ސިއްހަތު

ނޭވާލާ ނިޒާމުގެ ބަލިތަކާ ގުޅޭ މަސައްކަތު ބައްދަލުވުމެއް ފަށައިފި


އިންފުލުއެންޒާ ފަދަ ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުގެ ސަބަބުން ސީރިއަސް ޙާލަތަކަށްދާ ބަލިމީހުންނަށް އައިސީޔޫގައި ފަރުވާދޭނެ މިންގަނޑުތަކާއި، އެފަދަ ބަލިމީހުންނާމެދު ޢަމަލުކުރަން ވީ ގޮތާ ގުޅޭ މަޢުލޫމާތު ދެއްވުމަށް އައިޖީއެމްއެޗުން މަސައްކަތު ބައްދަލުވުމެއް ފަށްޓަވައިފިއެވެ.

މިމަސައްކަތު ބައްދަލުވުމުގައި ބައިވެރިވަނީ، އެހޮސްޕިޓަލުގެ އައިސީޔޫގައި މަސައްކަތްކުރައްވާ ޑޮކްޓަރުންނާއި ނަރުހުންނާއި ކަމާ ގުޅޭ ފަންނީ ބޭފުޅުންގެ އިތުރުން، ހުޅުމާލޭ ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލުގެ ބައެއް މުވައްޒަފުންނެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ ޑަބްލިޔުއެޗްއޯގެ އެހީތެރިކަމާއެކު އައިޖީއެމްއެޗުން ބޭއްވެވި މި މަސައްކަތު ބައްދަލުވުމަކީ ފުއްޕާމޭގެ ބަލިތައް، ޚާއްސަކޮށް އިންފުލުއެންޒާ ފަދަ ބަލިތައް ޖެހިގެން ސީރިއަސް ޙާލަތަކަށް ދާ ބަލިމީހުންނަށް އައިސީޔޫގައި ފަރުވާދޭނެ މިންގަނޑުތަކާއި، އެކަމާ ގުޅޭ އުކުޅުތައް ކިޔައިދިނުމުގެ ގޮތުން ބޭއްވެވި ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި، މަޢުލޫމާތު ދެއްވަނީ ޑަބްލިޔުއެޗްއޯގެ ފަންނީ ބޭފުޅުންނެވެ.

ނޭވާލާ ނިޒާމަށް ދޭ ފަރުވާގެ ތެރޭގައި ހިމެނޭ ވެންޓިލޭޝަން ކެއަރއާއި، ރައްކާތެރި ގޮތުގައި ފަރުވާ ދޭނެ ގޮތާގުޅޭ ފަންނީ މަޢުލޫމާތު މިބައްދަލުވުމުގައި، ދިނުމަށް ހަމަޖެހިފައިވާ ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ. މީގެ އިތުރުން އިންފެކްޝަން ކޮންޓްރޯލްކުރުމުގެ ގޮތުން އަޅާނެ ފިޔަވަޅުތައްވެސް މި ބައްދަލުވުމުގައި ބައިވެރިންނަށް ދޭނެއެވެ.

img:http://s3.psmnews.mv/images/660x400/14913010027737.jpg|އައިޖީއެމްއެޗުގައި ބޭއްވި މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އައިޖީއެމްއެޗް

މިބައްދަލުވުމުގައި، އައިޖީއެމްއެޗާއި، ހުޅުމާލޭ ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލާއި، އޭޑީކޭ ހޮސްޕިޓަލުން ޖުމުލަ 40 މުވައްޒަފަކު ބައިވެރިވެއެވެ.

އައިޖީއެމްއެޗުގައި މިމަސައްކަތު ބައްދަލުވުން ފަށްޓަވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް ޑރ.މުޙައްމަދު ޙަބީބު ވިދާޅުވީ، ނޭވާލާ ނިޒާމަށްޖެހޭ އިންފުލުއެންޒާ ފަދަ ބަލިތަކަށް ފަރުވާދިނުމަށް ޙަރަކާތްތެރިވާ ސިއްޙީ މަސައްކަތްތެރިންނަކީ އެކަމުގެ އެންމެފަހުގެ ފަންނީ މަޢުލޫމާތު އެނގިގެން ތިބެ ޚިދުމަތްދޭ ބަޔަކަށް ވާންޖެހޭނެކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑަބްލިޔުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޑރ.އަރުވިންދު މާތުރު ދެއްކެވި ވާހަކަފުޅުގައި، ދެމެހެއްޓެނެވި، ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތެއް ދިނުމަށް މިފަދަ ޓްރޭނިންގތަކުގެ ދައުރު ބޮޑުކަން ފާހަގަކުރެއްވިއެވެ.

އައިޖީއެމްއެޗުގެ ކޮންސަލްޓަންޓު އިން ރެސްޕިރޭޓަރީ މެޑިސިން ޑރ.މޫސާ ޙަސަން ވިދާޅުވީ، މިފަހަރުގެ ބައްދަލުވުން މާލޭ ސަރަޙައްދަށް ޚާއްސަކުރެއްވި ނަމަވެސް، ކުރިއަށް އޮތްތާގައި އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނަށްވެސް މިފަދަ ޕްރޮގްރާމްތައް ހިންގެވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް މިބައްދަލުވުން ކުރިއަށްދާނެއެވެ.