ކުޅިވަރު

އައު ދައުރަށްކަށް ޝަވީދު ކުރިމަތިލައްވަނީ


އޮލިމްޕިކް ކޮމެޓީގެ ރައީސް ކަމަށް އިތުރު ދައުރަކަށް ކުރިމަތިލައްވާނެކަމަން އެކޮމެޓީގެ މިހާރުގެ ރައީސް މުހައްމަދު ޝަވީދު އިޢުލާންކުރައްވައިފިއެވެ. ޝަވީދު މިކަން އިޢުލާންކުރެއްވީ ހޮޓެލް ޖެންގައި އިއްޔަ ބޭއްވުނު އޮލިމްޕިކް ކޮމެޓީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. 

ޝަވީދު ވިދާޅުވީ އާ ދައުރަކާ ކުރިމަތިލާއިރު، ވޯޓް ދިނުމަކީ ކުލަބްތަކުގެ އަތްމަތީގައިވާކަމެއްކަމަށެވެ. ބައެއް އެސޯސިއޭޝަންގެ ތަކުގެ ބޭފުޅުން އޮލިމްޕިކް ކޮމެޓީއަކީ ސިޔާސީ ތަނަަކަށް ހައްދަވަން މައްސައްކަތް ކުރައްވާ ކަމަށާއި ނަމަވެސް އެފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެކަމަށް ޝަވީދު ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14916616472794.jpg|އޮލިމްޕިކް ކޮމެޓީގެ އަހަރީ އާންމު ޖަލްސާ (ފޮޓޯ: ޕީއެސްއެމް-ވަހީދު)

ޝަވީދު ވިދާޅުވީ ބައެއް އެސޯސިއޭޝަންތަކުގެ ބޭފުޅުންނަށް އޮލިމްޕިކް ކޮމެޓީއިން މަސައްކަތް ކުރާގޮތް އެގިވަޑައިނުގަންނަވާކަމަށެވެ. އަދި އެސޯސިއޭޝަންތަކުން ކުރަންޖެހޭ ބައެއް ކަހަލަ މަސައްކަތްތަށް ނުކޮށް، އޮލިމްޕިކް ކޮމެޓީއަށް އިނގިލި ދިއްކުރެވޭތަންވެސް އެބައަންނަކަމަށް ޝަވީދު ވިދާޅުވިއެވެ. އިންތިހާބް ކުރިމަތީގައި އޮއްވާ މިފަދަ ވާހަކަތަަށް ދެއްކުމަކީ މާރަނގަޅު ކަމަކަށް ނުވެދާނެކަމަށާއި ނަމަވެސް ދައްކަންޖެހޭ ވާހަކައެއް، ނުވަތަ ނަގަންޖެހޭ ޒިންމާއެއް ނަންގަވާނެކަމަށް ޝަވީދު ވިދާޅުވިއެވެ. އަދި ފާއިތުވެގެންދިޔަ ދައުރުގައި ކުރެވުނު މަސައްކަތާއި މެދު ހިންހަމަޖެހޭކަމަށާއި އެސޯސިއޭޝަންތަކަށް މީގެ ކުރިން ނުލިބޭ ވަރުގެ ތަމްރީން ފުރުސަތުތަކެއް މިހާރުވެސް ހޯދައިދީފައިވާނެކަމަށް ޝަވީދު ވިދާޅުވިއެވެ.

"ކުރީގައި ރާއްޖެ ބައިވެރިވި މުބާރާތްތަކާއި ޓްރެއިނިން ކުރެވުނު ވަރާއި ލިބުނު ފެސިލިޓީސްތަކާއި ވަން ޑިޖިޓުގެ ބަޖެޓެއް ޓޫ ޑިޖިޓްސް އަށް ބަދަލުވި ގޮތާއި މި ހުރިހާ އެއްޗެއް ތިބޭފުޅުން އަމިއްލައަށް ކަލްކިއުލޭޓްކުރައްވާ. އެއް ގޮތަކަށް ވެސް އެސޯސިއޭޝަނެއްގެ އިންޓާނަލް ސިޔާސަތު އަޅުގަނޑުމެން ލައްވައި ކުޅުވައިގެން އަޅުގަނޑުމެން މަގާމަކަށް ގެންނާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން." ޝަވީދު ބުންޏެވެ.

img:http://s1.psmnews.mv/images/660x400/14916616921779.jpg|އޮލިމްޕިކް ކޮމެޓީގެ އަހަރީ އާންމު ޖަލްސާ (ފޮޓޯ: ޕީއެސްއެމް-ވަހީދު)

މިއަދުގެ އަހަރީ އާއްމު ޖަލްސާއަށް ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފާއި ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު އަފްލާހް ވަޑައިނުގަންނަވާތީ ޝަވީދުވަނީ އެކަމާއި ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. ޝަވީދު ވިދާޅުވީ އެންމެ ފަހުން ބޭއްވި އެކްސްކޯ ބައްދަލުވުމުގައި އިންތިހާބު އިއުލާން ކުރަން ފާސް ކޮށްފައި ވާނެ ކަމަށާއި، މާދަމާ ނުވަތަ ހޯމަ ދުވަހު އެކަން ގެޒެޓް ކުރެވޭނެ ކަމަށެވެ.

މުހައްމަދު ޝަވީދަކީ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަނުގެ އެކްސްކޯ މެމްބަރެކެވެ. ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ބައެއް ކޮމިޓީތަކުގައި ވެސް މަސައްކަތްކުރައްވާ ޝަވީދު ވަނީ ފުޓްބޯޅަ އެސޯސިއޭޝަނުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންގެ ހައިސިއްޔަތުން އެ އިދާރާ ވެސް ދޮޅު އަހަރެއްހާ ދުވަހު ހިންގަވައިފައެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ އިންތިހާބް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގައެވެ.