ވިޔަފާރި

ފޯ ސީސަން އެޕްރެންޓިޝިޕް ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ދީފި


ފޯރ ސީޒަން މޯލްޑިވްސްއިން ކުރިއަށް ގެންދާ ރިސޯޓް މާޙައުލުގެ ވަޒީފާގެ ތަޢުލީމާއި ތަމްރީނު ދިނުމުގެ އެކި ކޯސްތައް ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ޙަވާލުކޮށްފިއެވެ.

ކޯސްތަކުން ފާސްވި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށް ދެއްވީ މިއަދު ނެޝަނަލް އާރޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމެވެ. ފޯ ސީޒަން ރިސޯޓްސް މޯލްޑިވްސް ހޮސްޕިޓަލިޓީ އެޕްރެންޓިޝިޕް ޕްރޮގްރާމަކީ ރާއްޖޭގައި ކުރިއަށް ގެންދާ މިފަދަ އެއްމެ ދުވަސްވީ އެއްޕްރޮގްރާމެވެ. މިހާރު މި ޕްރޮގްރާމަށް 16 އަހަރުވަނީ ވެފައެވެ.  

މިދިޔަ އަހަރު ފޯރސީޒަން ރިސޯޓުން ކުރިއަށް ގެންދިޔަ 9 ކޯހަކުން 47 ކުދިން ވަނީ މިރަސްމިއްޔާތުގައި ދަސްވެނިވެފައެވެ.

މި ކޯސްތަކުގެ ތެރޭގައި ހިމެނެނީ ފުޑް އެންޑް ބެވަރެޖަސް ޕްރިޕަރޭޝަން އާއި ޚިދުމަތް ދިނުމުގެ ކޯހާއި، ސޭފް މެރިޓައިމް ޓްރާންސްޕޯޓް ކޯހާއި، އިންޖިނިއަރިން، ހައުސްކީޕިން، ގެސްޓް ސަރވިސް މީގެއިތުރުން ފްރަންޓް އޮފީސް މެނޭޖްމެންޓާއި ޕަޑީ ޑައިވް މާސްޓަރ ކޯހާއި ވޯޓަރ ސްޕޯޓްސް ކޯހާއި މެރިން ބަޔޮލޮކީ ކޯސްތަކެވެ.

މިފަދަ ޕްރޮގްރާމްތަކުގެ މުޙިއްމުކަމުގެ މައްޗަށް އަލިއަޅުއްވާ މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމް ވަނީ ވާހަކަފުޅުދައްކަވާފައެވެ. އަދި ފޯރސީޒަންގެ މި ޕްރޮގްރާމްގެ ފަރާތުން ދިވެހި ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ތަމްރީން ލިބި، ވަޒީފާގެ ފުރުޞަތުތައް ފަހިވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

" މި ޕްރޮގްރާމަށް ސޯޅައަހަރު ފުރިފައިވާއިރު، މިހާތަނަށް ހަތަރަސްތޭކައަށްވުރެ ގިނަ ކުދިންނަށް ވަނީ ތަމްރީން ދެވިފައި، މިއީ ރާއްޖޭގައި ކުރިއަށްގެންދާ މިފަދަ އެންމެ ކާމިޔާބު އެއް ޕްރޮގްރާމް، މި ޕްރޮގްރާމްގެ ސަބަބުން ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއަށް ނިކުތުމަށް އެހީތެރިވެދޭ". މިނިސްޓަރ ވިދާޅުވިއެވެ.

ފޯރސީޒަން ރިސޯޓްސް މޯލްޑިވްސްގެ ރީޖަނަލް ވައިސް ޕްރެޒިޑެންޓް އަރްމާންޑޯ ކްރެއެންޒްލިން ވިދާޅުވީ، އޭ ލެވަލްއާ ހަމައަށް ކިޔަވާފައިވާ ކުދިން މި ޕްރޮގްރާމަށް ކުރިމަތިލާ ޢަދަދުކަމަށް. އެހެންކަމުން އޯ ލެވަލް ނިންމާ ކުދިން، އޭ ލެވެލްއާ ހަމައަށް ކިޔެވުމަށް ސަރުކާރާއި، އެކުންދިންގެ މައިންބަފައިން ބާރު އަޅަންޖެހިފައިވާ ކަމަށްވެސް ކްރެއެންޒްލިން ވިދާޅުވިއެވެ.

" މި ޕްރޮގްރާމްގައި ހިމެނޭ ކޯސްތަކަކީ ކިޔެވުމުގެ ބައިވެސް ހިމެނޭ ކޯސްތަކެއް، އެހެން ކަމުން އޭ ލެވެލްއާ ހަމައަށް ކިޔަވާފައި ތިބި ކުދިން މި ޕްރޮގްރާމަށް ކުރިމަތިލުން މުހިއްމު، އަދި އޭ ލެވަލްއާ ހަމައަށް ކިޔަވާފައިވާ ކުދިން މި ޕްރޮގާމްއަށް ކުރިމަތިލުމުން މި ޕްރޮގްރާމް އިތުރަށް ކާމިޔާބުވެގެންދާނެ ކަމަށް އަޅުގަނޑަށް ޤަބޫލްކުރެވޭ" ކްރެއެންޒްލިން ވިދާޅުވިއެވެ.

ފޯރސީޒަން މޯލްޑިވްސް އިން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ޓިވެޓް ސެޓިފައިޑް ކޯސްތަކެވެ. މި ޕްރޮގްރާމްގެ ދަށުން މިއަހަރު ފަށާ ކޯސްތަކުގައި ރާއްޖޭގެ 58 ރަށަކުން 17 އަހަރާއި 20 އަހަރާއި ދެމެދުގެ 63  ޒުވާނުން ބައިވެރިވެއެވެ.