ދުނިޔެ

އެމެރިކާއިން ސޫރިޔާއަށް ވަރުގަދަ ޙަމަލާއެއް ދީފި


ސޫރިޔާ ސިފައިން ބޭނުންކުރަމުންދާ އެއަރ ބޭސްއަކަށް އެމެރިކާއިން ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. ސޫރިޔާ ގަޑިން ރޭ ފަތިހު ހަތަރުގަޑި ސާޅީސްއެހާއިރު ދިން މިޙަމަލާތައް އަމާޒުވެފައިވަނީ ސޫރިޔާގެ ވެރިރަށާއި ކައިރީގައި އޮންނަ އެއަރބޭސްއަކަށެވެ. މިއީ އަންގާރަދުވަހު ސޫރިޔާގެ އިދިކޮޅު ފަރާތްތައް ކޮންޓްރޯލްކުރާ ސަރަޙައްދަކަށް ކެމިކަލް ގޭޙުގެ ޙަމަލާ ދިނުމަށް މަތިންދާބޯޓުތައް ނައްޓާލި އެއަރބޭސްކަމަށް އެމެރިކާއިން ބުނެއެވެ. އެޙަމަލާގައި 70 އަށްވުރެ ގިނަ މީހުން މަރުވެ، 500 އެއްހާ މީހުނަށް ކެމިކަލްގެ އަސަރުކުރިއެވެ. 

އެއަރބޭސް އަށް ޓޮމަހޯކް މަރުކާގެ 59 މިސައިލުން ހަމަލާ ދީފައިވާއިރު، މިއީ ސޫރިޔާގެ 6 އަހަރުވީ ދާޚިލީ ހަނގުރާމަ ފެށިފަހުން އެމެރިކާއިން ސޫރިޔާއަށް ސީދާ ޙަމަލާދިން ފުރަތަމަ ފަހަރެވެ. މިހަމަލާގައި ސޫރިޔާ ސިފައިންގެ ހަތަރު މީހަކު މަރުވެފައިވާކަމަށް ޙަބަރުތައް ބުނެއެވެ. 

އެމެރިކާއިން މީގެ ކުރިން ހަމައެކަނި ދިޔައީ އިދިކޮޅު ހަނގުރާމަވެރިންނަށް އެހީތެރިވަމުންނެވެ. ނަމަވެސް ކެމިކަލް ހަމަލާއާއެކު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވީ ސޫރިޔާގެ އަމަލުތައް އިތުރަށް ބަލައިނުގަނެވޭނެކަމަށާއި އެމެރިކާއިން އެކަނި އޮވެގެން ނަމަވެސް ސޫރިޔާގެ މައްސަލަ ހައްލުކުރުމަކީ އެމެރިކާގެ މައްޗަށް އޮތް ޒިންމާއެއްކަމަށް ދެކެވަޑައިގެންނަވާކަމަށެވެ. 

img:http://s3.psmnews.mv/images/660x400/14915489261490.jpg|އެމެރިކާއިން މިސައިލް ހަމަލާދިން އެއަރބޭސް / މިތަނަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާކަމަށް ޙަބަރުތައް ބުނޭ

އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި ހަމަލާދިން އެއަރބޭސްއަކީ ކެމިކަލް ހަތިޔާރު ރައްކާކޮށްފައި ހުރި ތަނެކެވެ. އަދި އެތަނަށް ދިން ޙަމަލާގައި މަތިންދާބޯޓު ޖައްސަން ބޭނުންކުރާ އޭޕްރޮންތަކާއި، އަސްކަރީ ޖެޓުތަކާއި ތެޔޮ ރައްކާކޮށްފައި ހުރި ތަންތަނަށް ޙަމަލާ ދީފައިވާކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެއެވެ. 

ސޫރިޔާއަށް އެމެރިކާއިން ހުޅަނގުގެ ޤައުމުތަކުން ތާޢީދުކުރާއިރު، ރަޝިޔާއާއި އީރާނުންވަނީ މިކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ސޫރިޔާއަށް ވާގިވެރިވާ ރަޝިޔާ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ މިއީ އެމެރިކާގެ މިއަމަލަކީ ބަލައިގަނެވޭނެ އަމަލެއް ނޫންކަމަށެވެ. އަދި އެމެރިކާގެ މިއަމަލުގެ ސަބަބުން އެމެރިކާއާއި ރަޝިޔާއާ ދެމެދު އޮންނަ އަސްކަރީ ގުޅުން ކެނޑިދާނެކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ. 

ސޫރިޔާގެ 6 އަހަރުވީ ދާޚިލީ ހަނގުރާމަ ފެށުނުފަހުން މިހާތަނަށް ހަތަރު ސަތޭކަ ހާސް މީހުންގެ މަރުވެފައިވާކަމަށް އދއިން ލަފާކުރެއެވެ. ފަސް މިލިއަނެއްހާ ރައްޔިތުން ވަނީ ޤައުމުދޫކޮށް އެހެން ޤައުމުތަކަށް ރެފިއުޖީންގެ ގޮތުގައި ގޮސްފައެވެ. އަދި އިތުރު ހައެއްކަ މިލިއަން މީހުން ސޫރިޔާގެ ތެރޭގައި ގެދޮރުނެތި މަގުމަތިވެފައިވާކަމަށް އދގެ އިދާރާތަކުން ބުނެއެވެ.