ދުނިޔެ

އުތުރު ކޮރެޔާއިން އަނެއްކާވެސް މިސައިލެއް ޓެސްޓްކޮށްފި


އެމެރިކާއިން ދެމުންދާ އިންޒާރުތަކަށް ބެލުމެއް ނެތި އުތުރު ކޮރެޔާއިން އަނެއްކާވެސް މިސައިލެއް ޓެސްޓުކޮށްފިއެވެ. 

ޙަބަރުތައް ބުނާގޮތުން މިއަދު ހެނދުނުގެ ވަގުތެއްގައި އުތުރު ކޮރެޔާގެ ސަބްމެރިން ބޭސްއެއް ކައިރިން ފޮނުވާލި މިސައިލް ވެއްޓިފައިވަނީ ޖަޕާނު ކަނޑަށެވެ. މިސައިލް 60 ކިލޯ މީޓަރަށް ދަތުރުކުރިކަމަށް އުތުރު ކޮރެޔާގެ އަމަލުތަކަށް ފާރަލަމުންދާ ދެކުނު ކޮރެޔާގެ އަސްކަރިއްޔާއިން ބުނެއެވެ. އެހެން ފަހަރުތަކެކޭ އެއްގޮތަށް މިފަހަރުވެސް މިސައިލާއިބެހޭ މާބޮޑު ތަފްސީލެއް ދެކުނު ކޮރެޔާއާއި އެެމެރިކާއަށް ހޯދިފައެއް ނުވެއެވެ. 

އުތުރު ކޮރެޔާއިން އަނެއްކާވެސް މިސައިލެއް ޓެސްޓްކުރުމުން، އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވީ މިކަމުގައި ދައްކާނެ އިތުރު ވާހަކައެއް ނެތްކަމަށާއި، މަޝްވަރާކުރަންޖެހޭ ވަރަށް މަޝްވަރާކުރެއްވިއްޖެކަމަށެވެ. އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް މިދިޔަ ހަފްތާގައި ނޫސްވެރިންނާއި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ އުތުރު ކޮރެޔާގެ މައްސަލަ އެމެރިކާއިން އެކަނި މަސައްކަތްކޮށްގެންވެސް ހައްލުކުރާނޭކަމަށެވެ.

އުތުރު ކޮރެޔާއިން މިސައިލް ޓެސްޓެއްކޮށްފައިވާއިރު، ޗައިނާގެ ރައީސް މިއަދު އެމެރިކާއަށް ވަޑައިގެންނަވާނެއެވެ. ޗައިނާއާއި އެމެރިކާއާ މެދު ބައްވާ މަޝްވަރާތަކުގައިވެސް އެންމެ ބޮޑަށް މަޝްވަރާކުރެވޭނީ ކޮރެޔާއާ ބެހޭގޮތުން ޚަބަރުތައް ބުނެއެވެ. އުތުރު ކޮރެޔާއިން ސިލްސިލާ ގޮތެއްގައި މިސައިލް ޓެސްޓްކުރަމުންދާއިރު، އެއީ އދ އިން އެޤައުމަށް މަނާކޮށްފައި އޮތްކަމެކެވެ.