ދުނިޔެ

މިސްރުގައި ކުއްލި ޙާލަތު އިޢުލާންކޮށްފި


މިސްރުގެ ދެ ސިޓީއެއްގައި ދިން ބޮމުގެ ޙަމަލާތަކަކާއި ގުޅިގެން އެޤައުމުގައި 3 މަސްދުވަހަށް ކުއްލި ޙާލަތު އިޢުލާންކުރުމަށް ސަރުކާރުން ނިންމައިފިއެވެ. 

މިސްރުގައި ކުއްލި ޙާލަތު އިޢުލާންކުރުމަށް ސަރުކާރުން ނިންމަވާ، އެކަން އިޢުލާންކޮށްފައިވާއިރު، ޤާނޫނު ހަދާ މަޖިލީހުގެ ރުހުން ހޯއްދެވުމަށް އެމައްސަލަ ވަނީ މިހާރު މަޖިލީހަށް ފޮނުއްވާފައެވެ.  

މިސްރުގައި ކުއްލި ޙަލާތު އިޢުލާންކޮށްފައި މިވަނީ އެޤައުމުގެ ބޮޑު ދެ ސިޓީކަމަށްވާ އެލެކްސްޒެންޑްރިއާ އާއި ޓަންޓާ ސިޓީގައި އިއްޔެ އައި.ސިސް ދިން ޓެރަރިސްޓް ޙަމަލާތަކެއްގައި 45 މީހަކު މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެ، ޓެރަރިޒަމްގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައެވެ. އިއްޔެގެ ޙަމަލާއަކީ މިސްރުގައި ފަހުގެ ތާރީޚެއްގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި ހާދިސާއެވެ. 

މިސްރުގެ ވަޒީރުންގެ މަޖިލީހުން ނެރުއްވި ބަޔާނެއްގައި މިސްރުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އަޅުއްވާނެކަމަށް ވިދާޅުވިއެވެ.