޢައްޔަންކުރާ މެމްބަރަކާއި، އަތޮޅު ކައުންސިލްތަކުން އިންތިޚާބުކުރާ 4 މެމްބަރުންނާއި، މަދަނީ ޖަމްޢިއްޔާތަކުން ޢައްޔަންކުރާ މެމްބަރަކާއި، ޢާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅުއްވާ މެމްބަރަކާއި، އަތޮޅުތަކުގެ ސިޓީ ކައުންސިލުން ކަނޑައަޅުއްވާ މެމްބަރެކެވެ.

އެލްޖީއޭގެ ބޯޑު 5 މެމްބަރުންނަށް ކުޑަކުރެއްވުމަށް ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު، ހުށައެޅުއްވި އިސްލާހުގައިވަނީ އެލްޖީއޭގެ ބޯޑުގައި ކައުންސިލަރުން ނުހިމަނައި ބޯޑު އެކުލަވާލުމަށެވެ. އެ ފަސް މެމްބަރުންނަކީ، މަޖިލީހަށް ޖަވާބުދާރީވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ވަޒީރަކާއި، ޖެންޑަރ އިކުއިލީޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެންބަރަކާއި، މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރަކާއި، ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެންބަރެއްގެ އިތުރަށް ޗީފް އެގްޒެކްޓިވް އޮފިސަރެކެވެ.

މި އިސްލާޙުގައި، އެ މެމްބަރުންގެ ތަޢުލީމީ ފެންވަރުވެސް ކަނޑައަޅުއްވާފައިވެއެވެ. އަދި އެލްޖީއޭގެ ބޯޑުގެ މުއްދަތަކީ ފަސް އަހަރު ކަމަށްވެސް އިޞްލާޙުގައިވެއެވެ.

އިސްލާޙު ހުށައަޅުއްވާ ވާހަކަ ދައްކަވަމުން އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާޢޫދު ވިދާޅުވީ، މި އިޞްލާޙު ހުށައެޅުއްވީ، އެލްޖީއޭ ބޯޑގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާގޮތެއްގައި ހިންގުމުގެ މަގުފަހިކުރުމަށްކަމަށެވެ.

" މިހާރު އެލްޖީއޭގެ ބޯޑުން މައްސަލަތައް ނިންމުމުގައި ވަރަށް ބޮޑަށް އަމިއްލަ މަސްލަހަތަށް ފުށުއަރާގޮތަށް ކަންކަން ކުރާތަން ފެންނަނީ. މިކަން އިސްލާޙުކޮށް ވީހާވެސް ހަރުދަނާކޮށް އަމިއްލަ މަސްލަހަތު ފުށު ނާރާގޮތަށް އަވަހަށް މަސައްކަތް ނިންމުމަށް ހުށައެޅި އިސްލާޙެއް މިއީ". އިސްލާޙު ހުށައަޅުއްވާ ވާހަކަ ދައްކަވަމުން އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާޢޫދު ވިދާޅުވިއެވެ.

މި އިސްލާޙަށް ބަހުސްކުރުމަށް ރިޔާސަތުން ހުޅުވާލި ފުރުޞަތުގައި ގިނަ މެމްބަރުން މިއިޞްލާޙަށް ތާޢީދުކުރެއްވިއެވެ. އެލްޖީއޭގެ ބޯޑުގައި ތަޢުލީމީ ޤާބިލް މެމްބަރުން ތިބުމަކީ ހަރުދަނާގޮތެއްގައި ދެފުށް ފެންނަގޮތަށް ހަލުވިކަމާއެކު، މަސައްކަތްތައް ކުރިއަށްދާނެކަމެއްގެ ގޮތުގައި ވިދާޅުވިއެވެ. ނަމަވެސް އިދިކޮޅު ބައެއް މެމްބަރުން މި އިސްލާޙާ ދެކޮޅު ހެއްދެވިއެވެ.

އެލްޖީއޭގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރާއި ޗީފް އެގްޒެކްޓިވް އޮފިސަރ ޢައްޔަން ކުރައްވާނީ، ރައީސުލްޖުމްހޫރިއްޔާކަމަށާއި، ދެން ތިއްބަވާ ތިން މެމްބަރުން ކަނޑައަޅުއްވާނީ ރައްޔިތުންގެ މަޖިލީހުންކަމަށްވެސް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ހުށައެޅުއްވި އިސްލާޙުގައިވެއެވެ.