ކުޅިވަރު

ސާބާ ޗެމްޕިއަންޝިޕަށް ޤައުމީ ޓީމް ޕްރެކްޓިސް ފަށައިފި


އަންނަ މޭމަހުގެ 19 ވަނަ ދުވަހު ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާ ސާބާ ޗެމްޕިއަންޝިޕަށް ތައްޔާރުވާ ދިވެހި ގައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމްގެ ޕްރެކްޓިސް ފަށައިފިއެވެ. 

ޓީމްގެ ޕްރެކްޓިސް ރޭ ފެށީ 23 ކުޅުންތެރިންގެ ސްކޮޑަކާއިއެކުއެވެ. ސާބާ ޗެމްޕިއަންޝިޕްގައި ދިވެހި ޓީމަށް އިރުޝާދުދޭނީ ކޯޗް ސުޕުން ވިމަލްވެސްއެވެ. ރޭ ޕްރެކްޓިސް ފެށީވެސް އޭނާގެ އިރުޝާދުގެ ދަށުންނެވެ. 

ސުޕުންއާއިއެކު އޭނާގެ އެހީތެރިންގެ ގޮތުގައި ހަރަކާތްތެރިވާނީ މިދިޔަ އަހަރު ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވާ އިލްޔާސް އިބްރާހިމް، ކޯޗް މުޙައްމަދު ނަޒީރުގެ އިތުރުން އަޙުމަދު ފައިސަލްއެވެ. 

ޕީއެސްއެމް ސްޕޯޓްސްއާއި ވާހަކަދައްކަމުން ޓީމްގެ އެސިސްޓަންޓް ކޯޗް އިލްޔާސް އިބްރާހިމް ބުނީ ބޮޑު ސްކޮޑަކާއިއެކު ޕްރެކްޓިސް ފަށައިގެން ކުރިއަށް އޮތް ދެތިން ދުވަހު އޮންނާނީ ކުޅުންތެރިންގެ ފިޒިކަލް ހާލަތު ދެނެ ގަތުމުގެ މަސައްކަތްކަމަށެވެ. ޓީމްގެ ޓެކްނިކަލް ކަންތައްތަކަށް މަސައްކަތްކުރުން އޮންނާނީ ފިޒިކަލް ޓީމްގެ ފިޒިކަލް ރަނގަޅުކުރުމަށްފަހު ކަމަށްވެސް އިލްޔާސް ބުންޏެވެ. 

"ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ދިވެހި ޤައުމީ ޓީމް މިފަދަ މުބާރާތެއް ކުޅޭ ފުރަތަމަ ފަހަރުވީމަ ވަރަށް ބޮޑަށް މުބާރާތަށް ތައްޔާރުވާނެ ޓީމް. ކުރިއަށް އޮތް ދެ ތިން ދުވަހު މިއޮތީ ޓީމްގެ ފިޒިކަލް ކަންޑިޝަން ދެނެގަތުން. އޭގެ ފަހުން ޓެކްނިކަލް ކަންތައްތަކަށް ފޯކަސް ކުރާނީ" އިއްލަ ބުންޏެވެ.

ސާބާ ޗެމްޕިއަންޝިޕްގައި ސައުތް އޭޝިޔާ ސަރަޙައްދުގެ ހަތް ގައުމުން ވާދަކުރާނެއެވެ. މި މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ އަހަރު އިންޑިޔާގެ ބެންގަލޫރުގައެވެ. އެ މުބާރާތުން ރާއްޖޭގެ ޓީމްވަނީ ރިހި މެޑަލް ހޯދާފައެވެ.