ކުޅިވަރު

ސެވިއްޔާ ބަލިކޮށް ބާސާ ރިއަލް ފަހަތުގައި


ލަޔަނަލް މެސީގެ ދެ ގޯލާއެކު ސެވިއްޔާގެ މައްޗަށް ކުރި ހޯދާ ބާސެލޯނާ މަޤާމް ދިފާއުކޮށް، ރިއަލްއަށް ޕްރެޝަރކޮށްފިއެވެ.

ސްޕެނިސް ލީގުގައި ރޭ ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗް އެ ޓީމުން ކާމިޔާބުކުރީ 3-0 ލަނޑުންނެވެ. މެޗްގައި ބާސެލޯނާގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ ލަޔަނަލް މެސީއެވެ. އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒްއެވެ. މެޗްގެ ނުވަދިހަވަނަ މިނެޓްގައި ސެވިއްޔާގެ ޕެރޭޒްއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

 މެޗަށްފަހު ބާސެލޯނާގެ ކޯޗް ލުއިސް އެންރިކޭ ބުނީ މިއީ ވަރަށް ހިތްހަމަ ޖެހޭ ތިން ޕޮއިންޓް ކަމަށާއި، ފުރަތަމަ ހާފްގައި ޓީމުގެ ފަރާތުން ފެނުނު ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭކަމަށެވެ. އެހެންނަމަވެސް ރިއަލް މެޑްރިޑްގެ މައްޗަށް ކުރި ހޯދުމަށް އަދި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެކަމަށް އެންރިކޭ ބުންޏެވެ. 

"މެޗްގައި އަހަރެންގެ ޓީމު ވަރަށް ރަނގަޅަށް ކުޅުނު، ހާއްސަކޮށް ފުރަތަމަ ހާފްގައި މުޅި ޓީމުގެ ފަރާތުން ފެނުނީ ވަރަށް މޮޅު ކުޅުމެއް. މި ލިބިގެންދިޔައީ ވަރަށް މުހިންމު ތިން ޕޮއިންޓް. ކުރިއަށް އަދި އޮތީ ލީގު ހޯދުމަށް ކުރަން ޖެހޭ މަސައްކަތް. "އެންރިކޭ ބުންޏެވެ. 

ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ބާސެލޯނާ ތާވަލްގެ ދެވަނާގައި އޮތީ 69 ޕޮއިންޓާއެކުއެވެ. ބާސެލޯނާއަށްވުރެ އެއް މެޗް މަދުން ކުޅެ ތާވަލްގެ އެއްވަނާގައި 71 ޕޮއިންޓާއެކު އޮތް ރިއަލް މެޑްރިޑް ރޭ ލެއަނެސްއާ ދެކޮޅަށް ކުޅުނު މެޗް ވަނީ 4-2 ލަނޑުން ކާމިޔާބުކޮށްފައެވެ. ރޭ ބާސެލޯނާ އަތުން ބަލިވި ސެވިއްޔާ އޮތީ ތާވަލްގެ ހަތަރުވަނާގައި 58 ޕޮއިންޓާއެކުއެވެ.