ސިޔާސީ

މާދާމާގެ ޖަލްސާގައި މަޖިލީހުގެ ޤަވާއިދަށް އިސްލާހު ގެންނަނީ


ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް މަޖިލިހުގެ ޢާންމު ކޮމެޓީން މިއަދު ނިންމަވައިފިއެވެ. ޢާއްމު ކޮމެޓީން އެގޮތަށް ނިންމެވީ ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙްގެ އިތުބާރު ނެތްކަމުގެ މައްސަލަ ތިންވަނަ ފަހަރަށް އިދިކޮޅު ފަރާތްތަކުން މިއަދު މަޖިލީހަށް ހުށަހަޅުއްވާފައިވަނިކޮށެވެ.

މަޖިލީހުގެ އާންމު ކޮމެޓީން ރައްޔތުންގެ މަޖިލީހުގެ ޤަވާއިދަށް ގެންނެވި މި އިޞްލާޙްގެ ރިޕޯޓް މާދަމާ ބާއްވަވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށް ވަނީ އެޖެންޑަރ ކުރައްވާފައެވެ.

ރައްޔިތުން މަޖިލީހުގެ ޤަވާޢިދުގައި މިހާރު އޮންނަނީ މަޖިލީހުގެ ރައީސް އަދި މަޖިލީހުގެ ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވޭނީ 15 މެމްބަރުންގެ ސޮއިއާއެކުގައި ކަމަށެވެ. ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ޕީޕިއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވީ އިދިކޮޅު ފަރާތްތައް ބޭނުން އިރަކު މަޖިލީހަށް އެފަދަ ބޮޑެތި މައްސަލަތައް ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވީ މަޖިލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމަކީ ކުޑަކުޑަ ކަމެއް ނޫން ކަމަށެވެ. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނަށް މުހިއްމު މަސައްކަތްތަކެއް ކޮށްދޭ ތަނެއްކަން ފާހަގަކުރައްވަމުން ނިހާން ވިދާޅުވީ އެފަދަ މައްސަލަތައް މަޖިލީހަށް ހުށަހެޅުއްވުމުގެ ސަބަބުން މުޅި ޤައުމު ހުއްޓުމަކަށް އަންނަ ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނާއިބު ލީޑަރ ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވީ ޤައުމު ހުއްޓުމެއްގެ ތެރޭގައި ބޭއްވުމުގެ އެއްވެސް ފުރުޞަތެއް ސަރުކާރުން ނުދެއްވާނެ ކަމަށެވެ.

ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަޙްމަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ބުނެ މިދިޔަ މާޗް މަހުގެ ތެރޭގައިވެސް ވޯޓެއް ނެގިގެން ދިޔައިރު، އެ ވޯޓްގައި ބޮޑު އަޣުލަބިއްޔަތަކުން މަޖިލީހުގެ ރައީސްގެ އިތުބާރު އޮތް ކަމަށް ފާސްވެގެން ދިޔައިރު، އޭގެފަހުން މަޖިލީހުގެ އެއްވެސް ޖަލްސާއެއް ނުބާއްވާއިރު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ބުނެ މައްސަލައެއް މަޖިލީހަށް ހުށަހެޅުއްވިގެން ނުވާނެކަމަށެވެ.

ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހެޅުއްވި މައްސަލައާ ގުޅޭގޮތުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާޙް ވިދާޅުވީ މިއަދު ދިވެހި ރައްޔިތުންނަށް ސާފުވެގެން ދިޔަ އެއްކަމަކީ އިދިކޮޅު ފަރާތްކުގެ ޒިންމާދާރުކަން ނެތްކަން ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮއިއާއެކުގައި ކަމަށް ބުނެ މަޖިލީހުގެ ޤަވާޢިދަށް އާންމު ކޮމެޓީން ގެންނެވި އިޞްލާޙް މަޖިލީހުގެ ތަޅުމުން ފާސްވެއްޖެނަމަ އިދިކޮޅު ފަރާތްތަކުން މަޖިލިހަށް ހުށަހަޅުއްވާފައިވާ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙާއި ނާއިބު ރައީސް މޫސާ މަނިކުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް އޮޓަމެޓިކުން މަޖިލިހުން ބޭރުވާނެއެވެ.