ވިޔަފާރި

ސްރީލަންކާއަށް ދިޔަ ދިވެހިންގެ ޢަދަދު %10 ދަށަށް ހިގައްޖެ


ހުސްވި މާޗުމަހު ސްރީލަންކާއަށް ދިޔަ ދިވެހިންގެ ޢަދަދު %10 ދަށަށް ހިގައްޖެއެވެ. 

މިދިޔަ އަހަރުގެ މާޗުމަހު ސްރީލަންކާއަށް 9000އަށްވުރެ ގިނަ ދިވެހިން ދަތުރުކޮށްފައިވާއިރު، މިއަހަރުގެ މާޗުމަހު އެޤައުމަށް ދަތުރުކޮށްފައިވަނީ 8076 ދިވެހިންނެވެ.

ސްރީލަންކާއަށް އެންމެ ގިނަ ޢަދަދަކަށް މީހުން ޒިޔާރަތްކުރާ 10 ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެތެރޭގައި ސްރީލަންކާއަށް 18،800އަށްވުރެ ގިނަ ދިވެހިން ދަތުރުކޮށްފައިވެއެވެ. އެހެން ނަމަވެސް މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު %13 ދަށް ޢަދަދެކެވެ.

ސްރީލަންކާގެ ޓޫރިޒަމް ޕްރޮމޯޝަން އޮފީހުން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، ހުސްވި މާޗުމަހު އެޤައުމަށް ޒިޔާރަތްކުރި މުޅި ޖުމްލަ ފަތުރުވެރިންގެ ޢަދަދުވަނީ މިދިޔަ އަހަރުގެ މާޗުމަހާ އަޅައިބަލާއިރު %2.6 ދަށަށް ގޮސްފައެވެ.

ސްރީލަންކާއަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާއިންވެސް މާޗުމަހު އެޤައުމަށް ދިޔަ ފަތުރުވެރިންގެ ޢަދަދު ވަނީ %10 ދަށްވެފައެވެ. އެހެންނަމަވެސް މާޗްމަހު ޗައިނާއިން ސްރީލަންކާއަށް ދަތުރުކުރި މީހުންގެ ޢަދަދު ވަނީ %12 އިތުރުވެފައެވެ.

އެ ޤައުމަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ގޮސްފައިވަނީ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއަރޕޯޓުގެ ރަންވޭ އެއްވަރުކުރުމާއި މަރާމާތުކުރުމަށް ޖެނުއަރީ މަހުން ފެށިގެން މިމަހުގެ 5ވަނަ ދުވަހުގެ ނިޔަލަށް، ދުވާލުގެ 8 ގަޑިއިރު އެއަރޕޯޓު ބަންދުކޮށްގެން މަސައްކަތް ކުރިޔަށް ގެންދިޔުމާއި ގުޅިގެންކަމަށް ސްރީލަންކާގެ ޓުއަރ އޮޕަރޭޓަރުން ހާމަކުރެއެވެ.