ޚަބަރު

ގައިންގަޔަށް ނާރާ ބަލިތައް ދަނީ އިތުރުވަމުން- ހެލްތް މިނިސްޓަރ


ގައިންގަޔަށް ނާރާ ބަލިތަކުން ޢާއްމުން ރައްކާތެެރިކުރުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ހެލްތް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

"ބީޓް އޯރަލް ކެންސަރ" ކެންޕެއިން އިފްތިތާހު ކުރުމަށް އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ މިއަދުގެ މުޖުތަމަޢަށް ބަލާއިރު ގައިންގަޔަށް ނާރާބަލިތައް އިންތިހާއަށް އިތުރުވަމުންދާކަމަށެވެ. އެގޮތުން ކެންސަރު ބައްޔަކީ އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއްބަލި ކަމަށާ، މިއީ މިހާރަށްވުރެބޮޑަށް އަޅާލަންޖެހިފައިވާ މައްސަލައެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހެލްތް މިނިސްޓްރީގެ އަމާޒަކީ ހަށިގަނޑަށް ގެއްލުންހުރި ކަންކަމާއި ތަކެތިން ޢާއްމު ރައްޔިތުން ރައްކާތެރިކޮށް އެފަދަ މަގުތައް ވީހާވެސް ބޮޑަށް ބަންދުކޮށް ޢާއްމުން މިކަމަށް ހޭލުންތެރިކުރުވުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެކި ބަލިބަލީގައި މީހުން މަރުވާން ދިމާވާ ސަބަބުތަކުގެ ތެރެއިން 2014 ވަނަ އަހަރު ތަފާސް ހިސާބުތަކަށް ބަލާއިރު، ބާރަ އިންސައްތައަށްވުރެ ގިނަ މީހުން ދުނިޔެ ދޫކޮށްފައިވަނީ ކެންސަރު ބަލީގައިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޢާއްމު ރައްޔިތުންނަކީ ކެންސަރު ބައްޔަށް ހޭލުންތެރިވެފައިވާ ބަޔަކަށް ވުމަކީ މުހިންމުކަމެއްކަމަށާ، ބަލީގެ ކުރީކޮޅު އެބަލި ދެނެގަނެވޭ ނިޒާމްތައް ގާއިމްވެފައި އޮތުމަކީ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަރަށްބޮޑަށް ބާރުއަޅުއްވާ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ހެލްތް މިނިސްޓްރީގެ ސިޔާސަތުތައް އެމަގަށް ބައްޓަން ކުރައްވާފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.