ޢާއްމުކޮށް އެންމެނަށް، އިންފުލުއެންޒާ އެޗްވަންއެންވަންގެ ވެކްސިން ދިނުމުގެ މަސައްކަތް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ފަށްޓަވައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވީ އިންފުލުއެންޒާއިން ރައްކާތެރިވުމަށް މާލެއާއި އަތޮޅުތަކުގައި ވެކްސިން ދެމުންދާ ތަންތަނުން ޢާއްމުކޮށް އެންމެންނަށް ވެކްސިން ދިނުމުގެ ކަންކަން މިއަދުން ފެށިގެން ކުރިއަށްދާނެކަމަށެވެ.
ވެކްސިން ދެމުން ދާނީ މާލޭގައި ނަމަ ދަމަނަވެށި، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، ސެނެހިޔާ، މޯލްޑިވިއަން ބްލަޑް ސަރވިސުންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ސިއްޙީމަރުކަޒުތަކުން ވެކްސިން ދެމުންގެންދާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ވެކްސިން ޖަހަން ދާއިރު އައިޑީކާޑު ގެންދިއުމަށްވެސް އެފަރާތުން އެދިވަޑައިގަންނަވައެވެ.މީގެ ކުރިން އިންފުލުއެންޒާ އެޗްވަންއެންވަން އަށް ވެކްސިން ދެމުންދިޔައީ، މި ރޯގާގެ ނުރައްކާ ބޮޑު މީހުންނަށް އަމާޒުކުރައްވައިގެންނެވެ. އެގޮތުން މާބަނޑު މީހުންނާއި، ފަސްއަހަރުން ދަށުގެ ކުޑަކުދިންނާއި، ފަސްދޮޅަސް ފަހަސްއަހަރުން މަތީގެ ދޮށީއުމުރުގެ މީހުންނާއި، ބޮޑުތި ބަލިތަކަށް ފަރުވާ ހޯދަމުންދާމީހުންނާއި، ގުނަވަން ބަދަލުކޮށްފައި ތިބި މީހުންނަށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވެއެވެ.
ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ތަންތަނާއި ވަގުތު:
ދަމަނަވެށި - ހުކުރު، ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:15 އިން 13:00އަށް
މޯލްޑިވިއަން ބްލަޑް ސާރވިސަސް - ހުކުރު، ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00އިން 12:00އަށް އަދި މެންދުރުފަހު 16:00އިން 18:00އަށް
ސެނެހިޔާ - ހުކުރު، ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00އިން 14:00އަށް
ހުޅުމާލެ ހޮސްޕިޓަލް - ހެނދުނު 8:30އިން 13:00އަށް
ވިލިމާލެ ހޮސްޕިޓަލް - ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހު 14:00އިން 16:00އަށް
އޭޑީކޭ ހޮސްޕިޓަލް - ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހަވީރު 17:00އިން 20:00އަށް
އައިޖީއެމްއެޗް - ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު، މާބަނޑު މީހުންނަށް ހެނދުނު 10:00އިން 14:00އަށް، 6 މަހާއި ތިން އަހަރުން ދަށް ކުޑަކުދިން މެންދުރުފަހު 14:00އިން 17:00އަށް