ކުޅިވަރު

އެންމެ އުނދަގޫ އެއް ޓްރިއަތްލޮން ފުރިހަމަކޮށް ކުޑަހުސެން ޤައުމަށް


ދުނިޔޭގެ އެންމެ އުނދަގޫ އެއް ޓްރިއަތްލޮން ފުރިހަމަކުރުމަށްފަހު ޑރ.ޙުސެއިން ޙަލީމް(ކުޑަ ޙުސެއިން) ރާއްޖެ އަތުވެއްޖެއެވެ. ސައުތް އެފްރިކާގއި އޮތް މި މުބާރާތުގައި ހިމެނެނީ މެރަތަން ދުވުން، ބައިސްކަލް ދުއްވުން އަދި ފެތުމެވެ. މި ޓްރިއަތްލޮން ފުރިހަމަކުރާ ފުރަތަމަ ދިވެއްސަކަށް ވުމަކީ ކުޑަ ހުސެއިން ދެކެމުން އައި ހުވަފެނެކެވެ.

އަޔަން މޭން މުބާރާތަކީ 1978 ވަނަ އަހަރު އެމެރިކާގެ ހަވާއީގައި އެކުވެރިންތަކެއް މެދެއްގައި ކުރެވުނު ބަހުސެއްގެ ތެރެއިން ވުޖޫދަށް އައި މުބާރާތެކެވެ. ބަހުސަކަށްވީ އެންމެ އުދަނގޫކަމަކަށްވާނީ ދުވުންތޯ، ބައިސްކަލް ދުއްވުންތޯ ނުވަތަ ފެތުންކަމާމެދުއެވެ. އެ އެކުވެރިން ނިންމީ ފަހުން މި ތިން ކުޅިވަރުވެސް ހިމެނޭ ގޮތަށް ޓްރިއަތްލޮންއެއް ބޭއްވުމަށެވެ.

މި މުބާރާތަކީ އާއްމުންނަށް ހުޅުވާލެވިގެން މުޅި ދުނިޔޭގައިވެސް ބޭއްވޭ އެންމެ އުދަނގޫ އެއް މުބާރާތެވެ. މި މުބާރާތުގައި 3.8 ކިލޯމީޓަރުގެ ފެތުން، 180.2 ކިލޯމީޓަރު ބައިސްކަލް ދުއްވުން އަދި 42.195 މެރަތަން ދުވުން ހިމެނެއެވެ. މި ތިން ރޭސްވެސް ފުރިހަމަކުރަންޖެހެނީ ފުލުފުލުންނެވެ. 

ކުޑަ ހުސެއިން މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވެފައި ހުންނަތާ އަހަރުތަކެއް ވަނީ ފާއިތުވެފައެވެ. ކަކުލުގެ ދެ އޮޕަރޭޝަނެއް ކުރަންޖެހުނުއިރު އެކަމަށް ބޭނުންވާވަރަށް ފައިސާ އެއްކުރެވިފައިނެތުމަކީ ދިމާވި އަނެއް ގޮންޖެހުމެވެ. "ޕީ.އެސް.އެމް ސްޕޯޓްސް"އާ ވާހަކަދައްކަމުން ކުޑަ ހުސެއިން ބުނީ ސްޕޮންސަރުންގެ އެހީއާއެކުވެސް މިކަން ކުރެވުނީސްކަމަށާއި، އެކަމަކު އެކަހަލަ ކަމަކަށް ސްޕޮންސަރުން ކައިރިޔަށް ދިއުމަކީ އެހާ ބޭނުންވި ގޮތެއް ނޫންކަމަށެވެ. 

"ސްޕޮންސަރ ހޯދައިގެން މިކަން ކުރަން އުޅުނުނަމަ މިކަން ކުރިންވެސް ކުރެވުނީސް ކަންނޭގެ، އެކަމަކު މިކަހަލަ ކަމަކަށް ސްޕޮންސަރ ހޯދުމަކީ އެހާ ބޭނުންވި ގޮތެއް ނޫން. އަޅުގަނޑަށްވުރެ މާ ބޮޑަށް އެހީއަށް ބޭނުންވާ މީހުން އުޅޭނެކަމަށް ގަބޫލުކުރެވޭ" ރޭސް ފުރިހަމަކުރުމަށްފަހު އެނބުރި އައިސް ކުޑަހުސެއިން ބުންޏެވެ.

އަޔަން މޭން ރޭހަކީ 17 ގަޑިއިރުން ނިންމަންޖެހޭ ރޭހެކެވެ. ރާއްޖޭގެ ކުރީގެ އެންމެ ކާމިޔާބު ދުވުންތެރިޔާ ކުޑަ ޙުސެއިން މި ރޭސް ނިންމާފައިވަނީ 15 ގަޑިއިރާ 23 މިނެޓް، 38 ސިކުންތުންނެވެ. އުމުރުން 48 އަހަރުގައި މި ރޭސް ނިންމުމުން ވަރަށް ހިތްހަމަޖެހޭކަމަށް ކުޑަ ހުސެއިން ބުންޏެވެ. އަދި ކުޑަ ހުސެއިން ޤަބޫލްކުރަނީ މިކަމުން ގިނަބަޔަކު އިންސްޕަޔަރވާނެކަމަށެވެ. އަދި މިކަމުން މީހުންނަށް ދުޅަހެޔޮ ސިއްޙަތެއްގައި ތިބެން ހިތްވަރު ލިބޭނެކަމަށްވެސް ހުސެއިން ގަބޫލްކުރެއެވެ. ސްޕޯޓްސް ސައިންސްގެ ތަޢުލީމް ހާސިލްކޮށްފައިވުމުން ކެއުމާ ބުއިން ބަހައްޓަންވާގޮތް އެނުގުމުން މި ރޭސް ފުރިހަމަކުރުމުގައި ފަސޭހަވެގެންދިޔަކަމަށް ޙެސެއިން ބުންޏެވެ.

ޙުސެއިން ފާހަގަކުރިގޮތުގައި ކުރިން ވާދަކުރާ ރޭސްތަކުގައި "މަރަށް، ފުރާނަޔަށް" ބެލުމެއްނެތި ގައިގަހުރި ހިތްވަރެއް ލައިގެން ވާދަކުރިނަމަވެސް މިފަހަރު އެކަން ތަފާތުކަމަށެވެ. ޙުސެއިން މި ރޭސް ފުރިހަމަކުރިއިރު ހުރިހާ ނަމާދެއްވެސް ވަގުތުގައި އަދާކުރިކަމަށް ހުސެއިން ބުންޏެވެ.

ޙުސެއިން ބުނީ އޭނާގެ މި ކާމިޔާބީން ދައްކުވައިދޭން ބޭނުންވަނީ ކޮންމެކަމަކީވެސް ކުރެވިދާނެކަމެއްކަމަށެވެ. 

ޙުސެއިން ވިސްނާފައިވަނީ އޭނާގެ މި ދަތުރާ ގުޅޭގޮތުން ޕްރެޒެންޓޭޝަނެއްވެސް ބޭއްވުމަށެވެ.