ސިއްހަތު

ނަފްސާނީ ދުޅަހެޔޮކާމާގުޅޭ ސިޔާސަތެއް އެކުލަވާލައްވައިފި


ނަފްސާނީ ދުޅަހެޔޮކަމަށް ފަރުވާ އާއި އެހީތެރިކަން ކަށަވަރުކުރުމާބެހޭ ބިލެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ހެލްތް މިނިސްޓަރ ޢަބްދު ﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ސިއްޙަތު ދުވަހާގުޅިގެން ދެއްވި ޚިތާބުގައި މިނިސްޓަރ ވިދާޅުވެފައިވަނީ ނަފުސާނީ ދުޅަހެޔޮކާމާގުޅޭ ސިޔާސަތެއް އެކުލަވާލައްވާފައިވާކަމަށެވެ.

ނަފުސާނީ ބަލިތަކަކީ ބަލާބެލުމަށް ބަލީގެ މާބޮޑު ނިޝާނެއް ފެންނަން ނެތްބައްޔެއްކަމުގައި ވިޔަސް، ދިރިއުޅުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ކުރުވާ ބައްޔެކެވެ. ނަފްސާނީ ބަލި ހުންނަ މީހުންނަކީ ބަލިމީހެއްކަމެއް ބަލާބެލުމަށް އާއްމުންނަށް ފާހަގަނުވެދާނެއެވެ. ނުވަތަ ބަލި ދެނެގަތުމަށް ހަދާ ޓެސްޓަކުން ނަފްސާނީ ބަލި ހުންނަކަންވެސް ދެނެނުގަނެވިދާނެއެވެ. އެހެންނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނަފްސާނީ ބަލި ހުންނަ އެތައްބަޔަކު ދިރިއުޅެމުންދެއެވެ.

ރާއްޖޭގައިވެސް ނަފްސާނީ ބަލިތައް ޖެހިފައިވާ އެތައް ބަޔަކު އެބަތިއްބެވެ. އެފަދަ މީހުންނަށް އަޅާލައި، އެމީހުންގެ ޙައްޤުގައި މަސައްކަތްކުރުމަށް، މިނިސްޓްރީ އޮފް ހެލްތާއި، ސަރުކާރުގެ ކަމާބެހޭ މުވައްސަސާތަކާއި ބައެއް އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމުގެ ސިޔާސަތު މިހާރުވަނީ އެކުލަވާލައްވާފައެވެ.

"މިނިސްޓްރީ އޮފް ހެލްތާ، ސަރުކާރުގެކަމާބެހޭ މުވައްސަސާތަކާއި ބައެއް އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމުގެ ސިޔާސަތު މިހާރުވަނީ އެކުލަވާލެވިފަ. އަދި މިދެންނެވި ސިޔާސަތުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި އެކްޝަން ޕްލޭންއެއް އެކުލަވާލެވި، މިހާރު އަޅުގަނޑުމެން މިތިބީ އަމަލީގޮތުން މިމަސައްކަތްތައް ފެށުމުގެ މަރުހަލާގައި. ނަފްސާނީ ދުޅަހެޔޮކަމަށް ފަރުވާ އާއި އެހީތެރިކަން ކަށަވަރުކުރުމަށްޓަކައި ބިލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އަޅުގަނޑުމެން ވަނީ ފަށާފައި. އެންސްޕާގެ އެހީގައި ނަފްސާނީ ބަލީގެ މީހުންނަށް އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީ ދިނުމާ ބެހޭ ގަވާއިދުގެ މަސައްކަތް މިހާރުވަނީ ފެށިފައި. އަތޮޅު ތެރޭގައި 4 ރީޖަންގައި ސައިކެޓް ރިސްޓް ޑޮކްޓަރުންގެ ޚިދުމަތް ދިނުމާ އެކު އިބްތިދާއީ ޞިއްޙީ ނިޒާމުގެ ތެރެއިން ޚާއްޞަ ފަރުވާގެ ޚިދުމަތައް ރިފަރކުރެވޭނެ ނިޒާމެއްވަނީ ޤާއިމުކުރެވިފައި" މިނިސްޓަރ ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14694453484784.jpg|މެންޓަލް ހެލްތު އެކްޝަން ގެޕް ޕްރޮގްރާމަށް، ނަފްސާނީ ބަލިމީހުންނަށް ޚިދްމަތްދޭ ފަރާތްތައް އަހުލުވެރިކުރުމުގެ ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ޕީއެެސްއެމް

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގައި ތިންސަތޭކަ ބާވިސް މިލިއަނަށް ވުރެ ގިނަ މީހުންނަކީ ނަފްސާނީ ބަލީގެ ޝިކާރައަކަށްވެފައިވާ މީހުންނެވެ. ރާއްޖޭގައި ނަފްސަނީ ބަލި ޖެހިފައިވާ މީހުންގެ ދިރާސާތަކެއް ކުރެވިފައި ނެތްނަމަވެސް، މިދިއަހަރު އާސަންދައިން ގާތްގަނޑަކަށް ތިނެއް ޕޮއިންޓް ތިނެއް މިލިއަން ރުފިޔާ ނަފްސާނީ ބަލިތަކަށް ޚަރަދުކޮށްފައިވާކަމަށް ހެލްތް މިނިސްޓަރު ވިދާޅުވިއެވެ. އަދި ފާއިތުވެދިޔަ އަހަރުތަކުގައި އައި.ޖީ.އެމް.އެޗުން އެވްރެޖް ގޮތެއްގައި އަހަރެއްގެ މައްޗަށް ފަސްހާސް މީހުން ނަފްސާނީ ބަލިތަކުގެ ޚާއްސަ ޑޮކްޓަރުންނަށް ދައްކާފައިވާކަމަށް ހެލްތް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. ނަފްސާނީ ބަލީގައި އަހަރެއްގެ މައްޗަށް ދުއިސައްތައެއްހައި މީހުން އެޑްމިޓްކޮށްގެން ފަރުވާ ހޯދާފައިކަމަށްވެސް ހެލްތް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނަފްސާނީ ބަލީގެ މީހުންގެ ދަފްތަރެއް އެކުލަވާލައްވައި، އެމީހުންނަށް ބޭސް ފޯރުކޮށްދެއްވަމުން ގެންދަވާކަމަށްވެސް ހެލްތް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޑިޕްރެޝަން ފަދަ ނަފްސާނީ މައްސަލަތަކަކީ ޤައުމަކަށް ކުރިމަތިވެދާނެ އެންމެ ބޮޑު އެއް ގޮންޖެހުންކަމުގައި މިނިސްޓަރ ސިފަކުރެއްވިއެވެ.

img:http://s1.psmnews.mv/images/660x400/14915448045443.jpg|

"ޤައުމުގެ ކުރިއެރުމަށާއި ތަރައްޤީއަށާއި ޤައުމުގެ ރައްޔިތުންގެ މަންފާއާއި ދުޅަހެޔޮކަމަށް ހުރަސްއަޅާ އެއް މައްސަލަ. ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އަންދާޒާ ކުރާގޮތުގައި 2020 ވަނައަހަރާއި ހަމައިން މުޅި ދުނިޔެ ކުރިމަތިލާނެ އެންމެ ބޮޑު ބަލިމަޑުކަމަކީ ޑިޕްރެޝަން. މިބަލިޖެހުމުން ދިރިއުޅުމުގެ ހުރިހާކަމަކަށް މިކަމުގެ އަސަރުކޮށް ޒިންމާތައް އަދާނުކުރެވި މީހާ ބަލިމަޑުކަމެއްގެ ތެރެއަށް ގެބިގެންދޭ. މިހެން ދިމާވާ ސަބަބުތައްކަމަށް ބެލެވެނީ މީހާގެ ޢަޤީދާ ބަލިކަށިވުމާ ، ނަފްސާނީ ބަލިތަކާއި މެދު ޢާއްމު ހޭލުންތެރިކަން ދަށްވުމާއި، މިފަދަ ބަލިތައް ތަހައްމަލު ކުރާ ފަރާތްތަކާއި މެދު ޒަމާނުއްސުރެ މުޖުތަމަޢު ވިސްނާގޮތް ތަފާތުވުމުން. ވީމާ އަޅުގަނޑުމެންފަދަ އިސްލާމީ މުޖްތަމަޢެއްގައި އެއްކައުވަންތަ ކަލަކު ވޮޑިގެންވާކަމާ ހުރިހާ ބާރެއް މިލްކުވެގެންވާ ފަރަތަކީ އެއީ ކަން ޤަބޫލްކުރާ ކުރުން ވަރުގަދަކޮށް އެކަކު އަނެކަކަށް އަޅާލުމުގެ ވައްޓަފާޅި އެބަ ދިރުވާ ޢަލާ ކުރަންޖެހޭ."

މިއަހަރު ދުނިޔޭގެ ޞިއްޙަތުގެ ދުވަސް ޚާއްޞަ ކުރެވެނީ ނަފްސާނީ ބައްޔެއްކަމުގައިވާ "ޑިޕްރެޝަން" އަށެވެ. މިއަހަރުގެ ޝިޢާރަކީ "ޑިޕްރެޝަން - ލެޓްސް ޓޯކް" ނުވަތަ "މާޔޫސްވުމުގެބަލި - މި ވާހަކަދައްކަމާ ހިންގާ" މި ޝިޢާރެވެ.  

ނަފްސާނީ ބައްޔަކީ ކޮންމެ އިންސާނަކަށްވެސް ޖެހިދާނެ ބައްޔެކެވެ. މިފަދަ ބަލީގެ ވާހަކަދައްކަންވީ ހަމައެކަނި ޤައުމުގެ ތަރައްޤީއާއި ދައުލަތަށް މާލީ ގޮތުން ލިބޭ ގެއްލުންތަކާހެދި ނޫންކަމަށް މިއަހަރުގެ ސިއްޙަތު ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި ހެލްތް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި މި ބަލީގެ ވާހަކަ ދައްކަންވީ މި ފަދަ ބަލިތައް ތަޙައްމަލު ކުރަމުންދާ މީހުންގެ ޙައްޤުގައިކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެންމެން ގުޅިގެން ނަފްސާނީ ބަލިތަކުގައިވާ ހަމަ ހިމޭންކަން ނައްތާލައި، އެކަކު އަނެކަކަށް އެހީތެރިވެދެއްވުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.