ބޭނުން ނުކުރާތާ 5 އަހަރުވެފައިވާ 300 އަށްވުރެ ގިނަ އެކައުންޓް ބަންދުކުރަން ސްޓޭޓް ބޭންކް އޮފް އިންޑިއާ، އެސް.ބީ.އައިއިން ނޯޓިސް ނެރެފިއެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ނެރެފައިވާ ނޯޓިސްއެއްގައި ވަނީ 31 މޭ 2017ގެ ކުރިން އެ ބޭންކުން ޢާއްމުކޮށްފައިވާ ނޯޓިސްގައިވާ 319 އެކައުންޓްގެ ވެރިފަރާތުން އެ އެކައުންޓާ ގުޅޭގޮތުން ބޭންކަށް މަޢުލޫމާތު ޙިއްޞާނުކޮށްފިނަމަ އެކައުންޓްތައް އުވާލާނެ ކަމަށެވެ. ބޭންކުން ނެރެފައިވާ ނޯޓިސްގައި ވާގޮތުން ބަންދުކުރުމަށް ޢާއްމުކޮށްފައިވާ އެކައުންޓްތަކަކީ 5 އަހަރު ދުވަހުގެ ތެރޭގައި އެއްވެސް މުޢާމަލާތެއް ކޮށްފައިނުވާ އެކައުންޓްތަކެވެ.
އެސް.ބީ.އައިއިން ވަނީ އެބޭންކުން ޢާއްމުކޮށްފައިވާ އެކައުންޓްތަކުގެ ވެރިފަރާތަކުން ވީ އެންމެ އަވަހަކަށް އެކައުންޓާމެދު ގޮތެއް ނިންނުމަށް އިލްތިމާސްކޮށްފައެވެ.
ދިވެހިރާއްޖޭގެ ބޭންކިންގެ ޤަވާޢިދުގައިވާގޮތުން އެކައުންޓް ބޭނުން ނުކުރާތާ ފަސްއަހަރު ވުމުން އެކައުންޓް ބަންދު ކުރުމުގެ އިޚްތިޔާރު އެ ބޭންކަކަށް ލިބިގެންވެއެވެ. އެސް.ބީ.އައިއިން ޢާއްމުކޮށްފައިވާ މުއްދަތުގެ ތެރޭގައި އެ ބޭންކަށް ވަކި ގޮތެއް ނާންގާ ފަރާތްތަކުގެ އެކައުންޓް ބަންދުކޮށް، އެކައުންޓުގައި ހުރި ފައިސާ މަރުކަޒީ ބޭންކް، އެމްއެމްއޭއާ ޙަވާލުކުރާނެ ކަމަށްވެސް އެސްބީއައިން ވަނީ ބުނެފައެވެ.
އެސް ބީ އައިގެ ޑޯމަންޓް އެކައުންޓްތަކުގެ ފައިސާ އެމްއެމްއޭއާ ޙަވާލުކުރުމުން އެމް.އެމް.އޭއިން އެފައިސާ އިންވެސްޓް ކުރާފައިސާގެ ތެރޭގައި ހިމަނާނެއެވެ. ބޭންކުން އެ ފައިސާ އެމްއެމްއޭއާ ޙަވާލުކުރާތާ ފަސްއަހަރު ދުވަހުގެ ތެރޭގައި އެކައުންޓްގެ ވެރިފަރާތުން ފައިސާއާ ހަވާލުނުވެއްޖެނަމަ ފިނޭންސް މިނިސްޓްރީއަށް އެފައިސާ ޖަމާކުރެވޭނެއެވެ.