ސިޔާސީ

އިތުބާރުނެތްކަމުގެ މައްސަލަ ދެންވެސް ފާހެއް ނުވާނެ- މެމްބަރުން


ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް މިހާރު ގެނެސްފައިވާ އިޞްލާހުގައި ބަޔާންކޮށްފައިވާ ޢަދަދުގެ ސޮޔާއެކު މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު މެންބަރުން ހުށަހެޅުއްވިޔަސް ކާމިޔާބު ނުވާނެކަމަށް ސަރުކާރައް ތާޢީދުކުރައްވާ މެމްބަރުން ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތާޢީދު ކުރައްވާ މެމްބަރުން މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ޤަވާއިދަށް ޢާއްމު ކޮމެޓީން ގެނައި އިޞްލާހަށް ބަހުސް ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ހުޅުވާލެއްވި ފުރުޞަތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައްޔިތުން މަޖިލީހުގެ ޤަވާއިދުގެ 175ވަނަ މާއްދާއަށް ގެނެސްފައިވާ އިޞްލާޙްގައިވަނީ މަޖިލީހުގެ ރައީސް ކަމުގެ މަޤާމުގައި ހުންނަވާ ބޭފުޅެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅޭނީ 42 މެންބަރުންނަށްވުރެ މަދުނޫން ޢަދަދެއްގެ މެންބަރުންގެ ސޮޔާއެކުކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 175ވަނަ މާއްދާ ޢާއްމު ކޮމެޓީން އިޞްލާހް ކުރައްވާފައިވާއިރު މީގެކުރިން އެ ޤަވާއިދުގައިވަނީ މަޖިލީހުގެ މެންބަރުންގެ ތެރެއިން 15 މެންބަރުންނަށްވުރެ މަދުނޫން ޢަދަދަކަށް މެންބަރުން ސޮއިކޮށް މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިދާނެކަމަށެވެ.

ޤަވާޢިދަށް ގެންނަވާފައިވާ އިޞްލާޙަށް ބަހުސްކުރެއްވުމަށް މަޖިލީހުގެ ރިޔާސަތުން ހުޅުވާލެއްވި ފުރުޞަތުގައި ވާހަކަދައްކަވަމުން އިދިކޮޅު މެންބަރުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް ޢާއްމު ކޮމެޓީން ގެނެސްފައިވާ އިޞްލާހަކީ ޤާނޫނު އަސާސީއާ ޚިލާފު އިޞްލާހެއް ކަމަށެވެ.

މި އިޞްލާހަށް ބަހުސް ކުރައްވަމުން ސަރުކާރަށް ތާޢީދު ކުރައްވާ މެންބަރުން ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް މަގުފަހިކޮށްދިނުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރާ ތަނީ ރައްޔިތުންގެ މަޖިލިސް ކަމަށެވެ. އެހެންކަމުން ދެއިރު ދެދަޅައަށް ރައްޔިތުން މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން، ނުސީދާ ގޮތެއްގައި މަޖިލީހުގައި ތަޅު އެޅުވިޔަ ނުދެއްވާނެ ކަމަށްވެސް ސަރުކާރަށް ތާޢީދުކުރައްވާ މެންބަރުން ވިދާޅުވިއެވެ. މި މައްސަލަ ރައްޔިތުންގެމަޖިލީހުގެ ތަޅުމުން ފާސްވުމާއެކު، މަޖިލީހުގެ ތަޅުމަށް މިހާރު ހުށަހަޅާފައިވާ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އާއި ނާއިބުރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ އޮޓެމެޓިކުންވަނީ މަޖިލީހުން ބޭރުވެފައެވެ.