ކުޅިވަރު

އާރޖެންޓީގެ ހެޑް ކޯޗުކަމުން އެޑްގާޑޯ ބައުޒާ ވަކިކޮށްފި


އާރޖެންޓީގެ ހެޑް ކޯޗުކަމުން އެޑްގާޑޯ ބައުޒާ ވަކިކޮށްފިއެވެ.

 އާރޖެންޓީގެ ފުޓްބޯޅަ އެސޯސިއޭޝަނާ އަލަށް ހަވާލުވި ރައީސް ކްލައުޑިއޯ ޓަޕިއާ ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ޓީމުގެ ހެޑް ކޯޗުކަމުން ބައުޒާ ވަކިކުރީ ވާލްޑް ކަޕް ކޮލިފައިންގައި ޓީމުގެ ފަރާތުން ފެންނަން ޖެހޭ އެންމެ ރަނގަޅު ކުޅުން ނުފެނާތީއާއި، ވާލްޑް ކަޕް ފުޓްބޯޅަ މުބާރާތައް ކޮލިފައި ނުވުމުގެ ބިރު އޮތުމުންކަމަށެވެ. އެހެންކަމުން މިވަގުތަށް ޓީމުގެ ހެޑް ކޯޗް ބަދަލުކުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ އާ ކޯޗެއް ހަމަޖެއްސުމަށް ބައުޒާ ވަކިކުރީކަމަށް ޓަޕިއާ ވިދާޅުވިއެވެ. އަދި މި ދަނޑިވަޅުގައި ކޯޗުގެ ފަރާތުން ޓީމަށް ލިބިގެންދިޔަ އެހީތެރިކަމާ އެއްބާރުލުމަށް އެސޯސިއޭޝަންގެ ނަމުގައި ވަރަށް ބޮޑު ޝުކުރުއަދާކުރާކަމަށް ރައީސްގެ ބަޔާނުގައި ބުނެފައިވެއެވެ.

 ވާލްޑް ކަޕް ކޮލިފައިންގައި އާރޖެންޓީނާ ކުޅުނު އަށް މެޗްގެ ތެރެއިން ތިން މެޗުން މޮޅުވެ، ދެ މެޗުން އެއްވަރުވެ އަދި ތިން މެޗުން ވަނީ ބަލިވެފައެވެ. ސައުތު އެމެރިކާ ގްރޫޕްގައި އާޖެންޓީނާ މިވަގތު އޮތީ ފަސްވަނައިގައެވެ،

ހަތަރު ޤައުމު ސައުތު އެމެރިކާ ފަޅިން ވަރލްޑްކަޕަށް ކޮލިފައިވާއިރު ފަސްވަނަ ޓީމް ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބައުޒާގެ ބަދަލުގައި އާރޖެންޓީގެ ކޯޗުކަމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުންދަނީ ސެވިއްޔާގެ ކޯޗް ޖޯޖް ސަމްޕޯލީއެވެ.