ޚަބަރު

ޤާބިލްކަން އިތުރުކުރުމަށް 7 އިމާމަކު މައްކާއަށް !


ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނާއި ޚަޠީބުންގެ ޤާބިލުކަން އިތުރުކުރެއްވުމަށްޓަކައި އިސްލާމިކް މިނިސްޓްރީން ކުރައްވަމުންދާ މަސައްކަތުގެ ދަށުން، ސަޢުދީ ޢަރަބިއްޔާއަށް ފޮނުއްވުމަށް ހަމަޖެހިފައިވާ އިމާމުންގެ ފުރަތަމަ ގްރޫޕް މައްކާއަށް ފުރައިފިއެވެ.

މައްކާއަށް ފުރާފައިވަނީ، ފުރަތަމަ ބެޗް ގައި ދިއުމަށް ހަމަޖެހިފައިވާ ބާރަ އިމާމުންގެ ތެރެއިން ހަތް އިމާމުންކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އަނެއް 5 އިމާމުން މައްކާއަށް ދިއުމަށް ހަމަޖެހިފައިވަނީ މި ހަފްތާގެ ބުދަ ދުވަހުކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. މި ވޯކްޝޮޕަކީ، ސަޢުދީ ޢަރަބިއްޔާގެ މަކްތަބުއްދަޢުވާ ވަލްއިރުޝާދުން އިންތިޒާމުކޮށްގެން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ ގުޅިގެން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގެ ބައިވެރިން ކިޔެވުމަށް ހަމަޖެހިފައިވަނީ މައްކާގައި ހުންނަ އުއްމުލްޤުރާ ޔުނިވަރސިޓީގައެވެ.

ވޯކްޝޮޕްގައި ކުރިއަށްގެންދާ ބައިތަކުގެ ތެރޭގައި، ޤުރްއާނާއި ފިޤްހާއި އިމާމުންގެ ގޮތުގައި މަސައްކަތްކުރާއިރު މުޖުތަމަޢުގައި ދިމާވާ ދީނީ، އިޖްތިމާޢީ އެކިއެކި މައްސަލަތަކާ ގޮންޖެހުންތައް ޙައްލު ކުރާނެގޮތާއި އިމާމުންގެ ނަފްސު ކުރިއަރުވަން ކުރެވިދާނެ ކަންތައްތައް ހިމެނެއެވެ. މި ޕްރޮގްރާމަކީ، ނިމިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒިޔާދު، އިޢުލާން ކުރައްވާފައިވާ ޕްރޮގްރާމެކެވެ. 

އިމާމުންނާއި ޚަޠީބުން ތާޒާކުރުމުގެ މަސައްކަތު ބައްދަލުވުން، މި ނަމުގައި މިނިސްޓްރީން ފެށްޓެވި ސިލްސިލާ ބައްދަލުވުންތައް އިފްތިތާޙް ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ރާއްޖެއިން ބޭރުން ފުރުޞަތު ހޯއްދަވައިގެން އިމާމުންނަށް ތަމްރީން ދެވޭނެ މަގު ފަހިކޮށްދެއްވުމުގެ މަސައްކަތްޕުޅު ކުރިއަށް ގެންދަވާނެކަމަށް މިނިސްޓަރ ޑރ.ޒިޔާދު ވަނީ ވިދާޅުވެފައެވެ. 

ހުނަރާއި ތަމްރީނު ފޯރުކޮށްދިނުމަށްޓަކައި އިމާމުންގެ ފުރަތަމަ ބެޗް ސަޢުދީއަށް ފޮނުއްވާފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިމާމުންގެ އިތުރު ބެޗްތަކެއް ސަޢުދީ އަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން، މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ވެސް ދިވެހި އިމާމުންނަށް ތަމްރީން ޕްރޮގްރާމުތަކާއި ވޯކްޝޮޕްގެ ފުރުޞަތުތައް އިންތިޒާމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.