ވިޔަފާރި

ބިގްފިޝްގެ މަސް ބަންދުކުރާ ކާރުޚާނާއެއް ހިންމަފުށީގައި ހުޅުވައިފި


ބިގްފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މާލެއަތޮޅު ހިންމަފުށީގައި ޤާއިމްކުރި މަސް ބަންދުކުރާ ކާރުޚާނާ ރަސްމީކޮށް ހުޅުވައިފިއެވެ.

އެކުންފުނިން ހިންމަފުށީގައި މަސްބަންދުކުރާ ކާރުޚާނާއެއް ޤާއިމްކޮށް މަސް ބަންދުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ.

ބިގްފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މަސްބަންދުކުރާ ކާރުޚާނާ ރަސްމީކޮށް ހުޅުވައިދެއްވީ، ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ފިޝަރީޒް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ހުސެއިން ސިނާނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިނާން ވިދާޅުވީ، ހިންމަފުށީގައި ޤާއިމްކުރި މި ކާރުޚާނާގެ ސަބަބުން ރާއްޖޭގެ މަސްވެރިންނާއި، ހިންމަފުށީ ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ލިބޭނޭކަމަށެވެ. ރައީސް ޢަބުދުﷲ ޔާމިނުގެ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ތަރައްޤީކުރެއްވުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވައި، ސިނާން ވިދާޅުވީ އަމިއްލަ ފަރާތްތަކަށް ސަރުކާރުން ހުޅުވާލައްވާ ފުރުޞަތުރަކާއި އާ ބާވަތްތަކުގެ މަސްވެރިކަން ތަޢާރަފްކުރެއްވުމާއި، މަސްކިރުވާ ބަނދަރުތައް ހެއްދެވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރެވޭކަމަށެވެ.

img:http://s1.psmnews.mv/images/660x400/14914092082135.jpg|ބިގްފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މަސްބަންދުކުރާ ކާރުޚާނާ ރަސްމީކޮށް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ހުސެއިން ސިނާން ވާހަކަފުޅު ދައްކަވަނީ- ފޮޓޯ: ބިގްފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ބިގްފިޝް މޯލްޑިވްސްގެ ޑިރެކްޓަރު އަލްއުސްތާޛް އިސްމާއީލް އުޝާމް ވިދާޅުވީ، ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ތަރައްޤީކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތަކީ ފާހަގަކުރަންޖެހޭ ކަމެއްކަމަށެވެ. ސަރުކާރުގެ މަސައްކަތްޕުޅުތަކާއިއެކު ޔޫރަޕާއި އެނޫންވެސް ބައިނަލްއަޤްވާމީ އެކިއެކި މާކެޓްތަކަށް މަސްބޭރުކުރުމުގެ ފުރުޞަތު އަމިއްލަ މަސްކުންފުނިތަކަށް ލިބިފައިވާކަން އުޝާމް ފާހަގަކުރެއްވިއެވެ.

ބިގްފިޝް މޯލްޑިވްސްއިން ހިންމަފުށީގައި ހުޅުވި މަސްބަންދުކުރާ ކާރުހާނާއިން ދުވާލަކަށް 30 މެޓްރިކް ޓަނުގެ މަސް ބަންދުކުރެވެއެވެ. މި ފެކްޓްރީއަށް 40 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން ލިބިގެންވާއިރު، މިއަހަރުގެ ތެރޭގައި މަސްފެކްޓްރީގެ ޤާބިލްކަން އިތުރުކުރާނޭކަމަށްވެސް ބިގްފިޝް މޯލްޑިވްސްއިން މައުލޫމާތުދެއެވެ.