ކުޅިވަރު

ގިނަ މެޗުތައް ހަވީރު ކުޅެން ޖެހުމުން ސާންތި ކަންބޮޑުވެއްޖެ


އީގަލްސްއަށް ގިނަ މެޗުތައް ކުޅެން އޮތީ ހަވީރު ކަމަށާއި، އެއީ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި ކްލަބް އީގަލްސްގެ ކޯޗް އިޙްސާން އަބުދުލް ޣަނީ (ސާންތި) ބުނެފިއެވެ.

ސާންތި ބުނީ މިހާ ހޫނުގަދަ ދުވަސްވަރެއްގައި ގިނަ މެޗުތައް ހަވީރު ކުޅެން ޖެހުމަކީ އެކަމުގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތް ވެލެންސިޔާ މެޗަށް ނިކުންނާނީ އެ ޓީމަކީ ވަރުގަދަ ޓީމެއްކަން ދެކިގެން ތިން ޕޮއިންޓް ހޯދަންކަމަށް ސާންތި ބުންޏެވެ. އޭނާ ބުނީ ޓީމަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަޔަކީ ގެނެވިފައި ތިބި ބިދޭސީ ކުޅުންތެރިންގެ ފަރާތުން ތަފާތެއް ނުފެނުން ކަމަށާއި، ގެންނަ ބިދޭސީ ކުޅުންތެރިންނަކީ ތަފާތު ދައްކާ ކުޅުންތެރިންނަށް ވާންޖެހޭނެކަމަށެވެ.

 " މިއީ ވަރަށް ހޫނު ގަދަ ދުވަސްވަރެއްވީމަ ގިނަ މެޗުތައް ހަވީރު ކުޅެން ޖެހުމަކީ ޓީމަށް އެކަމުން ގެއްލުންތަކެއް ދިމާވާނެކަމެއް. އަދި އިދިކޮޅަށް ނިކުންނަ ޓީމަށްވެސް ހޫނުގަދަވީމަ އެކަމުގެ ގެއްލުން ވާނެކަން އިނގޭ. އީގަލްސްއަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލަޔަކީ މިފަހަރު ގެނައި ބިދޭސީ ކުޅުންތެރިންގެ ފަރާތުން ތަފާތު ނުފެންނާތީ. އެ ކުޅުންތެރިންނަކީ ތަފާތު ފެންނަ ކުޅުންތެރިންނަށް ވާންޖެހޭނެ. މިވަގުތު ޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އަނިޔާގައި ތިބި މުހިންމު ދެ ކުޅުންތެރިން ފިޓްވެ މާދަމާގެ މެޗްގައި ޓީމާ ގުޅޭތީ "ސާންތި ބުންޏެވެ.

ސާންތި އެ އިޝާރާތްކުރީ މިސީޒަންގައި އަދި ނުކުޅޭ އަހުމަދު ނާޝިދު (ނައްޓޭ)އާއި އަހުމަދު ރިޒުވާނަށެވެ.

ވެލެންސިޔާގެ ކޯޗް އަހުމަދު މުޖްތަބާ (ފެސްކޯ) ބުނީ އީގަލްސްއަކީ ވަރަށް ޕާސިންގ ގޭމެއް ކުޅޭ ޓީމެއް ކަމަށާއި، އެ ޓީމަކީ ވަރަށް ފޯމުގައި އޮތް ތަފާތު ޓީމެއް ކަމަށެވެ. އަދި ޓީމަށް ދިމާވެފައިވާ ފިނިޝިންގެ މައްސަލައަށް ހައްލެއް ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާކަމަށާ އީގަލްސް މެޗްގައި އެކަން ފެނިގެންދާނެކަމަށް ފެސްކޯ ބުންޏެވެ.

 "އީގަލްސްއަކީ ވެލެންސިޔާގެ ކުޅޭހެން ވަރަށް ތިރިން ޕާސްކޮށްގެން ކުޅޭ ޓީމެއް. އެ ޓީމަކީ މޮޅު ވަރުގަދަ ޓީމެއްކަން އެނގޭ. އެހެންކަމުން މެޗަށް ނިކުންނާނީ އެކަމަށް ސަމާލުކަން ދީގެން މެޗުން ތިން ޕޮއިންޓް ހޯދަން. މިދިޔަ ޕްރެކްޓިސްތަކުގައި އެންމެ ބޮޑަށް ބަލާފައިވާނީ ޓީމަށް ދިމާވެފައިވާ ފިނިޝިންގެ މައްސަލަ ހައްލުކުރުމަށް. އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިފައިވާކަމަށް މި ބަލަނީ އީގަލްސްއާ ދެކޮޅަށް ނުކުންނައިރު "ފެސްކޯ ބުންޏެވެ.

ކްލަބް އީގަލްސްއާ ވެލެންސިޔާ ބައްދަލުކުރާ މެޗް ކުޅޭނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރުއެވެ.