ކުޅިވަރު

ޔުވެންޓަސް ކޮޕަރ އިޓަލިއާގެ ފައިނަލަށް ދަތުރުކޮށްފި.


ގޮންޒާލޯ ހިގުއައިން އޭނާގެ ކުރީގެ ކްލަބް ކޮޅަށް ޖެހި ޖެހި ދެ ލަނޑާއެކު ޔުވެންޓަސް ކޮޕަރ އިޓަލިއާގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ކޮޕަރ އިޓަލިއާ ސެމީފައިނަލްގެ ދެވަނަ ލެގުގައި ރޭ ނަޕޯލީގެ ދަނޑުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗް ނަޕޯލީން ކާމިޔާބުކުރީ 3-2 ދެ ލަނޑުންނެވެ. އެހެންނަމަވެސް ފުރަތަމަ ލެގުގެ މެޗް ޔުވެންޓަސް 3-1 ލަނޑުން ކާމިޔާބުކޮށްފައިވާތީ 5-4 ލަނޑުގެ އެގްރިގޭޓުން ފައިނަލްގެ ޖާގަ ލިބިގެންދަނީ ޔުވެންޓަސްއަށެވެ. ރޭގެ މެޗްގައި ނަޕޯލީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހަމްސިކްއާއި، މާރޓެންސްގެ އިތުރުން އިންސިންގއެވެ. ޔުވެންޓަސްގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ކުރިން ނަޕޯލީގައި މޮޅު ކުޅުމެއް ދައްކާފައިވާ ހިގުއައިންނެވެ.

 ކޮޕަރ އިޓަލިއާ ފައިނަލްގައި ޔުވެންޓަސް ބައްދަލުކުރަން ޖެހޭނީ ޖޫން މަހުގެ ދެވަނަ ދުވަހު ލާޒިއޯއާއެވެ. ލާޒިއޯ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލްގައި ރޯމާގެ މައްޗަށް ކުރި ހޯދައިގެންނެވެ.