ވިޔަފާރި

"ވެމްކޯއަކީ ފައިދާ ހޯދަމުން އަންނަ ކުންފުންޏެއް"


ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯ އަކީ އެކުންފުނިން ކުރާ މަސައްކަތުގައި ފައިދާ ހޯދަމުން އަންނަ ކުންފުންޏެއްކަމަށް ވެމްކޯ އިން ބުނެފިއެވެ.

ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފުވާދު ވިދާޅުވީ 2017 ވަނަ އަހަރުގެ މާލޭގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ފެށީ ރިކަރަންޓް ޚަރަދަށް ދައުލަތުގެ ބަޖެޓުން އެއްވެސް ފައިސާއެއް ހޭދަނުކޮށްކަމަށާ، ރައްކާތެރި ގޮތުގައި ކުނި މެނޭޖްކޮށްގެން، މިހާރު ވެމްކޯ އަކީ ފައިދާވާ ކުންފުންޏެއްކަމަށް އޭނާ ވިދާޅުވިއެވެ.

ވެމްކޯ އިން އަންނަނީ ކުނި މެނޭޖްކުރުމުގެ މަސައްކަތުގެ ތެރެއިން ރީސައިކަލް ކުރެވޭނެ ތަކެތި ރީސައިކަލްކޮށް ބޭނުންކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މިގޮތުން، އުކާލެވޭ ކަރުދާހާއި ޕްލާސްޓިކް ފަދަ ތަކެތި އަލުން އަނބުރާ ބޭނުންކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

img:http://s2.psmnews.mv/images/660x400/14828487177634.jpg|ވެމްކޯއިން ކަރުދާސް ކޮންޓެއިނަރެއް އެކްސްޕޯޓްކުރުމަށް ތައްޔާރުވަނީ / ފޮޓޯ: ވެމްކޯ

ފުވާދު ވިދާޅުވީ މާލޭގައި އުފެދޭ ޕްލާސްޓިކް ފުޅިން ވެމްކޯއަށް އަހަރެއްގެ މައްޗަށް ދެމިލިއަނަށްވުރެ ގިނަ ރުފިޔާ ލިބޭކަމަށެވެ. އުކާލެވޭ ކުނީގެ ބާވަތްތަކުގެ ތެރެއިން މާލޭގެ ސްކޫލްތަކުން އުކަލާ ކަރުދާސް ރިސައިކަލްކުރުމަށްޓަކައި، މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައި ވަނީ 52 ޓަނުގެ ކަރުދާސް ރާއްޖެއިން ބޭރަށް އެކްސްޕޯޓްކޮށްފައެވެ.  

މާލޭ ސަރަޙައްދުގައި އުފެދޭ ކުނި ރައްކާތެރިގޮތުގައި މެނޭޖްކުރުމުގެ މަސައްކަތުގެ އިތުރަށް، ކުންޏާއި ގުޅޭގޮތުން ޢާއްމުން ހޭލުންތެރިކުރުވައި، ކުނީގެ ގޮތުގައި އުކާލެވޭ ބާވަތްތަކުގެ ތެރެއިން ބަދަލު ގެނެސްގެން އަލުން ބޭނުންކުރެވިދާނެ އެއްޗެހި ބޭނުން ހިފޭގޮތަށް ހެދުން ނުވަތަ ރިސައިކަލްކުރުމަށް ހިތްވަރުދިނުމަށް ވެމްކޯއިން ތަފާތު ޙަރަކާތްތަކެއް ގެންދަނީ ހިންގަމުންނެވެ.