ތަޢުލީމު

ސަރުކާރުން އެމްއީސީސީގައި ދިވެހިންނަށް މިސްކިތެއް ބިނާކުރަނީ


ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ޚާއްސަކޮށްގެން މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރުގައި، މިސްކިތެއް ބިނާ ކޮށްދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙުމަދު ޒިއާދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ސްރިލަންކާގައި ހުންނަ " މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ"ގެ  ތިންވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. މިނިސްޓަރގެ ވާހަކަފުޅުގައި، ކުރިއަށް އޮތް ރަމްޟާން މަހު ކޮންމެ ހަފްތާއަކު އެއްފަހަރު، އެމްއީސީސީގައި ދީނީ ދަރުސް ދިނުމަށް ޢިލްމުވެރިއަކު ސްރީލަންކާއަށް ފޮނުއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ޝައުބާން މަހުގެ އެއްވަނަ ދުވަހު، ޤްރުއާން ހިތުދަސްކުރުމުގެ ޚާއްސަ ޕްރޮގްރާމެއް ފަށްޓަވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެމްއީސީސީގެ އަހަރީ ދުވަސް ފާހަގަކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި، އެސެންޓަރުން ކުރިއަށް ގެންދެވި، "ޤިރާޔަތު ލެވެލް 1" ފުރިހަމަ ކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފައިވެއެވެ. އަދި ވޭދުވެދިޔަ އަހަރުތަކުގައި އެ ސެންޓަރަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވެސް މި ރަސްމިއްޔާތުގައި ވަޒަންކޮށްފައިވެއެވެ.

މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރަކީ، ސްރިލަންކާގައި ދިރިއުޅޭ ދިވެހިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ އިޖްތިމާޢީ އަދި ތަޢުލީމާއި ގުޅުންހުރި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ޚާއްސަކޮށްގެން، ސޯސަންވިލާގައި ހިންގާ ސެންޓަރެކެވެ.