ކުޅިވަރު

މާޅެންދޫއާއި، އުނގޫފާރު ޗެމްޕިއަންކަން ހޯދައިފި


މިނިވަން ޗެމްޕިއަންޝިޕްގެ ނ.އަތޮޅުގެ ޗެންޕިއަންކަން މާޅެންދޫ އަދި ރ.އަތޮޅުގެ ޗެންޕިއަންކަން އުނގޫފާރު ހޯދައިފިއެވެ.

އުނގޫފާރު ޗެންޕިއަންކަން ހޯދީ އެރަށުގައި އިއްޔެ ހަވީރު ކުޅުނު ފައިނަލްގައި މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވެ، މުޙައްމަދު ޝާޒްލީގެ އިރުޝާދުގެ ދަށުން ނިކުއިން މީދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެޗު އުނގޫފާރު ކާމިޔާބުކުރީ 1-0 ނެވެ. މެޗުގެ ހަމައެކަނި ލަނޑު 32 ވަނަ މިނިޓްގއި ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ބާރނާޑްއެވެ.

މާޅެންދޫ ޗެންޕިއަންކަން ހޯދީ އިއްޔެ ހަވީރު ކެނދިކުޅުދޫގައި ކުޅުނު ފައިނަލްގައި ކުޑަފަރިއާއި ވާދަކޮށް 2-1 ން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ކުޑަފަރިއެވެ. އެޓީމްގެ ލަނޑު ޖަހައިދިނީ ހަސަން ސާދިޤްއެވެ. މާޅެންދޫގެ ދެ ލަނޑު ޖެހީ އަބުދުﷲ ޝަފީންއެވެ. މިއީ މާޅެންދޫ އަތޮޅު މުބާރާތުގެ ޗެންޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.