ކުޅިވަރު

މަޤާމް ދޫކޮށްލުމުގެ ވިސްނުމެއް ނެތް- ޝަރަފް


މަޤާމު ދޫކޮށްލުމުގެ ވިސްނުމެއް ނެތްކަމަށް ޤައުމީ ފިރިހެން ވޮލީބޯޅަ ޓީމްގެ ކޯޗް މުޙައްމަދު ޝަރަފް ބުނެފިއެވެ.

ނިމިގެންދިޔަ އޭޝިއަން ސެންޓްރަލް ޒޯން ކޮލިފިކޭޝަން މުބާރާތުގައި ހަތަރު ޓީމް ވާދަކުރިއިރު ރާއްޖެއަށް ލިބުނީ ހަތަރު ވަނައެވެ. އަމިއްލަ ޤައުމުގައި ކުޅުނު މުބާރާތުގައި އެއްވެސް މެޗަކުން މޮޅުނުވެވުނީ މައްސަލަތަކެއް ހުރުމުންކަމަށް އެންމެވެސް ޤަބޫލްކުރެއެވެ. ބައެއް ފަރާތްތަކުން އެކަމުގެ ޒިންމާ އަޅުވަނީ ކޯޗު ޝަރަފްގެ ބޮލުގައެވެ.

ނޫސްވެރިންނާ ވާހަކަދައްކަމުން ޝަރަފް ބުނީ ރާއްޖޭގެ އެހެން ރައްޔިތުންވެސް ކަންބޮޑުވާފަދައިން މުބާރާތުގައި ނިކުއިން ނަތީޖާޔާމެދު ވޮލީބޯޅަ އެސޯސިއޭޝަނުންވެސް ކަންބޮޑުވާކަމަށެވެ. 

އެކަމަކު އިސްތިއުފާ ދިނުމަކީ ހައްލުކަމަށް ޤަބޫލުނުކުރާކަމަށް ޝަރަފް ބުންޏެވެ.

ޝަރަފް ބުނީ ޤައުމީ ޓީމުގެ ނަތީޖާތައް ދިޔަގޮތް ބެލުމަށް ކޮމެޓީއެއް އެކުލަވާލެވި، އެކަންތައް ބަލަމުންދާކަމަށެވެ.

"ހުރިހާ ދިވެހި ރައްޔިތުން ކަންބޮޑުވާހެން ނަތީޖާތަކާމެދު އަޅުގަނޑުމެންވެސް ކަންބޮޑުވޭ. ކަންތައްދިޔަގޮތް ބެލޭނެ، އެކަން ބަލައި، ފިޔަވަޅު އަޅަންޖެހޭނަމަ ފިޔަވަޅު އެޅޭނެ" ޝަރަފް ބުންޏެވެ.

ޝަރަފް ބުނެފައިވަނީ އިސްތިއުފާ ދިނުމަށްވުރެ މުހިންމީ ވެގެންދިޔަ ކަންތަކުން ފިލާވަޅު ލިބިގަނެ ކުރިޔަށް އޮތްތަނުގައި އެކަންތައް ރަނގަޅުކުރުންކަމަށެވެ.