ކުޅިވަރު

މޯހަން ކުޑަހުވަދޫ ޓީމަށް އިރުޝާދުދެނީ


އަތޮޅު މުބާރާތާއި، ޒޯން މުބާރާތުގައި ކުޑަހުވަދޫ ޓީމަށް އިރުޝާދު ދިނުމަށް ޤައުމީ ޓީމްގެ ކުރީގެ އެސިސްޓެންޓް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އެ ޓީމާ ހަވާލުވެއްޖެއެވެ.

މިހާރު ކުޑަހުވަދޫ ޓީމަށް އިރުޝާދު ދެމުންދާ މޯހަން ބުނީ ކުޑަހުވަދޫ ޓީމާ ހަވާލުވީ މިދުވަސްކޮޅު އެއްވެސް މަސައްކަތެއް ނެތި ހުސްކޮށް ހުރުމުން މިއީ އަތޮޅުތެރޭގައި ތިބި ހުނަރުވެރި ކުޅުންތެރިން އިތުރަށް ރަނގަޅު ކުރުމަށް ލިބިގެންދާނެ ފުރުޞަތެއް ކަމަށް ފެންނާތީއާ ފެންވަރު ރަނގަޅު ކުޅުންތެރިން މިހާރުވެސް އުފެދެމުން ދަނީ އަތޮޅުތެރޭގެ ރަށްރަށުގައި ކަމަށް ވާތީ އެ ކުޅުންތެރިންނަށް ރަނގަޅު ކޯޗެއްގެ އިރުޝާދު ދިނުމުގެ ބޭނުމުގައި ކަމަށެވެ.

" ވަރަށް ގިނަ ދުވަސްތަކަކަށްފަހު އަތޮޅުތެރޭގެ ޓީމަކާ މިހަވާލުވީ. ތަފާތު ތަޖުރިބާއެއްކޮށްލަންވެސް ބޭނުންވެފަ މިހުރީ." ރަން މެޑަލް ހޯދި ޤައުމީ ޓީމްގެ އެސިސްޓެންޓް ކޯޗު ބުންޏެވެ.

 މޯހަންއަކީ އޭ ލައިސެންސް ކޯޗެއް. އަދި ސީ ލައިސެންސް ކޯސްތަކުގައި ކިޔަވައިދެމުން އަންނަ އިންސްރަކްޓަރެކެވެ. ނިއުރޭޑިއަންޓާއި، މަހިބަދޫ އަށް ފުރަތަމަ ޑިވިޝަންގައި އިރުޝާދުދިން ކޯޗު އެންމެ ފަހުން މަސައްކަތްކުރީ އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރެއްގެ ގޮތުގައެވެ. 

ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށް ކޯޗުކަން ކޮށްދީފައިވާ ބައެއް ކޯޗުންތައް މިދުވަސްވަރު ހިނގަމުންދާ އަތޮޅު މުބާރާތުގައި ޓީމުތަކަށް ކޯޗްކަން ކޮށްދެމުންދާކަން ފާޙަގަކޮށްލެވެއެވެ.