ދުނިޔެ

ސޫރިޔާގައި ދިން ގޭހުގެ ޙަމަލާގައި އެއް އާއިލާއިން 25 މަރު!


ސޫރިޔާގެ އިދްލީބް ޕްރޮވިންސްގެ ޚާން ޝެއިޚުން އަވަށުގައި ދިރިއުޅެމުންދާ އަބްދުލް ހާމިދު ޔޫސުފަށް އަންގާރަދުވަހު ހެނދުނުގެ ވަގުތެއްގައި ހޭލެވުނީ ބޮމެއް ގޮއްވާލުމުގެ ލޮޅުމަށެވެ. ހޭލެވުނުއިރު އޭނާއަށް ނޭވާލާން ހުރީ ދަތިވެފައެވެ. ވަރަށް ހާލުގައި އެނދުން ތެދުވެގެން ހާމިދު ފުރަތަމަވެސް ބެލީ އޭނާގެ ނުވަ މަހުގެ އެއްމާބަނޑު ދެ ކުދިންކަމަށްވާ އަހުމަދު އާއި އަޔާ ކޮބައިތޯ ބެލުމަށެވެ. އަދި އެކުދިން ދިރިތިބިތޯ ބެލުމަށް ތަޅުވާ ހެދިއެވެ. އެކުދިންނަށް ގެއްލުމެއް ނުވާކަން އެނގުމުން އަންހެނުން އަތަށް ދެ ކުދިން ދިނުމަށްފަހު ގޭގައި މަޑުކުރުމަށް ބުނުމަށްފަހު ހާމިދު އަވަސްވެގަތީ، އޭނާ ދިރިއުޅޭ ގެ ކައިރީގައި ދިރިއުޅޭ އޭނާގެ ޢާއިލާގެ ދެން ތިބި މެމްބަރުންގެ ހާލު ބެލުމަށެވެ. 

މަގުމައްޗަށް ނިކުތްއިރު އޭނާއަށް ފެނުނީ ވެއްޓިފައި ތިބީ މީހުންނާއި ރަނގަޅަށް ހިނގައި ނުގަނެވިގެން އުޅޭ މީހުންނެވެ. އޭނާގެ މައިންބަފައިން ދިރިއުޅޭ ގެއަށް ދިޔައިރު ފެނުނީ ހާމިދުގެ އެއްބަނޑު އެއްބަފާ ދެ ބޭބެ މަރުވެފައި އޮތް ތަނެވެ. ގަތް ބިރެއްގެ ބޮޑުކަމުން އޭނާ އަވަހަށް އަންހެނުންނާއި ދަރިންގެ ހާލު ބެލުމަށް އަނެއްކާވެސް އެނބުރި ގެއަށްދިޔައެވެ. ނަމަވެސް މާ ލަސްވެއްޖެއެވެ. ގެއަށްދިޔައިރު ހާމިދުގެ އަންހެނުންނާއި ދެ ކުދިންގެ އޮތީ ބިންމަތީގައެވެ. އަނގައިން ފޮނު އަރާއިރު މުޅި ހަށިގަނޑު ތެޅެނީއެވެ. 

"އަހަރެންގެ ދަރިފުޅު އަހުމަދު އަދި އަޔާ، މަގޭ އަންހެނުން.. އެންމެން ޝަހީދުވެއްޖެ.. މަގާ މުޅި އާއިލާ ދިޔައީ.." ލިބުނު ބޮޑު ހިތާމައިގެ ވާހަކަ ކިޔައިދެމުން ހާމިދު ބުންޏެވެ. 

img:http://s2.psmnews.mv/images/660x400/14914867434232.jpg|ހާމިދު އަބްދުލް ޔޫސުފް، އޭނާގެ ދެ ކުދިންގެ ޖަނާޒާގައި / އޭނާގެ އަންހެނުންވެސް މިހަމަލާގައި މަރުވި

ހާމިދުގެ އަންހެނުންނާއި ދެ ކުދިންނާއެކު އެޢާއިލާއިން 25 މީހުން މަރުވިކަމަށް ބައެއް ޚަބަރުތައް ބުނާއިރު، ސޫރިޔާގެ މީޑިއާތަކުން ލަފާކުރާ ގޮތުގައި އެޢާއިލާއިން މަދުވެގެން 19 މީހުން މަރުވިއެވެ. އޭނާގެ އާއިލާގެ މެމްބަރުން މަރުވީ، ސޫރިޔާގައި ދާޚިލީ ހަނގުރާމަ ފެށިފަހުން އެޤައުމުގައި މިހާތަނަށް ދިން އެންމެ ނުރައްކާތެރި ކެމިކަލް ގޭހުގެ ޙަމަލާގައިކަމަށް ސިއްޚީ ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ސޫރިޔާގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މިޙަމަލާގައި 70 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ފަސް ސަތޭކައަށް ވުރެ ގިނަ މީހުންނަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އަނިޔާ ލިބުނު މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، މަރުވި މީހުންގެ އަދަދު އިތުރުވެދާނެކަމަށް ސިއްޙީ ފަރުވާދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ލަފާކުރެއެވެ.  

އަންގާރަ ދުވަހު ދިން ޙަމަލާގައި އެންމެ ނުރައްކާތެރި ކެމިކަލް ގޭހުގެ ބާވަތްތައް ބޭނުންކޮށްފައިވާކަން ޔަޤީންވާއިރު، މިޙަމަލާއަށް ޒިންމާވާންޖެހެނީ ކޮން ބައެއްތޯ ބެލުމުގެ މަސައްކަތް ބައިނަލްއަޤްވާމީ އިދާރާތަކުން ދަނީ ކުރަމުންނެވެ. 

img:http://s4.psmnews.mv/images/660x400/14914869502651.jpg|ހާމިދު އަބްދުލް ޔޫސުފް، އޭނާގެ މަރުވެފައިވާ ދެ ކުދިންނާއެކު / މިހަމަލާގައި 70 ވަރަކަށް މީހުން މަރުވިކަމަށް ޙަބަރުތައް ބުނޭ

އިދިކޮޅު ހަނގުރާމަވެރިން ކޮންޓްރޯލް ކުރަމުންދާ މިސަރަޙައްދަށް ދިން ޙަމަލާގެ ޒިންމާ އެއްބަޔަކު ދަނީ އަނެއް ބައެއްގެ ބޮލުގައި އަޅުވަމުންނެވެ. ސޫރިޔާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ޖަމާއަތްތަކުން ބުނީ މިއީ ސޫރިޔާގެ ސަރުކާރުގެ ސިފައިން ދިން ޙަމަލާއެއްކަމަށެވެ. ނަމަވެސް ސޫރިޔާ ސަރުކާރުން މިކަން ދޮގުކުރެއެވެ. ސޫރިޔާ އަސްކަރިއްޔާއިން ބުނީ އެމީހުންގެ އެއްވެސް ހަމަލާއެއްގައި ކެމިކަލް ގޭސް ބޭނުންކޮށްފައި ނުވާނޭކަމަށެވެ. 

ސޫރިޔާއާ ގުޅިގެން ހަނގުރާމަވެރިންނާއި ދެކޮޅަށް ވައިގެ ޙަމަލާތައް ދެމުންދާ ރަޝިޔާއިން ބުނީ، މިއީ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި ހުރި ކެމިކަލް ރައްކާކުރާ ގުދަނެއް ގޮވައިގެން ހިނގި ހާދިސާއެއްކަމަށެވެ.

ނަމަވެސް މަންޒަރު ދުށް ފަރާތްތަކުން ބުނީ ޙަމަލާދީފައިވަނީ މަތިންދާބޯޓުތަކެއްގައިކަމަށެވެ. 

img:http://s2.psmnews.mv/images/660x400/14914871100336.jpg|މާޒިން / އޭނާގެ އާއިލާގެ 3 މެމްބަރަކު މަރުވި

"ގާތްގަނޑަކަށް ހެނދުނު ހަގަޑި ތިރީސްކަންހާއިރު އަހަންނަށް މަތިންދާބޯޓުތަކެއްގެ އަޑު އިވުނު. ގޭގެ ފުރާޅު މައްޗަށް އަރާ ބެލިއިރު ފެނޭ މަތިންދާ ބޯޓަކުން އަހަރެންގެ ކާފަ ދިރިއުޅޭ ގޭކައިރިއަށް ބޮން އަޅަމުންދިޔަ މަންޒަރު.. އެދިމާލަށް އަހަރެން އަވަހަށް ދުއްވައިގަތިން.. ކާފަމެންގެއަށް ދިޔައިރު ފެނުނީ ކާފަ ވެއްޓިފައި އޮތްވާ. އެހީއެއް ހޯދުމަށް ބޭރަށް ނިކުތް ތަނާ އަނބުރައިގަނެގެން އަހަރެން ވެއްޓުނީ.. ހޭލެވުނުއިރު އޮތީ ހޮސްޕިޓަލުގައި" 13 އަހަރުގެ މާޒިން ޔޫސްފްއަށް ފެނުނު މަންޒަރު ކިޔައިދެމުން ބުންޏެވެ. 

މިހަމަލާގައި ސަލާމަތްވި ބައެއް މީހުންނާ ހަވާލާދީ ޚަބަރުތައް ބުނާގޮތުން ހަމަލާއާއެކު އެސަރަހައްދުން ރީނދުލާއި ނޫކުލައެއް ފެންނަހުއްޓެވެ. ހަމަލާގައި ޒަޚަމްވި ބައެއް މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، ބައެއް މީހުންނަށް އެމީހުންގެ އާއިލާތަކަށް ވީގޮތެއްވެސް ނޭނގެއެވެ.

img:http://s3.psmnews.mv/images/660x400/14914870338408.jpg|ގޭހުގެ ހަމަލާގެ ސަބަބުން މީހުން މަގުމައްޗަށް މަރުވެގެން ވެއްޓިފައި / މިމައްސަލަ ތަހުޤީޤްކުރެއްވުމަށް ޤައުމުތަކުން ދަނީ ގޮވާލަމުން

އިދްލީބަށް ދިން ޙަމަލާއާއެކު ދުނިޔޭގެ ލީޑަރުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މިއީ ހަނގުރާމައިގެ ޖަރީމާއެއްކަމަށާއި މިކަން މިނިވަންކަމާއެކު ތަހުޤީޤްކުރުމަށް ދުނިޔޭގެ ލީޑަރުން ދަނީ ގޮވާލައްވަމުންނެވެ. 

އެމެރިކާއާއި ފްރާންސުން ހުށަހަޅައިގެން އިއްޔެ ވަނީ އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްވެސް ބާއްވާފައެވެ. ސަލާމަތީ މަޖިލީހުގެ ސިއްރު ބައްދަލުވުމުގައި ސޫރިޔާއާ ދެކޮޅަށް ޤަރާރެއް ފާސްކުރާނެކަމަށް ބެލެވުނަސް، އެބައްދަލުވުން ނިންމާލާފައިވަނީ އެއްވެސް ކަމެއް ނުކޮށެވެ. އަދި ބައްދަލުވުމަށްފަހު އޮފިޝަލުން މީޑިއާއަށް މަޢުލޫމާތެއްވެސް ނުދިނެވެ. 

img:http://s3.psmnews.mv/images/660x400/14914872693287.jpg|ގެހުގެ ހަމަލާގައި މަރުވި ކުޑަކުއްޖެއްގެ ޖަނާޒާ / ބައެއް އާއިލާތަކުގެ މެމްބަރުންނަށް ވީ ގޮތް އަދި ނޭނގޭ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ނުރައްކާތެރި ކެމިކަލް ގޭސްތައް ހަމަލާދިނުމަށް ބޭނުންކުރަމުންދާކަމުގެ ތުހުމަތު ސަރުކާރަށާއި އިދިކޮޅު ފަރާތްތަކަށްވެސް ވަނީ އަމާޒުވެފައެވެ. 2014 ވަނަ އަހަރާއި 2015 ވަނަ އަހަރާއި ދެމެދު ސޫރިޔާ ސަރުކާރުގެ ސިފައިން ދިން ހަމަލާއެއްގައި ކްލޮރިން ބޭނުންކޮށްފައިވާއިރު، އައިސިސްގެ ހަނގުރާމަވެރިން ދިން ޙަމަލާއެއްގައި ވަނީ މަސްޓަޑް ގޭސް ބޭނުންކޮށްފައެވެ. މިއީ ޙަމަލާދިނުމަށް ބޭނުންކުރާ އެންމެ ނުރައްކާތެރި ބާވަތްތަކުގެ ކެމިކަލް ގޭހެވެ. 2013 ވަނަ އަހަރު ސޫރިޔާގެ ގޯޓާ ނަކަމަށް ކިޔާ ސަރަހައްދަކަށް ސޫރިޔާ ސިފައިން ދިން ކެމިކަަލް ހަމަލާއެއްގައި 1400 އެއްހާ މީހުން ވަނީ މަރުވެފައެވެ. އެޙަމަލާ ދިން ފަރާތްތަކާއިމެދު މިހާތަނަށް އައިރުވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.