ވިޔަފާރި

ދަރަވަންދޫގައި ބީއެމްއެލް އިން އޭޓީއެމްގެ ޚިދުމަތް ތަޢާރަފްކޮށްފި


ބ.ދަރަވަންދޫގައި ބޭންކް އޮފް މޯލްޑިވްސްގެ ސެލްފް ސާރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް މިއަދު ތަޢާރަފްކޮށްފިއެވެ.

ދަރަވަންދޫ އެއަރޕޯޓުގައި ޤާއިމްކޮށްފައިވާ ސެލްފް ސާރވިސް ބޭންކިންގ އޭޓީއެމް ސެންޓަރ ހުޅުއްވައިދެއްވީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ. އަޙްމަދު ޒިޔާދު އަދި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފެވެ.

މި އާ އޭޓީއެމްގެ ޚިދުމަތް ދަރަވަންދޫގައި ފަށާފައިމިވަނީ، ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބޭންކިންގ ޚިދުމަތްތައް ފުޅާކުރުމަށާއި ބޭންކުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް އިޢުލާންކޮށްފައިވާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ބައެއްގެ ގޮތުގައި ކަމަށް ބީއެމްއެލުން ބުނެއެވެ. ޢާންމުކޮށް ފައިސާ ނެގުމަށް އޭޓީއެމް ބޭނުންކުރަމުންދިޔަ ކަމުގައިވިނަމަވެސް މި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ޖަމާކުރުމާއި ޓްރާންސްފަރކުރުމުގެ ޚިދުމަތް 24 ގަޑިއިރު ލިބިގެންދާނެއެވެ.

މި ޚިދުމަތް ރަސްމީކޮށް އިފްތިތާހުކުރުމަށް އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވިދާޅުވީ، އެންމެ ޒަމާނީ ސެލްފް ސާރވިސް ބޭންކިންގ އޭޓީއެމްއަކާއެކު ދަރަވަންދޫގެ ރައްޔިތުންނަށާއި، ވިޔަފާރިތަކަށް އަދި އިޤްތިޞާދަށް ފައިދާވާނެ މަގު ފަހިކޮށްދެވުމަކީ ބީއެމްއެލްއަށް ލިބޭ އުފަލެއް ކަމަށެވެ. އަދި މިއީ މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބީއެމްއެލުން މިހާރު ކުރިޔަށްގެންދާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ މުޙިއްމު ލަނޑުދަނޑިއެއް ޙާސިލްވެގެންދާ ދުވަހެއްކަމަށް ޝަރީފް ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން އަންނަނީ، މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، އަދި 84 އޭޓީއެމްއާއި 26 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ މެދުވެރިކޮށް ބޭންކިންގގެ ޚިދުމަތް ދެމުންނެވެ.