ޚަބަރު

ބުރިޖުގެ މައި ފަސް ތަނބުގެ ކޮންކްރީޓް މަސައްކަތް ނިމިއްޖެ


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މައި ފަސް ތަނބުގެ ކޮންކްރީޓް މަސައްކަތް ނިމިއްޖެއެވެ.

ހައުސިންގ މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މައި ފަސް ތަނބުގައި ހިމެނޭ 35 ޕައިލްގެ ކޮންކްރީޓް މަސައްކަތް މިއަދު ނިމިފައިވާ ކަމަށެވެ. އަދި ބްރިޖްގެ ހުރިހާ މަސައްކަތެއްވެސް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ބްރިޖްގެ ކޮންކްރީޓް ފައުންޑޭޝަން މަސައްކަތް ފަށާފައިވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. ބްރިޖަށް އަރަން ހަދާ އެޕްރޯޗް ބްރިޖްގެ ތަނބުތަކުގެ ކޮންކްރިޓް މަސައްކަތުގެ ބޮޑު ބައެއްވެސް މިހާރު ވަނީ ނިމިފައެވެ.

މިހާރު މާލެ ސަރަހައްދުގައި ސަރުކާރުން ކުރިއަށްގެންދަވާ އެންމެ ބޮޑު އެއް މަޝްރޫއު، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ނިންމުމަށް އަމާޒުކުރައްވާފައިވަނީ، 2018 ވަނަ އަހަރުގެ ޖުލައި މަހަށެވެ.