 
					
									
			
 
 
 
 ސަރުކާރުގެ ހިލޭ އެހީގައި ބޭސްކުރެވޭ ނިޒާމް ހުސްނުވާ އާސަންދަ ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބުދުލް ޤައްޔޫމް  މިރޭ އިފްތިތާޙްކޮށްދެއްވައިފިއެވެ.
 
ދަރުބާރުގޭގައި މިރޭ  މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ހުސްނުވާ އާސަންދައިގެ ޚިދުމަތް ތަޢާރަފުކުރެއްވުމަށްފަހު ރައީސުލްޖުމުހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސަރުކާރުން ބޭނުންވަނީ، ދިވެހިރާއްޖޭގައި ބޭސްފަރުވާގެ ނިޒާމް އެއްވަނަ ދުނިޔޭގެ ޤައުމުތަކުގައި ދެވޭ ފެންވަރުގެ ނުވަތަ އެއަށްވުރެން ދެރަ ނޫން ފެންވަރެއްގައި ދެވޭ ބޭސްފަރުވާގެ ނިޒާމަކަށް ހެއްދުވުމަށް ކަމަށެވެ.
 
މީގެ އިތުރުން ހުސްނުވާ އާސަންދައިގެ ދަށުން ލިބިދެވޭ ކަންތައްތަކުގެ ތެރޭގައި ބޮޑެތި ބަލިބައްޔަށް ބޭސްކުރެވުމާއި ، ގުނަވަންތައް ހިލޭ ބަދަލުކުރެވުމުގެ އިތުރުން ރާއްޖެއިން ނުކުރެވޭ ބޭސް ރާއްޖެއިން ބޭރުންކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
 
 
ރައީސްގެ ވާހަކަފުޅުގައި ވަނީ މި ޚިދްމަތުގެ ބޭނުން ހެޔޮގޮތުގައި ހިއްޕަވާ ، އިސްރާފުނުކުރެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި މީގެ އިތުރުން  ބޭސްވިއްކާ ފަރާތްތަކާއި ޞިއްޚީ ޚިދުމަތް ދެއްވާފަރާތްތަކުން ވެސް މި ޚިދުމަތުގެ  ނާޖާއިޒު ފައިދާ ނުނެންގެވުމަށް ރައީސް ޔާމިން އެދިވަޑައިގެންނެވިއެވެ.
 
 
ރައީސް ޔާމިން ވިދާޅުވީ ، މިރޭ މި ތަޢާރަފްކުރެވުނު ހުސްނުވާ އާސަންދައިގެ ސަބަބުން އަތުގައި ފައިސާނެތިގެން ބޭސްފަރުވާ ނުކުރެވިހުންނަން ހުންނަންޖެހޭ ހުރުން ނިމުމަކަށް އަންނާނެކަމަށެވެ.
 
 
 
މިރޭގެ ރަސްމިއްޔާތުގައި ނާއިބް ރައީސް ޑޮކްޓަރ ޖަމީލް އަހްމަދު އަދި ހެލްތް މިނިސްޓަރ ޑޮކްޓަރ މަރިޔަމް ޝަކީލާގެ އިތުރުން ދސަރުކާރުގެ އެކި އެކި އިސްބޭފުޅުން ބައިވެރިވަޑައިގެންނެވިއެވެ.