ޚަބަރު

"ވޮބް" ގެ އެވޯޑް 16 ކަނބަލަކަށް !


އަންހެނުން ބާރުވެރިކުރުވައި، މުޖުތަމަޢުގައި ހަމަހަމަ ފުރުސަތުތަކެއް އަންހެނުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރާ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ، ވިމެން އޮން ބޯޑްސްގެ އެނުއަލް އެވޯޑް 16 ކަނބަލަކަށް އަރުވައިފިއެވެ. 

ހޮޓެލް ޖެންގައި އޮތް ޚާއްސަ ރަސްމިޔާތެއްގައި މި އެވޯޑު އެބޭފުޅުންނަށް ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމެވެ. 

ވިމަން އޮން ބޯޑްސް (ވޮބް) އިން ދަނީ އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން ތަފާތު ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މުޖުތަމަޢުގެ އެކި ދާއިރާތަކުގައި ފާހަގަކޮށްލެވޭ މަސައްކަތްކުރާ އަންހެނުންގެ ޚިދުމަތް ފާހަގަކޮށް އެކަމުގެ އަގު ވަޒަންކުރުމަކީ އެޖަމްޢިއްޔާއިން އިސްކަންދޭކަމެކެވެ. އެފަދަ ކަނބަލުންގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ވޮބްއިން ދަނީ އަންހެނުންނަށް ޚާއްސަ އެވޯޑެއް ދެމުންނެވެ. 

ވިމަން އޮން ބޯޑްސް، ވޮބް އެނުއަލް އެވޯޑުގެ ނަމުގައި ދޭ މި އެވޯޑް މިއަހަރު 16 ކަނބަލަކަށް ލިބިވަޑައިގެންފައިވެއެވެ. 

އެވޯޑަށް އެދި ޢާންމުކޮށް ހުޅުވާލުމުން ގިނަ ޢަދަދެއްގެ ކަނބަލުންކުރިމަތިލާފައިވާކަމަށާ، އެހެންއަހަރުތަކާ ޚިލާފަށް މިއަހަރުގެ އެވޯޑު ދީފައިވަނީ ރާއްޖޭގެ އިތުރުން ބޭރު ދުނިޔެއަށްވެސް ހުޅުވާލައިގެންކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ. 

އެވޯޑު ލިބިވަޑައިގެންނެވި އަންހެން ކަނބަލުންގެ ތެރޭގައި އެކިދާއިރާތަކުން ފާހަގަކޮށްލެވޭ ކަނބަލުން ހިމެނެއެވެ. އޭގެތެރޭގައި ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ، އަދި މިހާރުވެސް ޚިދުމަތް ކުރައްވަމުން ގެންދަވާ ކަނބަލުން ހިމެނެއެވެ. 

ޖުމުލަ ސޯޅަ ދާއިރާއަކުން މިފަހަރުގެ ވޮބް އެވޯޑު ދީފައިވާއިރު، އޭގެ ތެރޭގައި، މެނޭޖްމަންޓާއި، އާރޓްސް އެންޑް ކްރާފްޓް، ފާރމިން، ބޭކިން އެންޑް ހޭންޑް ކްރާފްޓްސް، ބޭންކިންގ، އެޑްމިނިސްޓްރޭޝަން، ފައިނޭންސް އެންޑް އިސްލާމިކް ބޭންކިންގ ދާއިރާ ހިމެނެއެވެ. 

އެވޯޑު ލިބިވަޑައިގެންނެވި ކަނބަލުންގެތެރޭގައި ޕަބްލިކް ސަރވިސް މީޑިޔާގެ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދުވެސް ހިމެނިވަޑައިގަންނަވައެވެ. ޝާޔަންއަށް އެވޯޑު ލިބިވަޑައިގަތީ، މެނޭޖްމަންޓުގެ ދާއިރާއިންނެވެ. ޝާޔަން ވަނީ އެދާއިރާގައި 14 އަހަރު މަސައްކަތްކުރައްވާފައެވެ. 

img:http://s4.psmnews.mv/images/660x400/14912786220518.jpg|

އެވޯޑު ލިބުނު ކަނބަލުން ވިދާޅުވެފައިވަނީ، މިފަދަ އެވޯޑެއް ލިބިވަޑައިގަތުމަކީ ޚިދުމަތުގައި ކުރިއަށްދާން ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ. 

ވޮބް އެވޯޑު މިއަހަރު ޕާކިސްތާނުގެ ކަނބަލަކަށްވެސް ލިބިވަޑައިގެންފައިވެއެވެ. އިކޮނޮމިކްސް، ފައިނޭންސް، އިސްލާމިކް ބޭންކިންގ ދާއިރާއިން މި އެވޯޑު ލިބިވަޑައިގަތީ، ޕާކިސްތާނުގެ އިރަމް ސަބާ އަށެވެ. އޭނާ ވަނީ މިދާއިރާގެ 12 އަހަރު ޚިދުމަތް ކުރައްވާފައެވެ.

img:http://s3.psmnews.mv/images/660x400/14912787024898.jpg|

ވޮބް އެނުއަލް އެވޯޑުސް 2016 ، އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި، ވޮބް ޖަމްޢިއްޔާގެ ވައިސް ޗެއަރޕާސަން ޑރ.ޢާއިޝަތު މުނީޒާއަށްވެސް ވަނީ ޚާއްސަ އެވޯޑެއް އަރުވާފައެވެ. މިއީ ޑރ.މުނީޒާގެ ޚިދުމަތްތައް ފާހަގަކުރުމުގެ ގޮތުން އެރުވި އެވޯޑެކެވެ. 

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވޮބް ޖަމްޢިއްޔާގެ ވައިސް ޗެއަރޕާސަން ޑރ.ޢާއިޝަތު މުނީޒާ ވިދާޅުވީ، މިއަހަރުގެ އެވޯޑަށް ޢާންމުކޮށް ހުޅުވާލުމުން، ބައެއް ދާއިރާތަކަށް ކުރިމަތިލެއްވި ކަނބަލުންގެ ޢަދަދު މަދުކަން ފާހަގަކުރެއްވުނު ކަމަށެވެ. 

އަންނަ އަހަރުގެ އެވޯޑަށް ހުޅުވާލާއިރު، މިދާއިރާތަކަށް އަންހެން ކަނބަލުން ކުރިމަތިލައްވާނެކަމަށް އުއްމީދުކުރައްވާ ކަމަށް މުނީޒާ ވިދާޅުވިއެވެ. ޑރ. މުނީޒާ ވިދާޅުވީ، މިފަދަ އެވޯޑުގެ ސަބަބުން އަންހެން ކަނބަލުންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ. 

މުނީޒާގެ ވާކަހަކަފުޅުގައި، ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށް ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. 

ވޮބް ޖަމްޢިއްޔާއަކީ، އަންހެނުންގެ ޙައްޤުޤައި މަސައްކަތް ކުރުމަށް 2015 ވަނަ އަހަރު އުފެއްދި ޖަމްޢިއްޔާއެކެވެ.