ޚަބަރު

ސިޔާސީ ހަރަކާތް ހިންގުމުގެ ޖާގަ އެބައޮތް- ސަރުކާރު


ޤާނޫނީ އިމުގެ ތެރެއިން ދިވެހިރާއްޖޭގައި ސިޔާސީ ޙަރަކާތް ހިންގުމުގެ ޖާގަ އެބައޮތް ކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިކަން ބަޔާންކުރައްވާފައިވަނީ ޔޫރަޕިއަން ޔޫނިއަންއާއި އެމެރިކާއާއި ކެނެޑާއާއި ނޯވޭއާއި އަދި ސްވިޓްޒަލެންޑުގެ އެމްބަސީން ނެރެފައިވާ ގުޅިފައިވާ ބަޔާނަށް ރައްދުދެއްވައި ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުއްވި ބަޔާނެއްގައެވެ. ދިވެހި ސަރުކާރުގެ ބަޔާނުގައި ވިދަޅުވެފައިވަނީ ޤާނޫނީ އިމުގެ ތެރޭގައި މަސައްކަތްކުރާ އިދިކޮޅު ޙަރަކާތަކީ ޑިމޮކްރަސީއެއްގެ މުހިއްމު ބައެއް ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އަދި ޤާނޫނީ އިމުގެ ތެރެއިން ދިވެހިރާއްޖޭގައި ސިޔާސީ ޙަރަކާތް ހިންގުމުގެ ޖާގަ އެބައޮތް ކަމަށް ބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި ދިވެހިރާއްޖޭގެ މައްސަލަތައް ޙައްލު ކުރެއްވުމަކީ ހަމައެކަނި ސަރުކާރުގެ މަސްއޫލިއްޔަތެއް ނޫން ކަމަށާއި މައްސަލަތައް ޙައްލުކުރުމުގައި ރާއްޖޭގެ އިދިކޮޅު ފަރާތްތަކުގެ ވެސް ޒިންމާއެއް އެބައޮތް ކަމަށް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.

ފޮރިން މިނިސްޓްރީން ނެރުއްވި ބަޔާނުގައި، ދެހާސް ފަނަރަވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އިސްނެންގެވުމުގެ މަތިން ބާއްވަވަން މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީގެ މަޝްވަރާތައް އަލުން ބޭއްވެވުމަށް ދިވެހިރާއްޖޭގެ ސަރުކާރުން މަސައްކަތް ކުރައްވާކަން ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން، ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަކި ފަރާތަކަށް ނުޖެހި ދިވެހިރާއްޖޭގައި ހުރި މައްސަލަތައް ދެނެގަނެ އެކަންކަން ޙައްލުކުރުމުގައި ދިވެހިރާއްޖޭގެ ސަރުކާރަށް އެހީތެރިވުމުގެ މުހިއްމުކަންވެސް ފޮރިން މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖޭގައި އޮތް ޒަމާންވީ ސިޔާސީ މައްސަލަތަކުން އެކަހެރިވެ، އިޤްތިޞާދީ ބޮޑު ބަދަލަކަށް ދިވެހިރާއްޖެ މިސްރާބު ޖަހާފައިވާ ކަމަށާއި އެކަމުގެ ފުރިހަމަ ފައިދާ ދިވެހި ރައްޔިތުންނަށް ކުރަމުން އަންނަ ކަމަށްވެސް ފޮރިން މިނިސްޓްރީން ނެރުއްވި ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އަދި މިކަންކަމަށް ހުރަސް އެޅުމަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ކުރަމުންދާ މަސައްކަތުގެ ސަބަބުން ގެއްލުންވަމުންދާނީ ދިވެހި ރައްޔިތުންނަށް ކަމަށްވެސް އެބަޔާނުގައި ވިދާޅުވެފައިވެއެވެ.