ވިޔަފާރި

މޯލްޑިވިއަންގެ ދަތުރުތައް އަންނަމަހު ރަތަމަލާނާއަށް ފަށަނީ


ކްލޮމްބޯގެ ރަތަމަލާނާ އެއަރޕޯޓަށް މޯލްޑިވިއަންގެ ދަތުރުތައް އަންނަ މަހުގެ ފަހުކޮޅު ފެށިގެންދާނެ ކަމަށް އައިލެންޑު އޭވިއޭޝަނުން ހާމަކޮށްފިއެވެ.

މޯލްޑިވިއަންއިން ކޮލަމްބޯއަށް ދަތުރު ފެށުމުގެ ހުއްދަ ލިބިފައިވަނީ، މާރޗްމަހު ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ސްރީލަންކާގެ ސިވިލް އޭވިއޭޝަން މިނިސްޓަރ ނިމަލް ސިރިޕާލަ ޑިސިލްވާއާ ބައްދަލުކުރައްވައި ބޭއްވެވި މަޝްވަރާތަކަށްފަހުއެވެ. ރަތަމަލާނާ އެއަރޕޯޓަކީ، ސްރީލަންކާގެ ފުރަތަމަ އިންޓަރނޭޝަނަލް އެއަރޕޯޓެވެ. ނަމަވެސް ބަންޑާރަނައިކަ އިންޓަރނޭޝަނަލް އެއަރޕޯޓު ހުޅުވުމާއެކު، ރަތަމަލާނާ އެއަރޕޯޓު ބޭނުންކުރަމުން އައިސްފައިވަނީ، ޑޮމެސްޓިކް އެއަރޕޯޓެއްގެ ގޮތުގައެވެ. އަދި މިހާރު އެއަރޕޯޓަށް އިންޓަނޭޝަނަލް ދަތުރުތައް ނުބާއްވާތާ ވަނީ 50 އަހަރުވެފައެވެ.

އެހެންކަމުން މޯލްޑިވިއަންގެ ދަތުރުތައް ރަތަމަލާނާ އެއަރޕޯޓަށް ފެށުމަށްޓަކައި އެއަރޕޯޓުގެ އިންފްރާސްޓްރަކްޗަރަށް ބަދަލުތައް ގެނައުމުގެ މަސައްކަތްދަނީ ކުރެވެމުންނެވެ. އަދި މަސައްކަތްތައް ނިންމާ އަންނަ މަހުގެ ފަހުކޮޅު މޯލްޑިވިއަންގެ ދަތުރުތައް ސްރީލަންކާއަށް ފެށިގެންދާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކުރެއެވެ. ޓީވީއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އައިލެންޑު އޭވިއޭޝަންގެ ހެޑް އޮފް ފެސިލިޓީސް އަލީ ނަޝާތު ވިދާޅުވީ މޯލްޑިވިއަން އިން ސްރީލަންކާއަށް ކުރާ ދަތުރުތަކުގެ އަގު ހެޔޮ ވާނެ ކަމަށާއި އަގު ބޮޑުކޮށް ޓިކެޓު ވިއްކުމުގެ ވިސްނުމެއް އައިލެންޑު އޭވިއޭޝަނުން ނުގެންގުޅޭ ކަމަށެވެ.

މޯލްޑިވިއަން އިން ސްރީލަންކާއަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު ތިން ފަހަރެވެ. އަދި ލިބޭ ތަރުޙީބަށް ބެލުމަށްފަހު، ކޮންމެ ދުވަހަކު އެއް ފްލައިޓު ލަންކާއަށް އޮޕަރޭޓް ކުރަން ފެށުމަށް ވިސްނާފައިވާކަމަށްވެސް މޯލްޑިވިއަން އިން ހާމަކުރެއެވެ.

ސްރީލަންކާގެ ކޮލޮމްބޯ އަކީ އާންމުކޮށް ދިވެހިން ދަތުރުކުރާ އެއް ސިޓީއަށްވާއިރު، ބަންޑާރަނައިކަ އިންޓަރނޭޝަނަލް އެއަރޕޯޓަށްވުރެ ރަތަމަލާނާ އެއަރޕޯޓް ކްލޮމްބޯ ސިޓީއާ ކައިރިވާނެއެވެ. އެހެންކަމުން މި އެއަރޕޯޓަށް ދަތުރުތައް ފެށުމާއެކު ސްރީލަންކާއަށް ދާ ދިވެހިންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.